ރާއްޖޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓްގެ އޮފީސް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
ޖަރުމަނުގެ ފެޑެރަލް ފޮރިން އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ވަކި ގޮތެއް އަންގަންދެން އެ އޮފީސް ހުންނާނީ ބަންދުކޮށްފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ކުއްލި ހާލަތްތަކުގައި އެހީތެރިކަން ހޯދުމަށް ގުޅަން ޖެހޭނީ ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ޖަރުމަނު އެމްބަސީއަށެވެ.
ކޮލަމްބޯގައި ހުންނަ ޖަރުމަނު އެމްބަސީން ބުނި ގޮތުގައި، ރާއްޖޭގައި މިވަގުތު ޖަރުމަނުގެ އެއްވެސް މަންދޫބަކު ނެތުމާއެކު، އެމްބަސީއަށް ދެވޭނީ ހަމައެކަނި ލަފަޔާއި އިރުޝާދެވެ. އެހެންކަމުން، ރާއްޖެއަށް ދަތުރުކުރަން ރާވާ ޖަރުމަނުގެ ރައްޔިތުން މިކަމަށް ސަމާލުކަން ދިނުމަށް އެ ފަރާތުން ވަނީ އިލްތިމާސްކޮށްފައެވެ. ރާއްޖޭގައި އުޅޭ ޖަރުމަނު ރައްޔިތުންނަށް ދިމާވާ ކުއްލި މައްސަލަތަކުގައި އަމަލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް މިވަގުތު ދަތިތަކެއް ހުންނާނެ ކަމަށް ވެސް އެމްބަސީން ފާހަގަކޮށްފައިވެއެވެ.
https://x.com/MohamedNasheed/status/2110002095931973736
މީގެ އިތުރުން، ޖަރުމަނަށް ދަތުރުކުރަން ބޭނުންވާ ދިވެހިން ޝެންގެން ވީޒާ ހޯދުމަށް އާންމުކޮށް ހުށަހަޅަނީ މާލޭގައި ހުންނަ ވީއެފްއެސް ސެންޓަރަށެވެ. ނަމަވެސް ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން ވީޒާގެ ކަންކަމަށް ބަދަލެއް އައިސްފައިވާ ކަމެއް އެމްބަސީން ހާމަކޮށްފައެއް ނުވެއެވެ.
ޖަރުމަނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ވަރަށް މުހިންމު ގައުމެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅާ ހަމައަށް ޖަރުމަނުން 101،366 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއާއެކު، ޖަރުމަނު ހިމެނެނީ ޗައިނާ، ރަޝިޔާ އަދި އިނގިރޭސިވިލާތަށް ފަހު ރާއްޖެއަށް ހަތަރުވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުގެ ގޮތުގައެވެ. ފާއިތުވި 2025 ވަނަ އަހަރު ވެސް ޖަރުމަނުން 1 ލައްކަ 67 ހާހަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
މީގެ އިތުރުން، ޖަރުމަނުގެ ފަތުރުވެރިން އިތުރުކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސްއިން ވަނީ ޖަރުމަނުގެ ޑެޓުއަރ ކުންފުންޏާއެކު ހާއްސަ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައެވެ.
ރާއްޖެއާއި ޖަރުމަނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ޖަރުމަނު ރައްޔިތުންނަށް އެހީތެރިވުމަށް މާލޭގައި އޮނަރަރީ ކޮންސިއުލޭޓެއް ގާއިމުކޮށްފައި ހުންނަތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. އެންމެ ފަހުން މި މަގާމަށް ބޭފުޅަކު އައްޔަންކޮށްފައިވަނީ 2019 ވަނަ އަހަރުގައެވެ. އޭގެ ކުރިން، ގިނަ އަހަރުތަކެއް ވަންދެން އެ މަގާމު ފުރުއްވީ 2020 ވަނަ އަހަރު ނިޔާވި ޑރ. އިބްރާހީމް އުމަރު މަނިކެވެ. އޮނަރަރީ ކޮންސިއުލޭޓް އަލުން ހުޅުވާނެ ވަކި ތާރީހެއް ޖަރުމަނުގެ ފޮރިން އޮފީހުން އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން، މިވަގުތު ޖަރުމަނުގެ ރައްޔިތުންނަށް ކޮންސިއުލަރ ހިދުމަތްތައް ލިބެން ހުރީ ހަމައެކަނި ކޮލަމްބޯގައި ހުންނަ އެމްބަސީ މެދުވެރިކޮށެވެ.
