މި މަހުގެ މިހާތަނަށް 79,529 ފަތުރުވެރިން ރާއްޖެ އައިއިރު މިއީ 3.9 ޕަސެންޓްގެ ދަށްވުމެއްކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ވަނީ 79,529 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. ނަމަވެސް މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 3.9 ޕަސެންޓްގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު އެކަކުން 14 އަށް 82،770 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
ހަމައެއާއެކު މިއަހަރުގެ ޖަނަވަރީ މަހުން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 1،682،550 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރިއިރު މިއީ ވެސް 3.4 ޕަސެންޓްގެ ދަށްވުމެކެވެ. މިދިޔަ އަހަރު އެ މުއްދަތުގައި 1،741،801 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރިއެވެ.
އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައުމަށްފަހު ޚިޔާރުކުރަނީ ރިސޯޓުތަކެވެ. އެގޮތުން 1،219،734 ފަތުރުވެރިން ރިސޯޓު ސްޓޭ ޚިޔާރުކުރިއިރު ގެސްޓްހައުސްތަކުގައި މަޑުކުރީ 360،016 ފަތުރުވެރިންނެވެ. އަދި ހޮޓެލްތަކުގައި 37،514 ފަތުރުވެރިން، ޓޫރިސްޓް އުޅަނދުތަކުގައި 31،509 ފަތުރުވެރިން ވަނީ މަޑުކޮށްފައެވެ.
ޓޮޕް 10 މާކެޓަށް ބަލާއިރު 317،524 ފަތުރުވެރިންނާއެކު އަދިވެސް އެންމެ ޓޮޕް މާކެޓަކީ ޗައިނާއެވެ. އަދި ދެވަނައަށް 239،816 ފަތުރުވެރިންނާއެކު ރަޝިއާ މާކެތު އޮތްއިރު ތިންވަނައިގައި 125،051 ފަތުރުވެރިންނާއެކު އޮތީ ޔޫކޭއެވެ.
ފަތުރުވެރިން އައި މިންވަރު ދަށްވެފައިވާއިރު މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެފައި ފަތުރުވެރިކަމުގެ އެންމެ ލޯ ސީޒަނެވެ.
މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، މި އަދަދު ހަމަކުރުމަށް ކުރިއަށް އޮތް ތިން މަސްތެރޭ، ކޮންމެ މަހަކު ގާތްގަނޑަކަށް ދެ ލައްކަ ފަތުރުވެރިން ބޭނުންވާކަން އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. ނަމަވެސް މި އަހަރު ނިމޭއިރު، މިދިޔަ އަހަރާ އެއް އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވަނީ 'އަހާ' ފޯރަމްގައި ވިދާޅުވެފައެވެ.
މީގެ އިތުރުން ފަތުރުވެރިން އަންނަ މިންވަރު މަދުވެ މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ)ގެ އާމްދަނީން 126 މިލިއަން ރުފިޔާގެ ދަށްވުމެއް ވަނީ ފާހަގަކުރެވިފައެވެ.
ސަރުކާރުން އާމްދަނީ އިތުރުކުރަން އަޅާފައިވާ ފިޔަވަޅުތަކާއެކު ވެސް ޓީޖީއެސްޓީ ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައެވެ. މިދިޔަ ފެބުރުވަރީ މަހުގެ 28 ގައި ފެށުނު ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރަން އޮތް ގިނަ ފްލައިޓުތަކެއް ކެންސަލްވެ، ފަތުރުވެރިން އަންނަ މިންވަރު އަދިވެސް އުޅެނީ މިދިޔަ އަހަރަށްވުރެ 3.5 އިންސައްތަ ދަށްކޮށެވެ.
ނަމަވެސް ކުރިއަށް އޮތް ޕީކް ސީޒަނާއެކު އަހަރުގެ ފަހުކޮޅު ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރެއެވެ.
