މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެއްޖެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ހަވީރު 5:00 އިން މިރޭ 9:00 އާ ހަމައަށް ކ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ގަޑިއަކު 45 މޭލަށް ވައިގަދަވާނެއެވެ.
ވާރޭ ވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާ މަންޒަރު އާންމުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުތަކުން ވެސް ފެނެއެވެ.
ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާއިރު، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ، ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން ގެދޮރާއި މުދާ ރައްކާތެރިކުރުމަށްޓަކައި ގޭގެ އޮޅިގަނޑު އުސްކުރުމަށާއި، ފެންބޮޑުވެ ގެއަށް ފެންވަނުމުގެ ކުރިން ވެލިބަސްތާ ޖެހުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.
މީގެއިތުރުން އަގުބޮޑެތި މުދާ ފެން ނުޖެހޭނެ ފަދަ ރައްކާތެރި އުސް ތަންތަނުގައި ބެހެއްޓުމަށާއި، ކުއްލި ހާލަތެއް ދިމާވެ އެހީތެރިކަން ބޭނުންވެއްޖެ ހާލަތެއްގައި ލަސްނުކޮށް 911 އަށް ގުޅުމަށް ވެސް އެންޑީއެމްއޭއިން ވަނީ ހަނދާންކޮށްދީފައެވެ.
މޫސުން ގޯސްވެ، ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އަންގާފައެވެ.
މިގޮތުން ކަމާބެހޭ ފަރާތްތަކަށް އެންގުމަށްފަހު ނޫނީ ދަތުރު ނުފެށުމަށާއި، ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހަމައަށް ހުރިތޯ ބެލުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި މުދާ އުފުލާ އުޅަނދުފަހަރުގައި މާބޮޑަށް މުދާ ބަރުނުކުރުމަށާއި، ލައިސަންލައި ރައްކާތެރިކުރުމުގެ އިތުރުން ދަތުރުވެރިން ލައިފްޖެކެޓް އެޅުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.
ހަމައެއާއެކު، ޑައިވިން އަދި ވޯޓަ ސްޕޯޓްސް ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށާއި، މެޓް އޮފީހުން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވާ ވަގުތުތަކުގައި ކަނޑުދަތުރު ނުކުރުމަށް ވެސް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
