ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭ ގޮތަށް ފަރުމާކޮށްފައިވާ، "ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލު" ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ.
ބަހުސްގެ މަރުހަލާ ނިންމައި މި ބިލު މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓުގައި، ބިލު ބަލައިގަންނަން ފެންނަ ކަމަށް 56 މެންބަރުން ވޯޓު ދެއްވިއެވެ.
ބަހުސްގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ބިލަށް ފާޑުވިދާޅުވި ނަމަވެސް، ބިލު ބަލައިގަތުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. ބިލު މަޖިލީހަށް ބަލައިގަތުމަށް ފަހު އިތުރަށް ދިރާސާކުރުމަށްޓަކައި މިހާރު ވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.
މި ބިލުގެ މައިގަނޑު މަގުސަދަކީ ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށްތައް ކޮށްގެން ހޯދާ މާލީ މަންފާ ހުއްޓުވުމާއި، ނުހައްގުން ހޯދާ މުދާ އަތުލައި އެއިން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމެވެ.
މީގެ އިތުރުން މުދާ ދައުލަތަށް ނެގުމާ ބެހޭ ގާނޫނީ ހަރުދަނާ އޮނިގަނޑެއް އެކުލަވާލައި، ބޭރު ގައުމުތައް މެދުވެރިކޮށް ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގައި ބައިނަލްއަގުވާމީ އެހީތެރިކަން ދިނުމާއި ހޯދުމުގެ އުސޫލުތައް ވެސް ބިލުގައި ވަނީ ކަނޑައަޅާފައެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޖިނާއީ ކުށެއް ސާބިތުނުވާ ހާލަތުގައި ވެސް ވަކި މުދަލަކީ ކުށްކޮށްގެން ހޯދާފައިވާ އެއްޗެއް ކަމަށް މަދަނީ މިންގަނޑުން ސާބިތުކޮށްދެވޭ ނަމަ، ސިވިލް ރެސްޓްރެއިންޓް އަމުރެއްގެ ދަށުން އެ މުދާ ހިފެހެއްޓުމުގެ ނުވަތަ ސިވިލް ފޯފީޗާ އަމުރެއްގެ ދަށުން ދައުލަތަށް ނެގުމުގެ އިހުތިޔާރު ޕްރޮސިކިއުޓާ ޖެނެރަލަށް ލިބިގެންވެއެވެ.
މީގެއިތުރުން މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކޮށްފައިވާ ކުށްތަކާއި ސާބިތުވެފައިވާ ކުށްތަކުގެ ދަށުން ހޯދާފައިވާ މުދަލުގެ މައްޗަށް ވެސް މި ގާނޫނު ހިނގާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. ވަކި ޝަރުތުތަކެއް ފުރިހަމަވާ ނަމަ ކޯޓުގެ ވަކި އަމުރަކާ ނުލައި އޮޓޮމެޓިކް ފޯފީޗާގެ ގޮތުގައި ވެސް މުދާ ދައުލަތަށް ނެގޭނެއެވެ.
މީގެ އިތުރުން، މާލީ އިދާރާއެއްގެ އެކައުންޓެއްގައި ދައުލަތަށް ނެގިދާނެ ފައިސާ ހުރި ކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭ ނަމަ، އެކައުންޓުގެ ވެރިފަރާތަށް އެންގުމަކާ ނުލައި 3 މަސްދުވަހުގެ މުއްދަތަށް އެ އެކައުންޓެއް މޮނިޓާކުރުމުގެ ކޯޓު އަމުރެއް ހޯދުމުގެ ފުރުސަތު ލިބިދެއެވެ.
މިފަދަ އަމުރެއްގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާތައް ފިޔަވައި އެހެން ފަރާތަކަށް ހާމަކުރުމަކީ މަނާ ކަމެކެވެ. އެފަދަ މައުލޫމާތެއް ހާމަކޮށްފި ނަމަ، އެކަން ކުރި ފަރާތެއް ނުވަތަ ބޭންކެއް 100،000 ރުފިޔާއާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
ދައުލަތަށް މުދާ ނެގޭނެ ކުށްތަކުގެ ތެރޭގައި މަނީ ލޯންޑަރިން، ޓެރަރިޒަމް، މީހުން މެރުން، މަސްތުވާތަކެއްޗާއި މީހުން ޓްރެފިކް ކުރުން، އެކްސްޕްލޮއިޓޭޝަންގެ އަމަލު އެކުލެވޭ ޖިންސީ ކުށްތައް، ހަތިޔާރު ޓްރެފިކްކުރުން، އަދި އިންސައިޑާ ޓްރޭޑިން އާއި ކޮރަޕްޝަން ފަދަ ބޮޑެތި ކުށްތައް ހިމެނެއެވެ.
މީގެ އިތުރުން 500،000 ރުފިޔާއިން މަތީގެ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ މައްސަލަތަކާއި، 100،000 ރުފިޔާއިން މަތީގެ ފޭރުމާއި، ވައްކަމާއި، ހިޔާނާތް އަދި ސްމަގަލް ކުރުމުގެ ކުށްތައް ވެސް ހިމެނެއެވެ.
މި ބިލުގެ ދަށުން ދައުލަތަށް ނަގާ މުދާ ބީލަމުގެ އުސޫލުން ނުވަތަ ނީލަން ކިޔައިގެން ވިއްކުމުގެ އިހުތިޔާރު ދައުލަތަށް ލިބިގެންވެއެވެ. ނަމަވެސް އެ މުދާ ކުރިން ނިސްބަތްވި މީހާއަށް ނުވަތަ އޭނާގެ އާއިލާގެ މީހަކަށް ވިއްކުން ވަނީ މަނާކޮށްފައެވެ.
މީގެއިތުރުން ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށް ފަހު ކުށްކުރުން ހުއްޓުވުމަށާއި، ކުށުގެ ޝިކާރައަކަށްވާ މީހުންނަށް ބަދަލުދިނުމަށް އަދި އިދާރީ ހަރަދުތައް ބެލެހެއްޓުމަށްޓަކައި، ގާނޫނަށް އަމަލުކުރަން ފަށާތާ 2 މަސްދުވަހުގެ ތެރޭގައި "ރިކަވަރީ އެސެޓްސް ފަންޑު" ގެ ނަމުގައި ހާއްސަ ފަންޑެއް ގާއިމުކުރަން ޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
