ސްރީލަންކާގެ އުމްރާ ގްރޫޕުތަކުން ދަތުރުތައް އިންތިޒާމުކުރުމުގައި ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތައް އެޅުމަށް އެ ގައުމުގެ ހައްޖު މިޝަނުން މިއަދު އަންގައިފިއެވެ.
ސްރީލަންކާގެ ޑިޕާޓްމަންޓް އޮފް މުސްލިމް ރިލިޖަސް އެންޑް ކަލްޗަރަލް އެފެއާޒްގެ ދަށުން ހިންގާ ހައްޖު މިޝަނުން އެގޮތަށް އެންގީ، ސައުދީ އަރަބިއްޔާއަށް ތަކުރާރުކޮށް ހަމަލާތައް ދީފައިވާ މި ދަނޑިވަޅުގައި، އެ ގައުމަށް ކުރާ ފްލައިޓު ދަތުރުތަކަށް ބުރޫއަރާފާނެ ކަމަށް ބެލެވޭތީއެވެ.
ހައްޖު މިޝަންގެ އެންގުމުގައި ހަވާލާދީފައިވަނީ، މިދިޔަ އަންގާރަ ދުވަހު ޖިއްދާގައި ހުންނަ ސްރީލަންކާގެ ކޮންސިއުލޭޓް ޖެނެރަލުން ނެރެފައިވާ ސަލާމަތީ އިރުޝާދަކަށެވެ. ހައްޖު މިޝަނުން ބުނި ގޮތުގައި، މިފަދަ އިލްތިމާސެއް ނެރެން ޖެހުނީ އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައި ދަތުރުކުރި ގިނަ އަދަދެއްގެ އުމްރާވެރިންނަށް ސައުދީ އަރަބިއްޔާގައި ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާ ކަމުގެ ރިޕޯޓުތައް ލިބުމާ ގުޅިގެންނެވެ.
އެހެންކަމުން، ދަތުރު ފެށުމުގެ ކުރިން މެދުއިރުމަތީގެ މިހާރުގެ ހާލަތު ކިޔައިދީ، ފްލައިޓުތައް ކެންސަލްވުން ނުވަތަ ލަސްވުމުގެ ފުރުސަތު އޮތް މިންވަރު އުމްރާވެރިންނަށް ފުރިހަމައަށް ސާފުކޮށްދިނުމަށް ޓްރެވަލް އޭޖެންސީތަކަށް ވަނީ އަންގާފައެވެ. އަދި ކުއްލި ހާލަތެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ އެކަށީގެންވާ ޕްލޭނެއް އެކުލަވާލުމަކީ މުހިންމު ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި އެންގުންތަކާ ޚިލާފަށް، އަދި މަސްރަހަށް ރިއާޔަތްކުރުމެއް ނެތި ދަތުރުތައް އިންތިޒާމުކުރާ ގްރޫޕުތަކުން، އޭގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކާއި ގާނޫނީ މައްސަލަތަކުގެ ޒިންމާ ފުރިހަމައަށް ނަގަންޖެހޭނެ ކަމަށް ޑިޕާޓްމަންޓް އޮފް މުސްލިމް ރިލިޖަސް އެންޑް ކަލްޗަރަލް އެފެއާޒުން ވަނީ އަންގައިފައެވެ.
މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީއާއި، ސްރީލަންކާގެ ހައްޖު މިޝަނާއި، ހައްޖު އެންޑް އުމްރާ ކޮމިޓީގެ އިތުރުން ކަމާބެހޭ ޑިޕާޓްމަންޓުން ވަނީ، މި އިރުޝާދުތަކާ ޚިލާފުވުމުގެ ސަބަބުން އުމްރާވެރިންނަށް ލިބޭ ގެއްލުމެއްގެ ނުވަތަ ދަތިކަމެއްގެ ޒިންމާ އެ ފަރާތްތަކުން ނުނަގާނެ ކަމަށް ހާމަކޮށްފައެވެ.
ސްރީލަންކާގެ އުމްރާވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޒިންމާދާރުކަމާއެކު އަމަލުކުރުމަށާއި، އެންގުންތަކަށް ފުރިހަމައަށް ތަބާވުމަށް ގްރޫޕުތަކަށް ވަނީ އަންގައިފައެވެ.
މެދުއިރުމަތީގެ ހާލަތާ ގުޅިގެން ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އެއާލައިންސުން ވެސް ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި، ސައުދީގެ ރިޔާޟް އަދި ދައްމާމަށް ކުރާ ދަތުރުތައް މި މަހުގެ 24 ގެ ނިޔަލަށް މެދުކަނޑާލާފައެވެ. އެ އެއާލައިނުން ބުނި ގޮތުގައި ދަތުރުތައް އަލުން ފަށާނީ ހާލަތު ރަނގަޅުވުމުންނެވެ.
މި މަހުގެ ހަވަނަ ދުވަހާއި 12 ވަނަ ދުވަހާ ދޭތެރޭގައި ޔަމަނުގެ ހޫޘީން ވަނީ ސައުދީގެ ތިން އެއާޕޯޓަކަށް ނުރައްކާތެރި ހަމަލާތަކެއް ދީފައެވެ. ސައުދީގެ ވެރިރަށުގައި އޮންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭ ގޮތަށް ދިން އެ ހަމަލާތަކުގައި 20 މީހުން މަރުވެ، 370އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ.
