ޖުމްލަ 44،000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާއެއް އޮއްވައި، މަސްތުގެ ހާލަތުގައި ސައިކަލުމަތީގައި އޮށޯވެއޮވެ ސައިކަލު ދުއްވި މީހާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން އިތުރު 30 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކ. މާފުއްޓަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ އަޙްމަދު ފާރިޒެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި މުދަލަށް ގެއްލުންދިނުމުގެ ތުހުމަތުގައެވެ.
މި މައްސަލައިގައި އޭނާ ފުރަތަމަ ހައްޔަރުކުރީ މިމަހުގެ ހަތަރުވަނަ ދުވަހުގައެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވުމުންނެވެ. އެގޮތުން ސީނަށްދިޔަ ފުލުހުންގެ ބަޔާނާއި ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓާއި ސީސީޓީވީ ފޫޓޭޖް ސްނެޕްޝޮޓް ރިޕޯޓާއި ތުހުމަތުކުރެވޭ ފަރާތުގެ ބަޔާން ހިމަނާފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
ކޯޓު އަމުރުގައިވަނީ އެ މައްސަލައިގައި ފުލުހުން އޭނާގެ ސައިކަލުގައި ޖެއްސިކަމަށް ބުނާ ބުނުން ދޮގުކޮށް، ސީނުގައި ކަން ހިނގާފައިވާގޮތް ސާފުކޮށްދިނުމަށް ސީނުގައިތިބި ފުލުހުންގެ ބަޔާންތަކެއް އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ހުށަހަޅާފައިވާ ކަމަށް ބުނެފައެވެ. އަދި އޭނާއަށް ތަކުރާރުކޮށް މަޑުކުރަން އެންގުމުންވެސް މަޑުނުކޮށް ދިޔަކަމަށާއި ވަންވޭއާ ޚިލާފަށްވެސް އޭނާ ދުއްވިކަމަށާއި ފުލުހުންގެ ކާރުގައި ޖައްސައި ގޭނިގެންދާ ގޮތަށްވެސް ދުއްވިކަމަށާއި ފުލުހުން އޭނާގެ ސައިކަލުގައި ޖައްސައި ވައްޓާލާފައިނުވާނެ ކަމަށް ފުލުހުންގެ ފަރާތުން ފާހަގަކޮށްފައިވާ ކަމަށް އަމުރުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން އޭނާ ހެލްމެޓް ނާޅައި ބުރިޖުމަތިން ސައިކަލު ދުއްވިކަމަށާއި ސައިކަލު ދުއްވަން އެރިއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް އޭނާގެ ބަޔާނުގައި ފާހަގަކޮށްފައިވާ ކަމަށް އަމުރުގައިވެއެވެ. ނަމަވެސް ސައިކަލުމަތީގައި އޮށޯވެގެން އޮވެ ސައިކަލު ދުއްވި ކަމަށް އޭނާ ވަނީ އިންކާރުކޮށްފައެވެ.
ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ --- ފޮޓޯ: ފުލުހުން
ކޯޓު އަމުރުގައިވަނީ މަސްތުގެ ހާލަތުގައިހުރެ އެއްވެސް އުޅަނދެއް ދުއްވުމަކީ އެ އުޅަނދު ދުއްވާ މީހާގެ ފުރާނައާއި މަގުމަތީގައި އުޅޭ މީހުންގެ ފުރާނައަށްވެސް ނުރައްކާތެރި ހާލަތެއް ކުރިމަތިކުރުންކަން ފާހަގަކޮށްފައެވެ.
އޭނާގެ ބަންދަށް އިއްޔެ ކޯޓުން 30 ދުވަސް ޖަހާފައިވާއިރު އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހަށެެވެ.
މި ހާދިސާގައި ފުލުހުންގެ ކާރަށް ގެއްލުންތަކެއް ލިބުނުއިރު، އެކްސިޑެންޓަށްފަހު ސައިކަލު ދޫކޮށް އެ ސަރަހައްދުން އޭނާ ފިލާފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި ފާރިޒަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ލައިސަންސް ނެތި ދުއްވުމާއި އެއްކޮޅަށް ދުއްވާ މަގުތަކުގައި ގަވައިދާ ޚިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި، މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުމަކީ އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ހިމެނޭ ކަންކަންކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
