ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ އަމާން ޓަވަރުތަކުގެ ތެރެއިން ދެ ޔުނިޓަކަށް ގަވާއިދުން ފައިސާ ނުދައްކާތީ، އެ ދެ ޔުނިޓުގެ އެއްބަސްވުން ބާތިލްކޮށް، ދެ ފުލެޓު ހުސްކުރުމަށް އެ ކޯޕަރޭޝަނުން އަންގައިފިއެވެ.
މި މައްސަލައާ ގުޅިގެން އެފްޑީސީން އާންމުކުރި ބަޔާނެއްގައި ބުނީ މި ފިޔަވަޅު އަޅާފައިވަނީ 4000 ހައުސިން ޔުނިޓު ހަވާލުކުރުމުގެ ކުރިން ވެފައިވާ ޔުނިޓު ކުއްޔަށްދިނުމާއި މިލްކުކުރުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއާތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
އެގޮތުން، އެއްބަސްވުން ބާތިލުކުރުމުގެ ކުރިން، ނުދައްކާ ހުރި ފައިސާ ދެއްކުމަށް 135 ދުވަހުގެ ތެރޭގައި އެ ފަރާތްތަކަށް ތަކުރާރުކޮށް ފުރުސަތު ދީފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މި މުއްދަތުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ޕޭމަންޓް ޑިފޯލްޓް ނޯޓިސް ފޮނުވުމުގެ އިތުރުން، އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ ނޯޓިސް ވެސް ވަނީ ދީފައި ކަމަށް އެފްޑީސީން މައުލޫމާތު ދިނެވެ. އެ ނޯޓިސްތައް ފަހި ޕޯޓަލް، އެސްއެމްއެސް، އީމެއިލް އަދި ލިޔުމުން ވެސް އެ ފަރާތްތަކަށް ފޮނުވާފައިވާކަން އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ.
ނަމަވެސް، އެކަށީގެންވާ ފުރުސަތު ދިނުމުން ވެސް އަދި ކަނޑައެޅިފައިވާ މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް ފައިސާ ދައްކާފައި ނުވާތީ އެއްބަސްވުން ބާތިލުކޮށް، ނޯޓިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި ޔުނިޓުތައް ހުސްކުރުމަށް އަންގައިފައިވާކަން އެފްޑީސީން ހާމަކުރިއެވެ.
އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން އެ ފަރާތްތަކުގެ އެފްޑީސީ ޕޯޓަލް އެކައުންޓަށް ދީފައިވާ އެކްސެސް ވެސް މިހާރު ވަނީ ކަނޑާލައިފައެވެ.
އެފްޑީސީން ފާހަގަކުރި ގޮތުގައި މިއީ އެއްބަސްވުމުގެ އުސޫލުތައް ނެގެހެއްޓުމަށާއި، އެންމެހައި ފަރާތްތަކުގެ މައްޗަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އުސޫލުތައް ތަންފީޒުކުރުމުގެ މަގުސަދުގައި އެޅި ފިޔަވަޅެކެވެ.
މީގެ އިތުރުން އިމާރާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި، ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، އެއްބަސްވުމާ އެއްގޮތަށް ގަވާއިދުން މަހުން މަހަށް ކުއްޔާއި މެއިންޓެނަންސް ފީ ދެއްކުމަށް އަމާން ޓަވަރުތަކުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
އެފްޑީސީން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ސޯޝަލް ހައުސިން "އަމާން" ޓަވަރުތަކުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 32 ޓަވަރުގައި 4,000 ފްލެޓް ހިމެނެއެވެ. މި ޓަވަރުތައް ބަހާލެވިފައިވަނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ އަމާން ދޯދި އަދި އަމާން އުދަރެސްއެވެ.
އޭގެ ތެރެއިން ތިން ކޮޓަރީގެ ފުލެޓަކަށް މަހަކު 9,000 ރުފިޔާ ދޭން ޖެހޭއިރު، ދެ ކޮޓަރީގެ ފްލެޓަކަށް ދައްކަން ޖެހެނީ މަހަކު 7,000 ރުފިޔާއެވެ.
ސޯޝަލް ހައުސިން މަޝްރޫއުތަކުން މާލެ ސަރަހައްދުން ދޫކޮށްފައިވާ ފުލެޓުތަކަށް ކުލި ނުދެއްކުމުގެ މައްސަލަ މީގެ ކުރިން ވެސް ވަރަށް ބޮޑެވެފައިވެއެވެ.
