މިހާރު ސިނަމާގައި ދައްކަމުންދާ ދިވެހި ފިލްމު "ދެވި"ގެ ވަދާއީ ޝޯތަކުގެ ޓިކެޓު ވިއްކަން ފަށައިފިއެވެ.
އަންނަ އަންގާރަ ދުވަހުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް އަޅުވާ މި ޝޯތަކުގެ ޓިކެޓް މިހާރު ދަނީ އޮލިމްޕަސް ކައުންޓަރުން ވިކެމުންނެވެ.
ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މައުލޫމާތު ދޭ ގޮތުގައި، މިއީ ސިނަމާއިން މި ފިލްމު ބަލާލަން ލިބޭނެ އެންމެ ފަހު ފުރުސަތަށް ވާތީ، ގިނަ އަދަދެއްގެ ބެލުންތެރިން ޓިކެޓު ނަގަމުން އަންނަ ކަމަށެވެ.
މިގޮތުން، ވަދާއީ ޝޯތަކަށްވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ޕްރޮޑަކްޝަން ޓީމުން މައުލޫމާތުދެއެވެ.
މި ފިލްމުގެ ޝޯތައް ބެލުމަށްފަހު ނުކުތް ބެލުންތެރިންގެ މެދުގައި އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ، މައި ރޯލުން ފެންނަ މަރިޔަމް އައްޒަ ކުޅެފައިވާ "މާޝީ" އަދި "މާހީ" ގެ ކެރެކްޓަރަށެވެ. އެއް ފަންނާނަކު ދެ ކެރެކްޓަރެއްގެ ތަފާތު އިހުސާސްތައް ވަރަށް މޮޅަށް ސްކްރީނަށް ގެނެސްދީފައިވާކަން ބެލުންތެރިން ފާހަގަކުރިއެވެ.
ހުސައިން ހާޒިމް (ސޭންޑީ) ޑައިރެކްޓުކުރި މި ފިލްމުގެ މިހާތަނަށް ދެއްކި ހުރިހާ ޝޯއެއް ވަނީ ހައުސްފުލްވެފައެވެ.
