ދުނިޔޭގެ ބޮކްސިން ތާރީޚު ދުށް އެންމެ ވަރުގަދަ އަދި އެންމެ މަގުބޫލު ޝަޚްސިއްޔަތު، މުޙައްމަދު ޢަލީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފުރަތަމަ ރަސްމީ ސްކްރިޕްޓެޑް ސީރީޒް "ދަ ގްރޭޓަސްޓް"ގެ ރަސްމީ ޓްރެއިލާ އާއި ޕޯސްޓަރު އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސް އަދި ޕްރައިމް ވީޑިއޯއިން ދައްކާލައިފިއެވެ.
ޒުވާން އެކްޓަރު ޖާލެން ބެސްޓް، މުޙައްމަދު ޢަލީގެ ރޯލުން ފެނިގެންދާ މި ސީރީޒްގެ ހުރިހާ އެޕިސޯޑެއް، އަންނަ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ދުނިޔޭގެ 240 އަށްވުރެ ގިނަ ޤައުމާއި ސަރަޙައްދުގައި ޕްރައިމް ވީޑިއޯ މެދުވެރިކޮށް އެއްފަހަރާ ޕްރީމިއާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ސީރީޒް ބިނާކޮށްފައިވަނީ އެމެރިކާގެ އިޖުތިމާޢީ އަދި ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، އަމިއްލަ ޝަޚްސިއްޔަތާއި މިނިވަންކަން ދިފާޢުކުރުމަށްޓަކައި ޢަލީ ކުރެއްވި ވަރުގަދަ ޖިހާދުގެ މައްޗަށެވެ. އެމެރިކާގެ ލުއިވިލްއަށް އުފަންވި އާދައިގެ ޒުވާނަކު، ބޮކްސިން ރިންގުގައި ހޯދި ތާރީޚީ ކާމިޔާބީތަކާއި އޭނާގެ ހަރުދަނާ އަޤީދާއާ އެކު ދުނިޔެ ބަލައިގަތް ވަރުގަދަ ލެޖެންޑަކަށް ބަދަލުވެގެން ދިޔަ ގޮތް މި ސީރީޒުން ފުރިހަމައަށް ފެނިގެންދާނެއެވެ.
މި ޕްރޮޖެކްޓުގައި ހޮލީވުޑްގެ ނުފޫޒުގަދަ ތަރިންތަކެއް ހިމެނޭއިރު، ޢަލީގެ ބައްޕަ ކެޝިއަސް ކްލޭ ސީނިއާގެ ރޯލުން އޮމާރީ ހާޑްވިކް، މަންމަ އޮޑެސާގެ ރޯލުން ޑާނާ ގޫރިއާ އަދި ކޮއްކޮ ރޫޑީގެ ރޯލުން ކައި ޕާހަމް ފެނިގެންދާނެއެވެ.
މުޙައްމަދު ޢަލީ އަނބިކަނބަލުން ލޮނީ ޢަލީއާ އެކު -- ފޮޓޯ/ ފޭސްބުކް
މީގެ އިތުރުން ސަނީ ލިސްޓަންގެ ރޯލުން އަމިން ޖޯސެފް، ކޯޗު އެންޖެލޯ ޑަންޑީގެ ރޯލުން ޖިއޮވާނީ ރިބީސީ އަދި މެލްކަމް އެކްސްގެ ރޯލުން ފެންނާނީ މައިކަލް އީލީއެވެ. މި ސީރީޒްގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި މުޙައްމަދު ޢަލީގެ ހުވަފަތް އަނބިކަނބަލުން ލޮނީ ޢަލީ ބައިވެރިވެވަޑައިގަންނަވާއިރު، ޝޯރަނާ އަދި އުފެއްދުންތެރިޔަކީ މަޝްހޫރު ޑައިރެކްޓަރު ބެން ވޮޓްކިންސްއެވެ.
މީލާދީން 1942 ވަނަ އަހަރު ކެޝިއަސް މާސެލަސް ކްލޭ ޖޫނިއާގެ ނަމުގައި ދުނިޔެއަށް އުފަންވި ޢަލީއަކީ ހެވީވެއިޓް ބޮކްސިންގެ ތާރީޚު ދުށް އެންމެ މޮޅު އެތުލީޓެވެ. އިސްލާމްދީން ޚިޔާރުކުރެއްވުމަށްފަހު، ކުރީގެ ނަމަކީ އަޅުވެތިކަމާ ގުޅިފައިވާ ނަމެއް ކަމަށް ވިދާޅުވެ އެ ނަން ދޫކޮށްލައްވައި "މުޙައްމަދު ޢަލީ"ގެ ނަން އިޚްތިޔާރުކުރެއްވިއެވެ.
އޭނާގެ ޙަޔާތުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ވިއެޓްނާމް ހަނގުރާމައާ ދެކޮޅަށް ފާޅުގައި ތެދުވެ، އަސްކަރިއްޔާއާ ގުޅުމަށް އިންކާރުކުރެއްވި މައްސަލައެވެ. އެ ނިންމުމާ ގުޅިގެން ކުށްވެރިވެ، ބޮކްސިންގެ ހުރިހާ ޓައިޓަލްތަކެއް އޭނާގެ އަތުން އަތުލައިގަތް ނަމަވެސް، ކޯޓުގައި ދިގު ޤާނޫނީ ހަނގުރާމައެއް ކުރައްވައި 1971 ވަނަ އަހަރު އެމެރިކާގެ ސުޕްރީމް ކޯޓުން ވަނީ އެ ޙުކުމް ބާތިލުކޮށްފައެވެ.
ޢުމުރުން ދުވަސްވީ ފަހުން 1984 ވަނަ އަހަރު ޕާކިންސަންސް ބަލި ތަހައްމަލުކުރައްވަމުން ގެންދަވާކަން އާންމުކުރެއްވި ޢަލީ، ދުނިޔެ ދޫކުރެއްވީ 2016 ވަނަ އަހަރު އުމުރުން 74 އަހަރުގައެވެ. ކުޅިވަރުގެ މައިދާނުގެ އިތުރުން ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ވަކާލާތުކުރެއްވި ބަތަލެއްގެ ގޮތުގައި ތާރީޚުގައި ލިޔެވިފައިވާ މުޙައްމަދު ޢަލީގެ މި ޚާއްސަ ސީރީޒް ވެގެންދާނީ އޭނާގެ ޙަޔާތުގެ މުހިންމު ސޮފްހާތައް ފުރިހަމައަށް ބަލާލެވޭނެ އަގުހުރި އުފެއްދުމަކަށެވެ.
