ޒަރޫންއަށް ވެސް އެ ކުއްޖާ އޭނާއަށް ބަލަމުން ދާކަން އެނގެއެވެ. އެހެންނަމަވެސް، އެކަމާ އަޅައިނުލައި ވޭތޯ އޭނާ މަސައްކަތްކުރިއެވެ.
ނަހާގެ ހިތަށް އުނދަގޫވިއެވެ. އެ ކުއްޖާގެ އެ ނަޒަރުން މެއަށް ގޮތެއް ވެލިއެވެ. ޒަރޫންގެ މާޒީއާ އެ ކުއްޖާއާ ގުޅުމެއް ވެދާނެކަމުގައި ހިތަށް އެރި ވަގުތު ހިތުގެ ތެޅުމަށް ބަދަލުތަކެއް އައެވެ. ހީވީ ކުޑަ ހިނދުކޮޅަކަށް މަޑުޖެހިލުމަށް ފަހު ހިނގައިގަތް ހެންނެވެ. އެ ފަދަ ގޮތްތަކެއް އޭނާގެ ހިތަށް ވާންޖެހޭ ސަބަބެއް ނަހާއަށް އެއްގޮތަށް ވެސް ވިސްނާވިސްނާ ވެސް ނޭނގުނެވެ. އޭނާ އަމިއްލަ އިޙްސާސްތައް ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން ގޮސް ކައުންޓަރު ދޮށުގައި މަޑުކޮށްލިއެވެ. އެހެންނަމަވެސް، މަސައްކަތަށް ދޭންވާ ސަމާލުކަން ފުރިހަމަ ގޮތުގައި ދެވޭގޮތެއްނުވިއެވެ. ދެ ފަހަރަކުން އެއް ފަހަރު އޭނާގެ ނަޒަރު ދަތުރުކުރަނީ ޒަރޫންއަށާއި އެ އަންހެން ކުއްޖާއަށެވެ. އެ ދެމެދުގައި ގުޅުމެއް ނެތް ނަމަ އެގޮތަށް ނުބަލާނެކަމުގައި އޭނާގެ ހަވަނަ ހިއްސު އޭނާއަށް އަންގައިދެމުން ދިޔައެވެ.
އެއީ ރީތި އަންހެން ކުއްޖެކެވެ. އެ ކުއްޖާގެ ކުދި ބުޅީގެ އިސްތަށިގަނޑު އޮތީ ދޫކޮށްލެވިފައެވެ. ވަކި ހިސާބަކުން ފެށިގެން ތިރިއަށް މުށިކުލަ ޖައްސާލާފައި އޮތް އިރު، ހިތްގައިމެވެ. ލިބިފައިވަނީ ކަޅުކަން ގަދަ ކަޅިއަކާއި، އަލި ހަންގަނޑެކެވެ. މޭކަޕްކޮށްލާފައިވާ އިރު ތުންފަތުގައި ޖައްސާލާފައި ހުރީ ގަދަ ރަތްކުލައެކެވެ. ލާފައި ހުރީ އޮފީހަށް ދާން މީހުން އާއްމުގޮތެއްގައި ލައި އުޅޭ ފަދަ ގަމީސް ޓޮޕްކޮޅަކާއި، ބެލްސެކެވެ. ގަމީސް ހުރީ ބެގީ ޖަހާލާފައެވެ. އޭނާ ގެންގުޅޭ އަގު ބޮޑު ލުއިވިޓޯންގެ ދަބަސް މޭޒުމަތީގައި ބަހައްޓާލެވިފައި ހުއްޓެވެ. އަތުގެ އިނގިލީގައި އަޅާފައިވާ އަނގޮޓިތަކާއި، ޖަހާފައިވާ ކަންފަތުލާ އެތިން ވެސް މުއްސަނދިކަން ފާޅުވަމުން ދިޔައެވެ.
ޒަރޫން ކޮފީ ބޮއި ނިންމާލާފައި ގޮސް ކައުންޓަރު ކައިރީގައި މަޑުކޮށްލިއެވެ. އޭނާ ނަހާއަށް ބަލައިލަމުން ކޮފީ ވަރަށް މީރުކަމުގައި ބުނެ ގޮސް އެތަނުން ނުކުތެވެ. އޭނާ ހަމަ ނުކުތްހެން ހީނުވެ އެ އަންހެން ކުއްޖާ ވެސް ތެދުވެއްޖެއެވެ. އެ މަންޒަރު ފެނުނު ނަހާއަށް އޭނަގެ ދެ ބުމަ ގާތްކޮށްލެވުނެވެ. ދެ އަތް ކުޑަކޮށް މުށްކެވުނެވެ. އެހެންނަމަވެސް އަމިއްލަ މީހާއަށް އެ ބަދަލުތައް އަންނަމުން ދިޔަކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. އެއަށްވުރެ ބޮޑަށް ޚިޔާލާ ފިކުރުތަކުގައިވަނީ ޒަރޫންއާ އެ އެ އަންހެން ކުއްޖާއެވެ. ވިސްނެމުން ދިޔައީ އެ ދެމެދުގައި އޮތް ގުޅުމަކާ މެދުގައެވެ. އެ ވަރަކަށް އެ ކުއްޖާއަށް ޒަރޫންއަށް ބެލި ސަބަބަކާ މެދުގައެވެ. މީހަކު ކައުންޓަރު ކައިރިއަށް އައިސް ހުއްޓުމަށް ފަހު، ވާހަކަ ދެއްކިކަން ނަހާއަށް ރޭކާލީ ވެސް އެ މީހަކު ތަންކޮޅެއް ބާރަށް "އެކްސްކިއުޒް މީ" އޭ ބުނެލުމުންނެވެ. ކެފޭގެ ދޮރާ ދިމާލުން ނަޒަރު ވަކިކޮށްލާފައި އޭނާ ކުރިމަތީގައި ހުރި ކަސްޓަމަރަށް ސަމާލުކަން ދެވޭތޯ މަސައްކަތްކުރިއެވެ. ނަހާއަށް ވެފައި ހުރި ގޮތުން އެ ވަގުތު އެ ތަނުގައި ހުރި ޖެނީއަށް ވެސް، ހިނދުކޮޅަކަށް މަސައްކަތް މަޑުޖައްސައިލެވުނެވެ. މީގެ ކުރިން ނަހާގެ ފަރާތުން ނުފެންނަ އަމަލެއް އޭނާއަށް ފެނުމުންނެވެ. އެ ތަނުގައި މަސައްކަތްކުރަމުން ދިޔަ އެހެން ކުއްޖަކަށް ވެސް އަވަސް ނަޒަރެއް އޭނާއަށް ދެވުނެވެ. އެ ކުއްޖާ ވެސް ކޮނޑު އަރުވައިލިއެވެ.
ޒަރޫން އެ ދިޔަ ގޮތަށް ގޮސް ސައިކަލަށް އަރާ ދުއްވައިލަން ވެގެން އަވަސްވެގަތް ވަގުތު ސިހުނީ އެ އަންހެން ކުއްޖާގެ އަޑަށެވެ. އޭނާ ފަސް އެނބުރި ބަލައިލިއެވެ.
"ޒަރޫން.... " އޭރު އެ ކުއްޖާ ވެސް އޭނާގެ ފަހަތުން އައިސް ކައިރީގައި މަޑުކޮށްލަނީއެވެ. ޒަރޫންއަށް އޭނާގެ ހަރަކާތްތައް މަޑުޖައްސައިލެވުނެވެ. އޭރު އެ ކުއްޖާ ހުރީ ލުއިކޮށް ހިނިތުންވެލައިގެންނެވެ.
"ޖިޔާ..." ޒަރޫން ގޮވައިލިއެވެ. އެ އަޑުގައި މާ ބޮޑު އަސަރެއް ނެތެވެ. މަޑުމައިތިރިކަން ވެއެވެ.
"ކިހިނެއްތަ؟" ޖިޔާ އަހައިލިއެވެ.
"ރަނގަޅު." ޒަރޫން ބުނެލިއެވެ. އޭނާ ބެލީ އާދައިގެ ގޮތަކަށް ވާހަކަ ދެއްކޭތޯއެވެ.
"ވަރަށް ދުވަސްކޮށްފަ މި ގޮތަށް މި ފެނުނީ. އެކަމަކު އަހަރެން އަބަދު ވެސް ޒަރޫންގެ އިންސްޓަރ ޕޭޖު ފޮލޯކުރަން." ޖިޔާ ބުނެލިއެވެ. އޭނާ ބޭނުންވަނީ ޒަރޫންއާ ވާހަކަ ދައްކާށެވެ. ވާހަކައިގެ ކުރި ފަޅުވަން މަސައްކަތްކުރީ އެހެންވެގެންނެވެ.
"އޯހް!" ޒަރޫންއަށް ބުނެވުނީ ހަމަ އެކަނި އެވަރަށެވެ. އިތުރަށް ބުނާނެ އެއްޗެއް އޭނާއަށް ނޭނގުނީއެވެ. އެ ތަކެއް ދުވަހެއް ފަހުން އެގޮތަށް ޖިޔާ އައިސް ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބައިބާއޭ އޭނާގެ ހިތަށް އެރިއެވެ. ޒަރޫންގެ ފަރާތުން މާ ބޮޑު ޝައުޤުވެރިކަމެއް ޖިޔާއަކަށް ނުފެނުނެވެ. އޭނާއަށް ކުޑަކޮށް އުނދަގޫވިއެވެ.
"ވަރަށް ރީތި ހުރިހާ ފޮޓޯއެއް ވެސް." ޖިޔާ ބޭނުންވީ އޭނާއާ ވާހަކަ ދައްކަންކަން ޒަރޫންއަށް އެހިނދު ފަހުމްވި ނަމަވެސް، އޭނާ އެ ކަން އެނގޭކަމަށް ހަދާކަށް ބޭނުމެއް ނޫނެވެ.
"ތޭންކްސް..." ޒަރޫން ހަމައެކަނި ބުނެލީ އެހެންނެވެ. ޖިޔާ އޭނާއާ ވާހަކަ ދެއްކުމަށް ޝައުޤުވެރިކަން ފާޅުކުރިއެއްކަމަކު، ޒަރޫންގެ މޫނުމަތިން މާ ބޮޑު އަސަރުތަކެއް ފާޅެއްނުވެއެވެ. ނޫނީ އޭނާ އިޙްސާސްތައް ހިންދައިލަން މޮޅީއެވެ.
"ލަސްވޭ އެބަ." އަތުކުރީގައި އަޅާފައި އޮތަ ގަޑިއަށް ބަލައިލާފައި ޒަރޫން ބުނެލިއެވެ. އެއާއެކު ޖިޔާ ވެސް، އޯކޭއޭ ބުނެ ދުރަށް ޖެހިލިއެވެ. އޭނާކުރި މަސައްކަތް ބޭކާރުވީއެވެ. އިތުރަށް އެއްޗެއް ބުނާކަށް ޖިޔާއަކަށް ނުކެރުނެވެ.
ޒަރޫން ސައިކަލު ސްޓާޓުކޮށްލާފައި ދުއްވައިލި ތަން ބަލަން ޖިޔާއަށް ހުރެވުނެވެ. ކުރިއަށް ވުރެ ވެސް ޒަރޫން ރީތިވެއްޖެހެން އޭނާއަށް ހީވިއެވެ. އިސްތަށިގަނޑު އޮތީ ކުރިން ވެސް އޮންނަ ގޮތަށް ސްޓައިލްކޮށްލާފައެވެ. އޭނާގެ އޮޅަލި ކުލައިގެ ހަންގަނޑާއި، އެ ފިރިހެންވަންތަކަމަށް ހިތާހިތުން ތަޢުރީފްކޮށްލެވުނެވެ. ލައިގެން ހުރި ޓީޝާޓް ގަޔަށް ހިފާލާފައި ހުރުމުން އެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. އަތުގެ ނާރުތައް ކުޑަކޮށް ފުއްޕާލާފައި ވާ އިރު، އެ އަތުގެ މުލައްދަނޑީގެ ބާރުގަދަކަން ވަޒަންކޮށްލާކަށް ނޭނގެއެވެ. ކޮންމެ ހަރަކާތެއްގައި ހުރީ ހަމަ އެ މަޑުމައިތިރިކަމެވެ. އެހެންނަމަވެސް ޒަރޫންގެ ފުށުން ކުޑަ ތަފާތެއް އޭނާއަށް ފާހަގަކުރެވުނެވެ. އެހެންޏާ ސަކަ މިޒާޖެއް ގެންގުޅޭ ޒަރޫން އޭނާއާ ވާހަކަ ދެއްކި އިރު އެ ކަހަލަ އެއް ވެސް އަސަރެއް ނެތެވެ. އޭނާގެ ފުށުން ފެނުނީ ބީރައްޓެހިކަމެވެ. ދުރުކަމެވެ. ވާހަކަ ދެއްކި އިރު އެއްވެސް ޝައުޤުވެރިކަމެއް ނެތެވެ. ހީވީ އަނގައިން ބުނީ ވެސް އޭނާ ވާހަކަ ދެއްކުމުން މަޖުބޫރުވެގެން ހެންނެވެ. ހަމަ އެކަނި އޭނާ ވާހަކަ ދެއްކުމުން ޖަވާބު ދިނުން ފިޔަވާ އިތުރު އެއްޗެއް ޒަރޫން ނުވެސް ބުންޏެވެ. އަދި ވެސް ހަމަ ޒަރޫން މަސައްކަތްކުރަނީ އެ ގަރާޖުގައި ބާއޭ ޖިޔާގެ ހިތަށް އެރިއެވެ.
ސައިކަލުގައި ގޮސް ޒަރޫން ގެއާ ހިސާބުގައި މަޑުކޮށްލިއެވެ. ޖިޔާއާ މެދު ކުޑަކޮށް ވިސްނައިލެވުނެވެ. އެތަކެއް ދުވަސްތަކެއް ފަހުން ޖިޔާ ފެނުމުން އޭނާ ވާހަކަ ދެއްކީ ކީއްވެބާއޭ ޒަރޫންގެ ހިތަށް އަރަމުން ދިޔައެވެ. ދެވަނަ ސިކުންތުގައި ޖިޔާގެ ހަނދާންތަކުގެ ތެރެއިން ނަހާ ހަނދާނަށް އައެވެ. މާ ގިނަ އިރު ފިކުރުތަކުގައި ގެއްލިގެން އިނުމަކީ އޭނާއަށް ކުރެވުނުކަމަކަށްނުވިއެވެ. ބައްޕަ ގަރާޖުގެ ދޮރުމައްޗަށް ނުކުމެލާފައި ޒަރޫންއަށް ގޮވައިލުމުން، އޭނާއަށް ޖެހުނީ މަސައްކަތަށް އަވަސްވެގަންނާށެވެ.
*****
ރޭގަނޑެވެ. ލޮނުޒިޔާރަތް ޕާކުގައި އޮތް ކައިވެނީގެ ހަފްލާއެއްގެ ފޮޓޯޝޫޓެއް ނިންމައިލާފައި ޒަރޫން ކެމެރާއާ އޭނާ ގެންދިޔަ ސާމާނުތައް ހިފައިގެން، ގޮސް ސައިކަލަށް އަރާ ދުއްވައިލިއެވެ. ގެއަށް ގޮސް އެންމެ ފުރަތަމަ ވެސް ފެންވަރައި ތާޒާވެލިއެވެ. ހަމައެކަނި ސޯޓެއްލައިގެން އައިސް އެނދުގައި އޮށޯވެލިއެވެ. ފޯނަށް މެސެޖެއް އައުމާ އެކު އެއީ ނަހާގެ މެސެޖަކަށް ވާނެކަމުގެ އުންމީދުގައި ބަލައިލެވުނެވެ. ނަހާގެ މެސެޖަކަށް އަބަދު ވެސް ޒަރޫންއަށް އިންތިޒާރުކުރެވެއެވެ. މެސެޖެއް އަންނަ ކޮންމެ ފަހަރަކު އޭނާގެ ތުންފަތް މައްޗަށް ބޭއިޚްްތިޔާރުގައި ހިނިތުންވުމެއް ވެސް ވެރިވެއެވެ. ޒަރޫންގެ ދެ ބުމަ ކުޑަކޮށް ގާތްކޮށްލެވުނީ ޖިޔާގެ މެސެޖަކަށް ވުމުންނެވެ. "ހައި" ޖަހާފައި އިންސްޓަރއިން އައި އެ މެސެޖަށް ޖަވާބު ދިނުމުގެ ޝައުޤުވެރިކަމެއް ޒަރޫންގެ ނެތެވެ. އޭނާ ނޮޓިފިކޭޝަން ބަރ އިން އެ މެސެޖަށް ބަލަހައްޓައިގެން އޮށްވާ ދެވަނަ މެސެޖެއް ވެސް އަތުވެއްޖެއެވެ.
"އުފާވި އެހާ ދުވަސްފަހުން ފެނުނީމަ. އަދި ވެސް ބައްޕަގެ ގަރާޖުގަތަ މަސައްކަތްކުރަނީ؟" ޖިޔާ ސުވާލުކޮށްފައި އޮތެވެ. ޒަރޫން މެސެޖު ހުޅުވައިލިއެވެ. އެއަށްފަހު އޭނާ ޖަވާބު ދިނުމަށް ޓައިޕްކުރަން ފެށިއެވެ. އެހެންނަމަވެސް، ދެވަނަ ސިކުންތުގައި ލިޔުނު ހުރިހާ އެއްޗެއް ފުހެލާފައި ހަމަ އެކަނި "ހޫމް" އަކުން އޭނާ ފުއްދައިލިއެވެ. އިތުރު ވާހަކަތަކެއް ޖިޔާއާ ދެއްކުމުގެ ބޭނުމެއް އޮތްކަމަށް އޭނާއަށް ނުފެނުނީއެވެ. ޒަރޫންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. މީގެ ދުވަސްތަކެއް ކުރީގެ ހަނދާންތަކެއް އައިސް އޭނާގެ ސިކުނޑީގައި ޓަކިދޭން ފެށިއެވެ. އެއީ އޭނާގެ ބައްޕަ ހޮސްޕިޓަލުން ދޫކޮށްލި ދުވަސްކޮޅެވެ. އަތްމަތި ދަތިވެ ގަރާޖުގައި މަސައްކަތްކުރަން އޭނާ ފެށިތާ ވެސް އޭރު ދުވަސްކޮޅެއް ވެދާނެއެވެ.
*****
ސައިކަލުގައި ގޮސް ޒަރޫން މަޑުކޮށްލީ ހުޅުމާލޭގެ ގޮނޑުދޮށާ ކައިރީގައި ހުރި ރެސްޓޯރެންޓެއްގެ ކުރިމަތީގައެވެ. ފޯނަށް މެސެޖެއް އައުމާއެކު ޖީބުގައި އޮތް ފޯނު ނަގާ ބަލައިލި އިރު ޖިޔާގެ މެސެޖެކެވެ.
"އައެމް ވެއިޓިންގ." މެސެޖުގައި އޮތެވެ.
"މިހާރު މި ވަންނަނީ." ރައްދުގައި މެސެޖެއް ފޮނުވާލާފައި، ޒަރޫން ސައިކަލު ޕާކުކޮށްލާފައި ގޮސް ރެސްޓޯރެންޓުގެ އެތެރެއަށް ވަދެލިއެވެ. އޭނާ ވަށައިގެން ނަޒަރު ހިންގައިލިއެވެ. ބިއްލޫރި ޖަހާފައިވާ ބިތް ކައިރީގައި ކަނަށް ވާގޮތަށް ހުރި މޭޒު ދޮށުގައި އިން ޖިޔާ އޭނާގެ ލޮލުގައި އަޅައިގަތުމާ އެކު ޒަރޫން ގޮސް ގޮނޑި ދަމާލާފައި އިށީނދެލިއެވެ.
"ކީއްވެ އަހަރެން ބަލާ ދާން ބުނީމަ ނޫނެކޭ ބުނީ؟" އިށީނުމަށް ފަހު، ޒަރޫން އެންމެ ފުރަތަމަ ވެސް ޝަކުވާކޮށްލިއެވެ. އޭނާ ޖިޔާއަށް ވަރަށް ފުންކޮށް ބަލައިލިއެވެ. ޖިޔާގެ މޫނުމަތިން ފެނުނީ އޭނާ ދެކެން ބޭނުންވި ފަދަ އަސަރެއް ނޫނެވެ. އެއްވެސް ކަހަލަ އުފާވެރިކަމެއް އެ މޫނުމައްޗަކުން ނުފެނެއެވެ. އެހެންނަމަވެސް ފޮރުވަން މަސައްކަތްކުރަމުން ދިޔަ ނުރުހުންތެރިކަން ޒަރޫންއަށް ފާހަގަވިއެވެ. ޖިޔާއަށް އެ ބަދަލުތައް އައިސްގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އޭނާއާ ޖިޔާ ވަރަށް ދުރުވެއްޖެއެވެ. ވާހަކަ ދައްކަނީ އަބަދު ވެސް އޭނާ ގުޅުމުންނެވެ. އަމިއްލައަށް ފެނިގެން ގުޅާ ނުލައެވެ.
"ޖިޔާ! ކިހިނެއްވީ؟ އަހަރެން ބުނެފީމެއްނު ސޮރީ އޭ. ބައްޕަ ބަލިވެ އުޅޭތީ އަހަރެން ވެސް ވަރަށް ދަތިކޮށް މި އުޅެނީ. އެކަމަކު ވެސް އަހަރެން ވީ ވަރަކުން ޖިޔާއަށް އެބަ ޓައިމް ދެމެއްނު." ޒަރޫން ދެން ވާހަކަ ދެއްކި އިރު އޭނާ އިނީ ސީރިއަސްވެފައެވެ. ވެއިޓަރު އައުމުން، އޭނާ ކޮފީއަކަށް އޯޑަރު ދީފައި ޖިޔާއަށް ބަލައިލިއެވެ. ޖިޔާ ބުނީ އެއްވެސް އެއްޗެއް ބޭނުންނޫންކަމުގައެވެ.
"ހަމަ އެއްވެސް އެއްޗެއް ބޭނުމެއް ނޫން؟" ޒަރޫން ބުމަ އަރުވައިލިއެވެ.
"އާނ" ޖިޔާގެ ޖަވާބު ކުރެވެ.
"ކިހިނެއްވެފަ ތީނީ؟ އަހަންނަށް ނޭނގި ކަމެއް ކުރެވުނީތަ؟ ސޮރީ އޭ." ޒަރޫން ބުނެލިއެވެ. ފާއިތުވެގެން ދިޔަ ހިމޭންކަމުގެ ތެރެއިން އެކަކު ވެސް ވާހަކަ ނުދައްކާ އިރުކޮޅަކު ތިއްބެވެ. އެހެން ތިއްބާ ވެއިޓަރު ކޮފީ ގެނެސްދިނެވެ. ޖިޔާ ފުންނޭވާއެއް ދޫކޮށްލިއެވެ. ހީވީ ބުނަން އުޅޭ ވާހަކައަށް އޭނާގެ ނަފްސު ތައްޔާރުކޮށްލިހެންނެވެ.
"ދެން ޒަރޫން ތި ގަސްތުކުރަނީ ހަމަ ބައްޕަގެ ގަރާޖުގައި މަސައްކަތްކުރަންތަ؟" ޖިޔާ އަހައިލިއެވެ. ނަގަނަގައި އިން ކޮފީ ތަށި ބަހައްޓަމުން ޒަރޫން ވެސް ޖިޔާއަށް ބަލައިލިއެވެ.
"ވީ ހޭވް ޓޯކްޑް އެބައުޓް ދިސްއެއްނު." ޖިޔާގެ ވާހަކައިގެ މިސްރާބު ދާނީ ކޮން ދިމާލަކަށްކަން ޒަރޫންއަށް އެނގުނެވެ. އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
"އަހަރެން ބޭނުމެއް ނޫން ޒަރޫން އެ ގޮތަށް މަސައްކަތްކުރާކަށް." ޖިޔާ ހާމަކޮށްލިއެވެ.
"ޖިޔާ! މި ވަގުތު އަހަންނަށް ވެސް އިތުރު ގޮތެއް ނެތް. ކަންތައްތައް ހަމައަކަށް އެޅެންދެން އަހަރެން...." ޒަރޫންއަށް އޭނާގެ ވާހަކަ ފުރިހަމަކުރާކަށް ޖިޔާ ފުރުޞަތެއް ނުދިނެވެ. އޭނާ ޒަރޫންގެ ވާހަކަ މެދުކަނޑައިލިއެވެ.
"މިހާރު ކޮން ދުވަހެއް؟ ތިހެން ކިޔާތާ ވެސް ކިހާ ދުވަހެއްވެއްޖެ؟ ކުރިން ގެންގުޅުނުހެން، ބޭރު މީހުން ގެންނަންވީނު. ކިޔަވައިގެން ކާކުތަ ތި ކަހަލަ މަސައްކަތެއް ކުރާނީ. ބުނެބަލަ! އަހަރެން ކުރިން ދުވަހު ވެސް ކިހާ ރަނގަޅު ވަޒީފާއެއް ޒަރޫންއަށް ފޮނުވިން. ޒަރޫން ބޭނުމެއްނުވި އެއަށް ވެސް އެޕްލައިކުރާކަށް." ޖިޔާ ބުނެލިއެވެ.
"ބައްޕަގެ ގަރާޖަކީ މިހާރު އަހަރެންގެ ޒިންމާއެއް. ކަންތައްތައް ހަމައަކަށް އެޅުނީމަ ދޯ މީހުން ވެސް ގެނެވޭނީ. އެވެސް ޚަރަދު ހިނގާކަމެކޭ. ޖިޔާއާ އަހަރެން ރައްޓެހިވީ އިރު ވެސް އަހަރެން އަހަރެމެންގެ ޙާލަތު ކިޔައިދިނިން. އަހަރެމެންނަކީ އާދައިގެ ދިރިއުޅުމެއް އުޅޭ ބައެއް. ލިބޭ އެއްޗަކުން ފުއްދައިގެން އުޅުމަކީ އަހަރެމެން ދަސްކޮށްފަ ވާކަމެއް. ޕްލީޒް އަންޑަސްޓޭންޑް." ޒަރޫން ބުނެލިއެވެ.
"އަންޑަސްޓޭންޑް ނުވަނީ އެއް ނޫން... އަސްލު ޒަރޫން ކަންނޭނގެ އަހަރެން އަންޑަސްޓޭންޑް ނުވަނީ؟." ޖިޔާ ބުންޏެވެ.
"ޖިޔާ...." ޒަރޫންއަށް ދަމައިލާފައި ޖިޔާގެ ނަން ކިޔައިލެވުނެވެ. އޭނާ ޖިޔާއަށް ވިސްނައިދޭން މަސައްކަތްކުރި ނަމަވެސް، ޖިޔާ ހުރީ އެ އަޑު އަހާގޮތަކަށް ނޫނެވެ.
"އަހަރެންގެ ފްރެންޑަކަށް ވެސް މިހާރު އެނގިއްޖެ ޒަރޫން ވޯކްކުރަނީ ގަރާޖެއްގަކަން. އޭނަ ވެސް ބުނި، ކިހިނެއްހޭ އަހަރެމެންގެ ފިއުޗަރ ސެކިޔޯރ ކުރާނީ ތިހެން އުޅެގެން؟." ޖިޔާ ބުނެލިއެވެ.
"ކުރިން ވެސް މިކަމާ ވާހަކަ ދެކެވުނު. ހުރިހާކަމެއް ހަމައަކަށް އެޅުނީމަ ދާއިމީ ވަޒީފާއަކަށް ވެސް ދާނަމޭ. ނުދާކަށް ނޫޅެމެއްނު އަހަންނެއް." ޒަރޫން ބުނެލިއެވެ.
"ޒަރޫން..." ޖިޔާ ގޮވައިލިއެވެ.
"ހޫމް..." ޒަރޫން ކޮފީ ޖޯޑުން އެތި ފޮދެއް ބޯލިއެވެ.
"އަހަރެން.. އަހަރެން ދެން ބޭނުމެއް ނޫން މި ގުޅުން ކުރިއަށް ގެންދާކަށް،" ޖިޔާ ބުނެލިއެވެ. ޒަރޫން އެއްޗެއް ނުބުންޏެވެ. ޖިޔާގެ ވާހަކަ އަޑުއަހަން އޭނާ އިން ގޮތަށް އިނީއެވެ. "އެއްވެސް އެއްޗެއް ނުބުނާނަން؟"
"އަހަރެން ދެން ވަކި ކީކޭ ބުނާނީ؟ ޖިޔާ ތި ގޮތް ނިންމީނު." ޒަރޫންއަށް ބުނެވުނެވެ. އެ ގުޅުމުގައި ސިއްކަ ޖެހިދާނެކަމުގެ ގިނަ އިޝާރާތްތަކެއް މިވީ ދުވަސްތަކުގައި ޒަރޫންއަށް ލިބިފައިވާތީ އެ ކަމަކުން އޭނާއަށް މާ ބޮޑު ހައިރާންކަމެއް ނުލިބުނެވެ. ޖިޔާގެ ފުށުން އެތަކެއް ދުވަހަކު އޭނާއަށް އެ ކަހަލަ ވާހަކަތަކެއް އަޑު އިވިފައިވެސް ވެއެވެ. އުޅެން ބޭނުންނުވެގެން އެކި ގޮތްގޮތަށް އޭނާއަށް އެކަން ހާމަކުރަން ޖިޔާ މަސައްކަތްކުރި ވެސް މެއެވެ. ޖިޔާ ކުރިން ދެއްކި ހުރިހާ ވާހަކަތަކަކީ އޭނާއާ ވަކިވާން ދެއްކި ބަހަނާތަކެކެވެ. ވީއިރު، ދެން އޭނާ ވަކި ބުނާނީ ކީކޭ ހެއްޔެވެ؟ ހިމޭންކަމުގައި އިރުކޮޅެއް ފާއިތުވި ފަހުން ޒަރޫން ވާހަކަ ދެއްކިއެވެ.
"ސޯ ދިސް އިޒް އިޓް؟" ޒަރޫންއަށް ސުވާލުކޮށްލެވުނެވެ.
"ދިޒް ވޯންޓް ވޯކް ލައިކް ދިސް. ސޯ ޔާ!" ޖިޔާ ބުންޏެވެ. އެ ގުޅުން ނިންމައިލަން ޖެހުމުން އެކަމާ ދެރަވާ ކަހަލަ އެއްވެސް އަސަރުތަކެއް އެމޫނުމައްޗަކުން ނުފެނެއެވެ. އެހެންނެއްކަމަކު ޒަރޫން ދެކެ ފޫހިވެފައިވާކަން އެ މޫނުމައްޗަށް ބަލައިލި ކޮންމެ މީހަކަށް ވެސް ފާހަގަވާނެއެވެ.
"އަހަރެމެން ދެމީހުން ވަރަށް ތަފާތު،" ޖިޔާ އިތުރު ކޮށްލިއެވެ. "ދަނީ ދެން. ބެސްޓް އޮފް ލަކް."
އެހެން ބުނެލާފައި ޒަރޫންއަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް ޖިޔާ ނުދިނެވެ.
އޭނާ ދަބަސް ހިފައިގެން ނުކުމެގެން ދިޔަ މަންޒަރު ބަލަހައްޓައިގެން ޒަރޫންއަށް އިނދެވުނެވެ. ނުކުމެފައި ލޯގަނޑުން އަދި ވެސް އެއްފަހަރު ޒަރޫންއަށް ޖިޔާ ބަލައިލިއެވެ. ވަދާޢީ ސާލަމްލޮށްލި ފަދައެވެ. ޒަރޫން ވެސް އިނީ ޖިޔާއަށް ބަލަހައްޓައިގެންނެވެ. އެހެން އިންދާ ޖިޔާ ކައިރިއަށް އައިސް މަޑުކޮށްލި ޕްރައިވެޓް ކާރަކަށް އަރައިގެން އޭނާ ހިނގައްޖެއެވެ.
ޒަރޫން ކުރިމަތީގައި ހުރި ކޮފީޖޯޑަށް ބަލައިލިއެވެ. އޭރު ވެސް އޭގެން ކުޑަކޮށް އާވިއަރަމުން ދިޔައެވެ.
*****
ޚިޔާލުތަކުން ނުކުމެވުނު ޒަރޫންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެގޮތަށް އެ ގުޅުން ނިންމައިލަން ޖެހުމުން ޒަރޫންއަށް އޭރު ހަމަ ގައިމު ވެސް އަސަރުތަކެއް ކުރިއެވެ. ދެރަ ވެސް ވިއެވެ. އެހެންނަމަވެސް، ދާ މީހަކު ހިފަހައްޓާ އާދޭސްކުރުމަކީ ޒަރޫން ކުރަން ބޭނުންވާ ކަމެއް ނޫނެވެ.
(ނުނިމޭ)
