މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ރިޒާވް ބޭންކް އޮފް އިންޑިއާ ދެމެދު ހަމަޖައްސާފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސުވަޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނުމަކީ، އިންޑިއާއާއި ރާއްޖޭގެ ގާތް ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ދިވެހި ސަރުކާރުން މިއަދު ސިފަކޮށްފިއެވެ.
ދިވެހިރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށާއި، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް އެހީތެރިކަން ދިނުމުގެ ގޮތުން ހަމަޖެއްސި ސްވަޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްފައިވާކަން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ވަނީ އިއުލާންކޮށްފައެވެ.
އެ ނިންމުމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މި ފެސިލިޓީގެ މުއްދަތު އިތުރުކުރުމަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ. އަދި އިންޑިއާ ސަރުކާރުން ރާއްޖެއަށް މެދުކެނޑުމެއްނެތި ދެމުންގެންދާ އެހީތެރިކަމާއި އެއްބާރުލުމަށް ދިވެހި ސަރުކާރުން އިޚުލާސްތެރިކަމާއެކު ޝުކުރު އަދާކުރާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ދިވެހި ސަރުކާރުން އޮތީ އިންޑިއާ ހިމެނޭ ގޮތަށް މުހިންމު ބައިލެޓަރަލް ބައިވެރިންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖެއާއި އެ ގައުމުތަކަށް ފައިދާހުރި ދާއިރާތަކުން އެއްބާރުލުން ފުޅާކުރުމަށް ސާބިތުކަންމަތީގައި ކަމަށެވެ.
މީގެ އިތުރުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ 'ނޭބަހުޑް ފަސްޓް' ސިޔާސަތުގެ ދަށުން އިންޑިއާއިން ދެމުންގެންދާ އެހީތެރިކަން ދިވެހި ސަރުކާރުން ބަލައިގަންނަ ކަމަށާއި، ދެ ގައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި މި ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އެ ނިންމުމާ ގުޅޭ ގޮތުން އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނުގައިވަނީ، މި ފެސިލިޓީއަކީ ރައީސް 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސާކް ގައުމުތަކަށް ޚާއްސަކޮށްފައިވާ ކަރަންސީ ސްވަޕް އިންތިޒާމުގެ ދަށުން ސޮއިކުރި އެއްބަސްވުމަކުން ހަމަޖެއްސި ފެސިލިޓީއެއް ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން 30 ބިލިއަން ރުޕީސްގެ ފުރަތަމަ ބައި ރާއްޖެއަށް ދޫކޮށްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 23ގައެވެ.
ދެހާސް ސައުވީސް ވަނަ އަހަރުން 2027 އަށް އެކުލަވާލާފައިވާ މި އޮނިގަނޑުގެ ދަށުން ދެފަރާތުގެ މެދުގައި ވެވިފައިވާ ރުޕީސް ކަރަންސީ ސުވަޕް އިންތިޒާމުން އިންޓްރެސްޓް ރޭޓާއި އެހެނިހެން ޝަރުތުތަކުން ބޮޑެތި ލުއިތަކެއް ލިބެއެވެ. އިންޑިއާ ހައިކޮމިޝަނުން ފާހަގަކުރި ގޮތުގައި، 2012 ވަނަ އަހަރު މި އޮނިގަނޑު ތައާރަފުކުރި ފަހުން އިންޑިއާގެ މަރުކަޒީ ބޭންކު މެދުވެރިކޮށް ރާއްޖެއަށް ޖުމްލަ 1.1 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ސްވަޕް އެހީތެރިކަމެއް ވަނީ ފޯރުކޮށްދީފައެވެ.
މީގެ އިތުރުން، 250 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރުގެ ދިގު މުއްދަތުގެ ދެ ޓްރެޒަރީ ބޮންޑް ވެސް އިންޑިއާއިން ވަނީ ގަނެފައެވެ. އަދި އިންޑިއާއިން ގަނެފައިވާ 150 މިލިއަން ޑޮލަރުގެ ތިން ޓީ-ބިލް ރާއްޖެއިން ދައްކައި ޚަލާސްކޮށްފައިވާއިރު، އެއަށް އެރި އިންޓްރެސްޓްގެ ގޮތުގައި 42.8 މިލިއަން ޑޮލަރު ދައްކާފައިވަނީ އިންޑިއާ ސަރުކާރުންނެވެ. ހައިކޮމިޝަނުން ބުނީ މި ކަރަންސީ ސުވަޕް ފެސިލިޓީއާއި، ޓީ-ބޮންޑް އަދި ޓީ-ބިލްތަކަކީ ރާއްޖޭގެ މާލީ ހަމަޖެހުން ދެމެހެއްޓުމަށް ލިބުނު ވަރަށް މުހިންމު އެހީއެއް ކަމަށެވެ.
