ދިރިއުޅުމުގެ ކަންކަން އަޅުގަނޑުމެން އުންމީދުކުރާ ގޮތަށް ނުދިއުމުން ނުވަތަ އެހެން މީހުންގެ ފަރާތުން އަޅުގަނޑުމެން އެދޭފަގޮތަށް ކަންކަން ނުވުމުން މާޔޫސްވެ ރުޅިއައުމަކީ އިންސާނީ ތަބީޢަތުގައި ވަރަށް އަވަހަށް އުފަންވާ ޖަޒުބާތެކެވެ. ބައެއް ފަހަރު، އެއީ އަޅުގަނޑުމެންނަށް ލިބެންޖެހޭ ޙައްޤެއް ކަމުގައި ދުށުމުގެ ސަބަބުން، ލިބިފައިވާ ހެޔޮ ކަންކަމަށް ޝުކުރުވެރިވުމުގެ ބަދަލުގައި މަދުވާ އެއްޗެއް ހޯދުމަށް އިސްކަންދެވެއެވެ. އެހެން މީހަކު ކޮށްދޭ މަސައްކަތަކީ އޭނާ ކޮންމެހެން އަދާ ކުރަންޖެހޭ ވާޖިބެއްގެ ގޮތުގައި ދެކި، އެމީހަކު ކޮށްދިން ހެޔޮކަންތައް ފާހަގަނުކުރެވި ދެއެވެ.
މީގެ އިތުރުން، އެހެން މީހުންނާ މެދު ނުބައި ގޮތުގައި ދެކުމާއި ގޯސް ވިސްނުން އިސްކުރުމަކީ ވެސް ވަރަށް ފަސޭހައިން އަޅުގަނޑުމެންނަށް ކުރެވޭ ކަމެކެވެ. ކަމެއްގެ ޙަޤީޤަތް އޮޅުންފިލުވުމެއް ނެތި، އަދި އަނެކާގެ ޙާލަތާމެދު ވިސްނާލުމަކާނުލާ، އެމީހުންނަކީ ފަރުވާކުޑަ، އަމިއްލަ އެދުން ބޮޑު ނުވަތަ ގޯސް ބައެއްގެ ގޮތުގައި ނިންމައިލެވެއެވެ. ތަކުރާރުކޮށް މިފަދައިން ޝައްކުކުރުމަކީ މީހުންނާ އޮންނަ ގުޅުންތަކަށް ހިޔަނިއަޅުވާ، މުޅި ދިރިއުޅުމުގައި ވެސް އެހެން މީހުންނާ ދުރުހެލިވެ، ރައްކާތެރިކަމުގެ ނަމުގައި ބިރުވެރިކަމެއްގެ ތެރޭގައި އުޅެން ތިމާއަށް ޖެހިދާނެ، ނުރައްކާތެރި އާދައެކެވެ.
"ވޯލްޑް ހެޕިނެސް ރިޕޯޓް 2025" ގެ ހޯދުންތަކުން ދައްކާގޮތުން، އަޅުގަނޑުމެން އެހެން މީހުންގެ ހިތްހެޔޮކަމާމެދު ހީކުރާ ވަރަށްވުރެ މީހުންގެ ހެޔޮކަން މާބޮޑެވެ. މިސާލުތަކުގެ ގޮތުގައި އެރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގެއްލިފައިވާ ވޮލެޓުތައް ހޯދައި ޙަވާލުކުރި މިންވަރު، މީހުން އުންމީދުކުރި ވަރަށް ވުރެ މާ އިތުރެވެ. އަދި އެހެން މީހުންގެ ފަރާތުން ހެޔޮކަމަށް އުންމީދުކުރުމަކީ ދިރިއުޅުމުގެ ހިތްހަމަޖެހުމާ ސީދާ ގުޅިފައިވާ ކަމެއް ކަމަށްވެސް އެ ދިރާސާއިން ދައްކައެވެ. ހަޤީޤަތުގައި، އަޅުގަނޑުމެން ހީކުރާ ވަރަށް ވުރެ ގިނަ ހެޔޮކަންކަން އަޅުގަނޑުމެންގެ ވަށައިގެންވެއެވެ. އަޅުގަނޑުމެންނަށް އެކަންކަން "ފެނަންނަނީ" އަޅުގަނޑުމެން ހާޒިރުވެތިބީމައެވެ.
ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި ޝުކުރުވެރިވުމަކީ އެންމެ މުހިންމު ފެށުމެވެ. "ވޯލްޑް ހެޕިނެސް ރިޕޯޓް 2023" ގައި ބުނެފައިވާ ގޮތުގައި، ޝުކުރުވެރިވުމަކީ ހިތަށް އުފާވެރިކަމާއި، އުންމީދު ގެނެސްދީ، އެހެން މީހުންނާ އޮންނަ ގުޅުން ބަދަހިކޮށްދޭ ކަމެކެވެ. އަދި އެކަކު އަނެކަކަށް ހެޔޮފޯރުވުމުގެ ރީތި ސިލްސިލާއެއް ފެށުމަށް ބާރުއަޅާ ކަމެކެވެ. އަދި މީހަކަށް ލިބޭ އޯގާތެރިކަމަކީ، އެހެން މީހަކަށް އެފަދަ އޯގާތެރިކަމެއް ފޯރުކޮށްދިނުމަށް ލިބޭ ހިތްވަރެކެވެ.
"ވޯލްޑް ހެޕިނެސް ފައުންޑޭޝަން" އިން މަޢާފުކުރުމާއި، ކުލުނާއި، ޝުކުރުވެރިވުމާ ގުޅޭގޮތުން ލިޔެފައިވާ ރިޕޯޓެއްގައި ވެސް ބުނެފައިވަނީ، ތިމާއަށް ލިބިފައިވާ ކުދިކުދި ނިޢުމަތްތައް ބަލައިގަންނަ މީހަކަށްވުމަކީ މުހިންމުކަމެއް ކަމުގައެވެ. އަދި އެކަންކަން ހަނދާންކޮށް އެކަންކަމާމެދު ފިކުރުހިންގުމާއި، ޖާރނަލް ނުވަތަ ހަނދާންނޯޓު ފޮތުގައި ލިޔުމާއި، ވާހަކަދެއްކުމުގެ ތެރެއިން ޝުކުރުވެރިކަން ދެއްކުމަށް އެލިޔުމުގައި ވަނީ އިރުޝާދު ދީފައެވެ. މިއީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަށަގަންނުވަން ޖެހޭ މުހިންމު އާދަތަކެއްކަމުގައި އަޅުގަނޑު ދެކެމެވެ.
ޝުކުރުވެރިވުމަކީ ހަމައެކަނި ދުލުން ބުނެލާ ބަހެއް ނޫނެވެ. އެއީ އިޚްލާޞްތެރިކަމާ ހިތްހެޔޮކަމާއެކު "ޝުކުރިއްޔާ"އޭ ބުނެލުމެވެ. މީހަކު ކޮށްދިން ހެޔޮކަމެއް ފާހަގަކުރުމެވެ. މީހެއްގެ އެހީތެރިކަމުން ތިމާއަށް ލިބުނު ލުއިފަސޭހައާމެދު ވިސްނާލަން ވަގުތުކޮޅެއް ހޭދަކުރުމެވެ. އަދި އިޞްލާޙުކުރަންވީ ކަންކަމުގެ ވާހަކަ ދައްކާ ފަދައިން، ރަނގަޅަށް ދިޔަ ކަންކަމުގެ ވާހަކަދައްކާ، އަގުވަޒަންކުރުމެވެ.
އަޅުގަނޑު ދެކޭގޮތުގައި ޝުކުރެވިވުމުގެ ގޮތުން - ސީދާ އެމީހެއްގެ ގާތު އެވާހަކަ ބުނުމާއި، މެސެޖެއް ފޮނުވާލުމާއި، ނޯޓެއް ލިޔެލުން ނުވަތަ ކާޑެއް ދިނުމާއި، އީމެއިލްއެއް ފޮނުވާލުން ފަދަ ކަންކަމަކީ އަޅުގަނޑުމެން ހީކުރާވަރަށްވުރެ ބޮޑު އުފާވެރިކަމެއް އެލިބޭމީހާއަށް އިހުސާސްކުރެވޭ ކަމެކެވެ. އަދި ހަމައެފަދައިން ސޯޝަލްމީޑިޔާގެ މިޒަމާނުގައި، ސޯޝަލްމީޑިޔާގެ ޕްލެޓްފޯމެއްގައި ޝުކުރުވެރިކަން ފާޅުކުރުމަކީ އެތައް ބައެއްގެ މެދުގައި އުފާވެރިކަން އިތުރުވެގެންދާ ކަމެކެވެ.
ޝުކުރުވެރިވުމަކީ އަނިޔާއާއި ބޭއިންސާފަށް ލޯމަރައިގެން ހުރުމެއް ނޫނެވެ. އިންސާފަށް އެދުމާއި، އަމިއްލަ އިމާއި ޙައްޤުތައް ހިފެހެއްޓުމާއި، އަނިޔާއާ ދެކޮޅަށް ތެދުވުމަކީ ޝުކުރުވެރިވުމާ ފުށުއަރާ ކަންކަމެއް ނޫނެވެ. އެންމެން ބައިވެރިވާ، އުފާވެރި، އަދި ނަފްސާނީ ގޮތުން ރައްކާތެރި މުޖުތަމަޢެއް ބިނާކުރެވޭނީ ކޮންމެ މީހެއްގެ އަގު ވަޒަންކުރެވި، ކަންބޮޑުވުންތައް ފާޅުކުރުމުގެ ފުރުޞަތު ލިބިގެންނެވެ.
މީހުންނާމެދު ގޮތް ނިންމުމުގެ ކުރިން – އަޑުއެހުމާއި، މީހުން ކުރާ މަސައްކަތް ބަލައިގަތުމަކީ އެކަކު އަނެކަކަށް ލޯބި ދިނުމުގެ އެންމެ މަތިވެރި ސިފައެވެ. އަޅުގަނޑުމެންނަކީ އަބަދުވެސް ހެޔޮކަންކަމަށް ޖާގަދޭ، ޝުކުރުވެރި ހިތެއްގެ ވެރި ބަޔަކަށް ވަމާތޯއެވެ!
އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއަށް ބަލާއިރު، ޝުކުރުވެރި ހިތަކައިގެން ދުވަސްފަށާ - އެއީ ތިމާގެ ދިރިއުޅުުމުގެ އާދައެއްކަމުގައި ހެދުމަކީ ވޭނާއިތުރާތަކުން މީހާ މިންޖުވުމަށް މަގުފަހިވާކަމެކެވެ. އެކަމަށްޓަކައި ކުރަންޖެހޭ ކަމަކީ، ތިމާގެ ހިތްމައްޗަށް ޝުކުރުވެރިވާނޭ ހާލަތްތައް ގެނެސް، އެކަމާމެދު ފިކުރުހިންގުމާ، އަދި މީހުންގެ ގާތު އެކަން ހިއްސާކުރާ މީހަކަށް ތިމާވުމެވެ. އޭގެ ސަބަބުން ތިމާގެ ދިރިއުޅުމުގައި ބުރައުފުލަންޖެހޭ ހާލަތްތަކުގައި ވެސް، މީހާއަށް ލުއިކަން ލިބި ބަރުހެލިކަން ކުޑަވުމަށް މަގުފަހިކޮށްދެއެވެ.
