ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ރަސްމާލޭގައި ތަރައްގީކުރާ މަޝްރޫއުގެ ދަށުން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އެ ތަންތަން ލިބޭނީ 99 އަހަރުގެ މުއްދަތަކަށް ކަމަށާއި، އެ މުއްދަތުގެ ތެރޭގައި ވެސް ނުވަތަ މުއްދަތު ހަމަވުމަށްފަހު ވެސް އެތަން އަނބުރާ ވިއްކާލަން ޖެހޭނީ ދިވެހި ސަރުކާރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ދަ ޕަލްސް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރަސްމާލެއިން ދޫކުރާ ޕްރޮޕަޓީތަކުގެ ފުރިހަމަ ކޮންޓްރޯލް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ އަތްމަތީގައި ކަމަށެވެ.
އެގޮތުން 99 އަހަރުގެ މުއްދަތު ހަމަވުމުގެ ކުރިން އެހެން ފަރާތަކަށް ވިއްކާލަން ބޭނުންވި ނަމަވެސް، ވިއްކަން ޖެހޭނީ ސަރުކާރަށް ކަމަށާއި އެހެން ފަރާތަކަށް މިލްކުވެރިކަން ބަދަލުކުރުމުގެ އިޚްތިޔާރު އޮންނާނީ ސަރުކާރަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރަސްމާލޭގެ ބިމުން ބައެއްގައި މިފަދަ ބޮޑު މަޝްރޫއެއް ހިންގަން ސަރުކާރުން ނިންމި މައިގަނޑު ސަބަބަކީ ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
"ރަސްމާލޭގެ އިންވެސްޓުމަންޓުގެ ތެރެއިން އެޅޭ ނުވަތަ ޑެވެލޮޕް ކުރެވޭ ޕްރޮޕަޓީސްތައް ގަންނަ ފަރާތްތަކުން 99 އަހަރަށް މި ގަނެވެނީ، އެފަރާތްތަކުން ދެން އެތަން ޖެހޭނީ ސަރުކާރަށް އަނބުރާ ވިއްކަން. ދެން ސަރުކާރުން އެތަންތަން އެހެން ފަރާތަކަށް ވިއްކާލަންޏާ ވިއްކާނީ. އޭގެ ފުލް ކޮންޓްރޯލް މި އޮންނަނީ ދިވެހި ދައުލަތަށް،" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން މިއީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި ރަސްމާލޭގެ ތަރައްގީ ހަގީގަތަކަށް ހަދައިދޭނެ މުހިންމު މަޝްރޫއެއްކަން ފާހަގަކުރައްވައި، މީގެ ކުރިން ހުޅުމާލެ ތަރައްގީވަމުން އައި ގޮތަށް އަޅާކިޔުއްވަމުން ރައީސް ވިދާޅުވީ، ސިނަމާލެ ބްރިޖު އެޅުމުގެ ކުރިން ހުޅުމާލޭގައި މައިގަނޑު އިންވެސްޓްމަންޓްތަކެއް ނެތުމުން ފެނުނީ ހަމައެކަނި ނިދާލަން ދާ ތަނެއްގެ ގޮތުގައި ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ތަރައްގީ ފޯރުކޮށްދޭން ވާނީ އެގޮތަށް ނޫން ކަމަށް ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫއާ ގުޅުވައިގެން ޔަހޫދީންގެ އާބާދީތައް ރާއްޖެއާ ކައިރިވެ، އެކަމުގެ ނުރައްކާ އޮތް ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، އެއީ އެއްވެސް އިޚްލާސްތެރިކަމެއް ނެތި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި ސިޔާސީ ބޭނުމަށް ހަގީގަތް އޮޅުވާލައިގެން ދައްކާ ވާހަކަތަކެއް ކަމަށެވެ.
މީގެއިތުރުން ރަސްމާލޭގައި އިސްލާމްދީން ނޫން އެހެން ދީންތަކުގެ ކަންކަން ހިންގަން ފުރުސަތު ނުދެއްވާނެ ކަމަށާއި، މި ރާއްޖޭގެ އެއްވެސް ތަނެއްގައި އިސްލާމްދީން ނޫން ދީނެއްގެ ކަންކަން ފާޅުކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ހަމަޖެހުމާއި މަސްލަހަތު ދެމެހެއްޓުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ މައިގަނޑު އަމާޒަކީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ފަޚުރުވެރި ގައުމަކަށް ހެދުން ކަމަށެވެ.
