ހުޅުމާލޭގައި މިއަދު ފުލުހުން ދުއްވި ސައިކަލެއް އެކްސިޑެންޓުވެ، ދެ ފުލުހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް ދިން މައުލޫމާތުގައިވަނީ، ހުޅުމާލޭގެ އަމީން އެވެނިއު ކައިރިން ދުއްވާފައި ދިޔަ ކާރަކާއި، މަގަށް ނުކުތް ސައިކަލެއް ޖެހިފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި، ސައިކަލުގައި ތިބި ދެ ފުލުހުންނަށް އަނިޔާވި ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
އެހެންނަމަވެސް، އެ ދެ ފުލުހުންނަށް ލިބުނު އަނިޔާތަކާއި، އެކްސިޑެންޓާ ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ފުލުހުން ހާމަކޮށްފައިނުވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން، އަނިޔާވި ދެ ފުލުހަކަށް މީހުން އެހީތެރިވާ މަންޒަރު ފެނެއެވެ. އެގޮތުން ދެ ފުލުހުން ބިންމައްޗަށް ވެއްޓިފައިވާއިރު، އެކަކު ސްޓްރެޗާއަކަށް އަރުވައި، އެމްބިއުލާންސަށް އަރުވާ މަންޒަރު ވީޑިއޯއިން ފެނެއެވެ.
އުޅަނދުތަކުން ތޮއްޖެހިފައިވާ މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެކްސިޑެންޓުތައް މަދުކުރުމަށް، މަގުތަކަށް އިތުރު ފުލުހުން ނެރުން ފަދަ ފިޔަވަޅުތައް ވެސް އެ މުއައްސަސާއިން ވަނީ އަޅައިފައެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 9,913 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު އޭގެ ތެރޭގައި ދެވަނައަށް އެންމެ ގިނައީ އެކްސިޑެންޓުތަކެވެ. އެގޮތުން 2,379 އެކްސިޑެންޓް މިހާތަނަށް ރިޕޯޓުކޮށްފައިވެއެވެ.
