ވޮޝިންޓަން (20 އޮކްޓޯބަރު 2026): ރަޝިއާއާއާއި ޗައިނާގެ ލީޑަރުންނާއެކު ސަމިޓް ބައްދަލުވުމެއް ބާއްވަން ބޭނުންވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް ވިދާޅުވީ ނިއުކްލިޔާ ހަތިޔާރު ނައްތާލުމާއި އެނޫންވެސް ދުނިޔޭގެ މަސްލަހަތާ ގުޅުންހުރި ކަންކަމުގައި ރަޝިއާއާއި ޗައިނާގެ ލީޑަރުންނާ ބައްދަލުކޮށް މަޝްވަރާ ކުރަން ބޭނުންވާ ކަމުގައެވެ.
"ޔުކްރެއިން ހަނގުރާމައިގެ މައްސަލައާ ބެހޭ ގޮތުން ވެސް މިފަދަ ސަމިޓެއްގައި މަޝްވަރާ ކުރެވިދާނެ،" ޓްރަމްޕް ވިދާޅުވިއެވެ.
މިކަމާ ބެހޭ ގޮތުން ރަޝިއާގެ ރިޔާސީ ތަރުޖަމާން ޑިމިޓްރީ ޕެސްކޯވް ވިދާޅުވި ގޮތުގައި ދާދި ފަހުން ރައީސް ޕޫޓިން ޓްރަމްޕާ ފޯނުންކުރެއްވި މަޝްވަރާތަކުގައި ރަޝިއާއާއާއި ޗައިނާ އަދި އެމެރިކާގެ ލީޑަރުންގެ ސަމިޓެއް ބޭއްވުމުގެ މުހިއްމުކަން ޕޫޓިން ވަނީ ޓްރަމްޕާ ހިއްސާ ކުރައްވައިފައެވެ. އަދި އަންނަ ނޮވެންބަރު މަހު ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އަޕެކް) ގެ ގައުމުތަކުގެ ވެރިންގެ ސަމިޓްގެ އަރިމަތީގައި ރަޝިއާއާއާއި ޗައިނާ އަދި އެމެރިކާގެ ލީޑަރުންގެ ސަމިޓެއް ބޭއްވިދާނެކަން ޕޫޓިން ޓްރަމްޕަށް ދެންނެވިކަމަށް ރަޝިއާގެ ތަރުޖަމާން ޕެސްކޯވް ވިދާޅުވިއެވެ.
ޕެސްކޯވް ވިދާޅުވާ ގޮތުގައި މިފަދަ ސަމިޓަކަށް ރަޝިއާ އޮތީ ތައްޔާރަށެވެ. ނަމަވެސް ސަމިޓްގެ އެޖެންޑާއާ ބެހޭ އެއްވެސް މަޝްވަރާއެއް ޓްރަމްޕާއި ޕޫޓިންއާ ދެމެދު ކުރެވިފައެއް ނުވެއެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނެފައި ވަނީ ޓްރަމްޕް ޕްރޮޕޯޒް ކުރެއްވި ސަމިޓާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީ ސިފައެއްގައި ޗައިނާއަށް އަދި ލިބިފައިނުވާ ކަމުގައެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޔުކްރެއިން ހަނގުރާމަ ކޮޅެއްގައި ޖެއްސުމަށް އެމެރިކާ ކުރި އެއްވެސް މަސައްކަތެއް ކާމިޔާބު ނުވުމާއި އަދި އީރާނާ ދެކޮޅަށް އެމެރިކާ ފަށާފައިވާ ހަނގުރާމައިގެ ކޮޅެއް ކުރިއެއް ނޭނގޭތީ ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. މީގެއިތުރުން އީރާން އިނދަޖައްސާލުމަށް އެމެރިކާ އަޅާ ފިޔަވަޅުތަކަށް ޗައިނާ ގޮންޖެހުމަކީ ވެސް ޓްރަމްޕަށް ކުރިމަތިވާ މައްސަލައެކެވެ.
މުހައްލިލުންގެ ނަޒަރުގައި ދުނިޔޭގެ ޖިއޮޕޮލިޓިކްސްއާ ގުޅިފައިވާ ކަންކަމަކީ އެމެރިކާއަށް އެކަނި ނިންމާލެވޭ ވަރަށް ވުރެ މާ ބޮޑެތި ކަންތައްތައްކަން ޓްރަމްޕަށް އިހުސާސް ކުރެވެން ފެށުމަކީ ރަޝިއާއާއާއި ޗައިނާގެ ލީޑަރުންނާ ބައްދަލުކޮށް މަޝްވަރާ ކުރަން ޓްރަމްޕް ބޭނުންވާ ސަބަބަކަށް ވެދާނެއެވެ. އަދި ޔުކްރެއިން ހަނގުރާމަ ކޮޅެއްގައި ޖެއްސުމަށް ޓްރަމްޕް ހުށަހެޅުއްވި އެއްވެސް ހުށަހެޅުމެއް ރަޝިއާއާއި ޔުކްރެއިން ގަބޫލުކޮށްފައި ނުވާއިރު އީރާނާ ދެކޮޅަށް ޓްރަމްޕް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގާއި ތަކެތީގެ އަގުބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން ޓްރަމްޕްގެ މަގުބޫލުކަން އެމެރިކާގެ އާންމުންގެ މެދުގައި ވަނީ ރެކޯޑު މިންވަރަކަށް ދަށަށް ގޮސްފައެވެ.
މިކަމުގެ ސަބަބުން ކުރިއަށް އޮތް އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ޓްރަމްޕްގެ ޕާޓީ ބަލިވެ އިދިކޮޅު ޑިމޮކްރޭޓުން އެމެރިކާގެ ކޮންގްރެސްގެ އަޣުލަބިއްޔަތު ބޮޑުތަނުން ހޯދާނެކަން ޚިޔާލު ހޯދުމުގެ ސާވޭތަކުން ދަނީ ހާމަވަމުންނެވެ.
އަނެއްކޮޅުން އީރާން ވަނީ ހަނގުރާމަ ހުއްޓާލުމަށާއި ހުރުމުޒު ކަނޑުއޮޅި ހުޅުވުމަށް ޓްރަމްޕް ހުށަހަޅާ ޝަރުތުތައް ގަބޫލުކުރުމަށް ކަނޑައެޅިގެން ދެކޮޅު ހަދަމުންނެވެ. ހުރުމުޒުން ދަތުރުކުރާ ބޯޓުތަކަށް އީރާނުގެ ހަމަލާތައް ކޮންމެ ދުވަހަކު އަރައި ބައެއް ބޯޓުތައް ފެތެމުން ދާއިރު ވެސް ޓްރަމްޕް ގެންދަވަނީ ހުރުމުޒުގެ ކޮންޓްރޯލް އޮތީ އެމެރިކާ އަތުގައި ކަމަށް ވިދާޅުވެ ހަގީގަތް ގަބޫލުކުރަން ފަސްޖެހެމުންނެވެ. އަދި އާގު ބޯޓުތަކަށާއި ތެޔޮ ޓޭންކަރުތަކަށް އީރާނުގެ ހަމަލާތައް ތަކުރާރުކޮށް އަރާއިރު ވެސް ކުރިން އީރާނަށް ރައްދު ދޭ ގޮތަށް މިހާރު އީރާނަށް ރައްދު ދިނުމަށް ވެސް ޓްރަމްޕް ވަނީ ފަސްޖެހިފައެވެ.
އީރާން ވަނީ އެމެރިކާ އަލުން ހަމަލާތައް ފަށައިފިނަމަ އެމެރިކާގެ ބޭސްތަކާއި މަސްލަހަތު ހުރި ނުވަ ގައުމަކަށް ރައްދު ހަމަލާތައް ދޭނެކަމުގެ އިންޒާރު ދީފައެވެ. އަދި ހަމަލާތައް އަލުން ފަށާއިރު އީރާނުގެ ތެލާއި ގޭސް އަދި ކަރަންޓާއި ފެނުގެ މަރުކަޒުތަކަށް ހަމަލާދީފިނަމަ ގަލްފުގައިވާ އެމެރިކާގެ ކުންފުނިތަކުގެ ސާވާތަކާއި އައިޓީ މަރުކަޒުތައް ފުނޑާލައި ގަލްފުގެ ކަނޑުގައި އަޅާފައިވާ ސަބްމެރިން ކޭބަލްތައް ބުރިކޮށްލައި ގަލްފުގައިވާ ތެލާއި ގޭސް އަދި ފެނުގެ ހުރިހާ މަރުކަޒުތަކެއް ހަލާކުކޮށް ސުންނާފަތިކޮށްލާނެކަމުގެ އިންޒާރު ވެސް ދީފައެވެ.
