އިސްރާއީލުގެ ބެން ގުރިއޯން އެއާޕޯޓަށް ހަމަލާދޭން ރޭވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް، ޔޫއޭއީގެ އެއާލައިނެއް ކަމަށްވާ ފްލައިދުބާއީގައި މަސައްކަތްކުރާ ދެ ދިވެހި ޕައިލެޓަކު މި މަހުގެ ތިންވަނަ ދުވަހު އެ ޔޫއޭއީގައި ހިފެހެއްޓި މައްސަލައިގައި، މައުލޫމާތު އާއިލާއާ ހިއްސާކުރަމުން އަންނަކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މި މައްސަލައާ ގުޅޭގޮތުން ޚާރިޖީ ވުޒާރާއިން "ސަން" އަށް މައުލޫމާތު ދެމުން ބުނީ، މިއީ އެހެން ގައުމެއްގެ ގާނޫނުތަކުގެ ދަށުން ހިންގަމުންދާ ތަހުގީގަކަށް ވުމާއެކު، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މައުލޫމާތު ހޯދުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް ޚާރިޖީ ވުޒާރާއަށާއި ޔޫއޭއީގައި ހުންނަ ދިވެހި އެމްބަސީއަށް ލިބިފައިވާ މައުލޫމާތުތައް އެ ޕައިލެޓުންގެ އާއިލާއާ ހިއްސާކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ.
އެ ދެ ޕައިލެޓުންގެ ހާލު ރަނގަޅުތޯ ސުވާލުކުރުމުން ވެސް މިނިސްޓްރީން ތަކުރާރުކޮށް ވިދާޅުވީ، ލިބިފައިވާ މައުލޫމާތުތައް އާއިލާއާ ހިއްސާކޮށްފައިވާ ކަމަށެވެ.
މިޑްލް އީސްޓް މޮނިޓާއިން، އިސްރާއީލުގެ ނޫހެއް ކަމަށްވާ "ކީޕާ" އާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ ޕައިލެޓުން ހައްޔަރުކުރި ފަހުން އެތައް ދުވަހެއް ވަންދެން އެ މީހުންގެ އެއްވެސް ޚަބަރެއް ނުވެގެން އާއިލާތަކުން އުޅެނިކޮށް، އެމީހުން ބަންދުގައި ތިބިކަން އާއިލާތަކަށް އެނގުނީ ދިވެހި އެމްބަސީން އެންގުމުންނެވެ.
އިޒްރޭލުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ބެން ގުރިއޯން އެއާޕޯޓަށް ހަމަލާދޭން ރޭވީ އޮމާނުގެ ކޯ-ޕައިލެޓެއް ކަމަށްވާ ހުމާމް އަލް-ހަމަޔްމީ އެވެ. އަދި ހައްޔަރުކުރި ދެ ދިވެހި ޕައިލެޓުންނަކީ އަލް-ހަމަޔްމީ ދަންނަ، އަދި އޭނާއާއެކު އެއް އިމާރާތެއްގައި ދިރިއުޅެމުންދިޔަ ދެ މީހުން ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ. މީގެ އިތުރުން، މި ދެ ދިވެހި ޕައިލެޓުން ފްލައިދުބާއީގެ ދަތުރުތަކުގައި އިސްރާއީލަށް ވެސް ދަތުރުކޮށްފައިވާ ކަމަށް ވެއެވެ.
ޔޫއޭއީގެ ޕަބްލިކް ޕްރޮސެކިއުޝަނުން އިއުލާނުކޮށްފައިވާ ގޮތުގައި، މި ހަމަލާ ރޭވީ އޭނާ އެކަނި ކަމަށް އަލް-ހަމަޔްމީ ވަނީ ތަހުގީގުގައި އެއްބަސްވެފައެވެ. ނަމަވެސް، އޭނާގެ ރޭވުމާ މެދު އެހެން އެއްވެސް މީހަކަށް އެނގިފައިވޭތޯ ނުވަތަ އެކަމުގައި އެހީތެރިވެދީފައިވޭތޯ ބެލުމުގެ ތަހުގީގުތައް ކަމާބެހޭ އިދާރާތަކުން އަދިވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ ދިވެހި ޕައިލެޓުންނާ ދެކޮޅަށް އެއްވެސް ރަސްމީ ތުހުމަތެއް ކުރާކަން ޔޫއޭއީގެ އެއްވެސް ރަސްމީ އިދާރާއަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
