ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ބިލު ފިލިޕީންސްގެ މަޖިލީހުގެ ތިރިގެއިން ފާސްކޮށްފިއެވެ.
ފިލިޕީންސްގައި އުމުރުން 13 އަހަރުން ދަށުގެ ކުޑަކުދިން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރުން މަނާކުރާ ބިލެއް އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ތިރި ގެއިން (ހައުސް އޮފް ރެޕްރެޒެންޓެޓިވްސް) އިން ފާސްކޮށްފައިވާއިރު، މިއީ ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންގެ ސިއްހަތަށާއި ރައްކާތެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކާމެދު ކަންބޮޑުވުން ބޮޑުވެ، ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަދުކުރުމަށް ފިލިޕީންސްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެކެވެ.
މަޖިލީހުގެ ތިރި ގޭގެ އަޣުލަބިއްޔަތުން މި ބިލު ފާސްކޮށްފައިވަނީ، މީގެ ކުރިން ފިލިޕީންސްގެ ސެނެޓުންވެސް މިފަދަ ބިލެއް ފާސްކޮށްފައިވަނިކޮށެވެ. މި ގާނޫނު ތަންފީޒުކުރުމުގެ ކުރިން ދެ މަޖިލީހުން ފާސްކުރި ބިލުތައް އެއްގޮތްކޮށް، އެކުލަވާލެވޭ ފައިނަލް ޑްރާފްޓް ރައީސް ފާދިނަންޑް މާކޯސް ޖޫނިއާގެ ތަސްދީގަށް ފޮނުވަންޖެހޭނެއެވެ.
މި ގާނޫނު އެކުލަވާލުމުގެ މަސައްކަތް އަވަސްވެފައިވަނީ މި އަހަރުގެ ޖޫން މަހުން ފެށިގެން ފިލިޕީންސްގެ ސްކޫލްތަކުގައި ހިނގި ބަޑީގެ ހަމަލާތަކާ ގުޅިގެންނެވެ. އެގޮތުން ވޭތުވެދިޔަ މަހު އުމުރުން 16 އަހަރުގެ ދަރިވަރަކު ބަޑިން ހަމަލާދީ ދެ ދަރިވަރަކު މަރާލުމަށްފަހު އަމިއްލައަށް މަރުވެފައިވާއިރު، އޮގަސްޓް މަހުވެސް ދަރިވަރަކު ވަނީ ކްލާސްކުއްޖަކަށް ބަޑިން ހަމަލާދީ މަރާލާ މަންޒަރު ސޯޝަލް މީޑިއާގައި ލައިވްސްޓްރީމްކުރުމަށްފަހު އަމިއްލައަށް މަރުވެފައެވެ. މީގެ ކުރިން ފިލިޕީންސްގެ ސްކޫލްތަކުގައި ބަޑީގެ ހަމަލާތައް ދިނުމަކީ މަދުން ނަމަވެސް ހިނގައިފައިވާ ކަމެކެވެ.
ސެނެޓުން ފާސްކުރި ބިލާމެދު ވިސްނަވަމުންދާކަން ހާމަކުރައްވަމުން ރައީސް ފާދިނަންޑް މާކޯސް ޖޫނިއާ ވިދާޅުވީ، ސޯޝަލް މީޑިއާ އެއްކޮށް މަނާކުރުމުން ކުދިން ސިއްރުން އިންޓަނެޓް ބޭނުންކުރަން ފަށައި، އޮންލައިންކޮށް ކުދިންނަށް ކުރާ ގަނާކުރުމާއި ނާޖާއިޒު ފައިދާ ނެގުމުގެ ހާދިސާތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެދާނެ ކަމަށެވެ. ސެނެޓުން ފާސްކުރި ބިލު މަޖިލީހުގެ ތިރި ގޭގެ ބިލަށްވުރެ ހަރުކަށިއިރު، އެ ބިލުގައި އުމުރުން 18 އަހަރުން ދަށުގެ އެއްވެސް ކުއްޖަކަށް ސޯޝަލް މީޑިއާ އެކައުންޓެއް ހެދުން މަނާކުރެއެވެ.
މި ބިލު ފާސްކުރުމާ ގުޅޭގޮތުން ޓިކްޓޮކް، ޔޫޓިއުބްގެ މައި ކުންފުނި އަލްފަބެޓް، އަދި ފޭސްބުކް އާއި އިންސްޓަގްރާމްގެ މައި ކުންފުނި މެޓާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ހަނިކުރުމަށް ފިލިޕީންސްއިން ފިޔަވަޅު އަޅަމުންދާއިރު، ގްރީސް، ޕޯޗުގަލް، އޮސްޓްރޭލިއާ، މެލޭޝިއާ އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކުންވެސް ވަނީ މިފަދަ ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެގޮތުން މެލޭޝިއާއިން ވަނީ ޖޫން މަހުން ފެށިގެން އުމުރުން 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާގައި އެކައުންޓް ހެދުން މަނާކޮށް، ސަރުކާރުގެ ރަސްމީ ލިޔެކިޔުންތައް މެދުވެރިކޮށް އުމުރު ކަށަވަރުކުރަން ސޯޝަލް މީޑިއާ ކުންފުނިތަކަށް އަންގާފައެވެ. އެ ގައުމުން ވަނީ 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެ އުސޫލަށް އަމަލުކުރުމަށް މުއްދަތު ދީފައެވެ.
އިންޑޮނޭޝިއާއިން މާޗް މަހު ނެރުނު ގަވާއިދެއްގެ ދަށުން ނުރައްކާތެރި ކަމަށް ބެލެވޭ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ތިބި 16 އަހަރުން ދަށުގެ ކުދިންގެ އެކައުންޓްތައް ސަސްޕެންޑްކުރަން ވަނީ އަންގާފައެވެ. މީގެ ތެރޭގައި އެކްސް، އިންސްޓަގްރާމް އަދި ރޯބްލޮކްސް ހިމެނެއެވެ.
އެ ގަވާއިދުގެ ދަށުން މިދިޔަ ހަފުތާއާ ހަމައަށް ޓިކްޓޮކުން ވަނީ އިންޑޮނޭޝިއާގެ 16 އަހަރުން ދަށުގެ 9 މިލިއަނެއްހާ އެކައުންޓް ބަންދުކޮށްފައެވެ. އަދި މެޓާއިން ވަނީ އިންސްޓަގްރާމްގެ 85،000 އެކައުންޓާއި ފޭސްބުކްގެ 99،000 އެކައުންޓް ބްލޮކްކޮށްފައެވެ.
