ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދިނުމަށް ނިންމާފައިވާ ނިންމުން ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ، އެކަން ހުއްޓުވުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމަވައިފިއެވެ.
ގާނޫނީ ވަކީލު އަލީ ހުސައިން ހުށަހެޅުއްވި، މި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުމުގައިވަނީ، މިއީ ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅޭނެ ބާވަތުގެ މައްސަލައެއް ނޫން ކަމަށެވެ.
ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުން، ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅޭނީ ގައުމު ދުސްތޫރީ ހުސްކަމަކަށް ގޮސްދާނެ ނުވަތަ ނިޒާމުން ބޭރުވެދާނެ ފަދަ މައްސަލަތަކާއި ގާނޫނުއަސާސީ މާނަކުރުމާ ގުޅޭގޮތުން ދައުލަތުގެ ދެ މުއައްސަސާއެއް ނުވަތަ ދެ ބާރެއްގެ ދެމެދުގައި އުފެދޭ ހިލާފުތަކުގެ އިތުރުން ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލަތަކެވެ.
މައްސަލަ ބަލައި ނުގަންނަން ނިންމަވާ ރަޖިސްޓްރާގެ މި ނިންމެވުން މުރާޖާކޮށްދިނުމަށް އެދި 14 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށްފަހު އަލީ ހުސައިން ނެރުއްވި ބަޔާނުގައި ފާހަގަކުރެއްވި މުހިންމު ކަންތައްތަކަކީ:
ކުއްޔަކާ ނުލައި ބިން ދިނުން: އެކުއިޒިޝަން ކޮސްޓެއް ނުވަތަ ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް، ބިމުގެ މިލްކުވެރިކަމުގެ މަސްލަހަތު އީގަލް ހިލްސްއަށް ލިބޭ ގޮތަށް ދޫކުރުން.
ގާނޫނުއަސާސީގެ 250 ވަނަ މާއްދާއާ ހިލާފުވުން: ގާނޫނުއަސާސީގެ 250 ވަނަ މާއްދާގައި ދައުލަތުގެ މުދަލެއް ނުވަތަ ރައުސްމާލެއް ދޫކުރަންވާނީ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށް ބަޔާންކޮށްފައިވާއިރު، ބޭރުގެ ފަރާތަކަށް 99 އަހަރަށް އެއްފަހަރާ ބިން ކުއްޔަށް ދޫކުރުމުގެ ގާނޫނީ އޮނިގަނޑެއް ރާއްޖޭގައި ނެތުން.
ތިންވަނަ ފަރާތްތަކަށް ހައްގުތައް ދިނުން: ތިންވަނަ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ހައްގުތައް އުފެއްދުމުގެ ބާރު އީގަލް ހިލްސްއަށް ލިބޭ ގޮތަށް އެއްބަސްވުމުގައި ހިމަނާފައިވާ މާއްދާތަކުގެ ސައްހަކަމާމެދު ސުވާލު އުފެއްދެވުން.
ވަގުތީ އަމުރަކަށް އެދުން: މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަންދެން އެއްބަސްވުމަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދިވަޑައިގެންފައިވެއެވެ.
ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މަރީނާ" މަޝްރޫއު ކުރިއަށް ގެންދިއުމަށް ދިވެހިސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސްއާ ދެމެދު ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުއެވެ. ވިހި ބިލިއަން ޑޮލަރުގެ މި އިންވެސްޓްމަންޓުގެ ދަށުން ހޮޓާތަކާއި، މަރީނާއެއްގެ އިތުރުން ވިޔަފާރިކުރާނެ ތަންތަން ހިމެނޭނެއެވެ. ނަމަވެސް، މި މަޝްރޫއުގެ ތެރެއިން އިސްރާއީލުގެ މީހުންނަށް އެ ސަރަހައްދުން ޕްރޮޕަޓީ ގަނެވިދާނެ ކަމުގެ ކަންބޮޑުވުން ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުން ވަނީ ފާޅުކޮށްފައެވެ.
ދިވެހި ސަރުކާރާއި އީގަލް ހިލްސްއިން ވެސް ވަނީ އެފަދަ ނުރައްކަލެއް މި އެގްރިމެންޓްގެ ސަބަބުން ނޯންނާނެ ކަމަށް ބުނެފައެވެ.
