ދިވެހި ފިލްމީ ދާއިރާގެ ވިޔަފާރީގެ އަގު، އަހަރަކަށް އެވަރެޖުކޮށް 15 މިލިއަން ރުފިޔާއަށް އަރާ ކަމަށް ފަންނުވެރިކަމާބެހޭ ވަޒީރު ހީނާ ވަލީދު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ގުޅިގެން ގެނެސްދޭ "އަހާ" ފޯރަމްގެ ރޭގެ އެޕިސޯޑުގައި އާންމު ރައްޔިތެއްގެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ހީނާ ވަނީ ދިވެހި ފަންނުވެރިންނަށް ދައުލަތުގެ ބަޖެޓުން ކުރާ ހޭދައަކީ ވަރަށް ބޮޑަށް ސަބްސިޑައިޒް ކޮށްގެން ހިނގާ ޚަރަދުތަކެއްކަން ފާހަގަކުރައްވާފައެވެ.
އޭނާ ވިދާޅުވި ގޮތުގައި އޮލިމްޕަސް ކުއްޔަށް ދެނީ ވަރަށް ކުޑަ އަގެއްގައެވެ. އެއީ ރެއަކަށް 2،000ރ. ކަމަށް ހީނާ ވިދާޅުވިއެވެ. އެއާއެކު ވެސް، ދިވެހި ފިލްމީ ދާއިރާގެ ވިޔަފާރީގެ އަގު ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ.
"މި ދާއިރާގެ ވިޔަފާރިގެ އަހަރަކަށް އެވްރެޖުކޮށް މިހާރު ވިޔަފާރިގެ އަގު މި އުޅެނީ 15 މިލިއަން ރުފިޔާ ހިސާބުގައި،" ހީނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އޮލިޕްމަހުގެ ސިނަމާ ހޯލްގެ އިތުރުން ޕްރެކްޓިސް ރޫމްތަކާއި ޓްރެއިނިން ރޫމްތަކާއި އާޓް ގެލެރީގައި ވެސް އިތުރު ތަންތަން ހުންނައިރު، އެ ތަންތަން ބެލެހެއްޓުމަށާއި މަރާމާތުކުރުމަށް ބޮޑެތި ޚަރަދުތަކެއް ހިނގައެވެ. ނަމަވެސް ފަންނުވެރިންނަށް ސަބްސިޑީތައް ދެނީ ފަންނުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންނަށް ވީހާ ވެސް ބޮޑަކަށް އާމްދަނީ ލިބޭނެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ކަމަށް ހީނާ ވިދާޅުވިއެވެ.
"މިސާލެއްގެ ގޮތުން ދަންނަވާ ކަމަށް ވަންޏާ އާޓިސްޓުންނަށް އަޅުގަނޑުމެން އާޓް ގެލަރީ މި ދޫކުރަނީ އަނެއްހެން ދުވަހު ކުއްޔަކާ ނުލައި. އެހެން ނަމަވެސް އާޓިސްޓަކަށް އެ މައުރަޒަކުން ލިބޭ ފައިދާގެ 15 އިންސައްތަ އެންސީއޭގެ ޓްރަސްޓް ފަންޑަށް މި ޖަމާވަނީ، އިނގޭތޯ." ހީނާ ވިދާޅުވިއެވެ.
އޭނާ ވަނީ، ފިލްމީ ދާއިރާގައި ވެސް ކުރަމުން އަންނަނީ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށް ސިފަކުރައްވައިފައެވެ. އަދި ކުރިއާ ބަލާއިރު މިހާރު މި ދާއިރާ ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމަށާއި، އޮލިމްޕަހުގައި މިހާރު އަޅުވަމުން އަންނަ ފިލްމުތަކުގެ އަދަދުންވެސް އެކަން ހާމަވާކަމަށް ހީނާ ވިދާޅުވިއެވެ.
ދިވެހި ފިލްމީ ދާއިރާގެ އުފެއްދުންތައް އިތުރުވެ، ކުލަގަދަ ހަފުލާތަކާއެކު އައު ފިލްމުތައް ނެރުން ވަނީ އިތުރުވެފައެވެ.
