މުޒާހަރާކުރުން މަނާކޮށްފައިވާ ދިއްލީގެ ޖަންތަރު މަންތަރަށް ވަން ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ އިސް ލީޑަރުންތަކެއް ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ.
އެ ޕާޓީން ބުނި ގޮތުގައި، އާޝުތޯޝް ރަންކާއާއި ސޯރަވް ދާސް ހައްޔަރުކުރީ އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރު ގެނޭޝް ކުމާރުގެ އިސްތިއުފާއަށް ގޮވާލައި އެ ސަރަހައްދުގައި އަޑުއުފުލަން ފެށުމުންނެވެ. މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ މީހުން ޖަންތަރު މަންތަރަށް ވަދެފައިވަނީ ފުލުހުން ޖަހާފައިވާ ބެރިކޭޑުތަކުގެ މަތިން އަރައިގެންނެވެ. އަދި އެ ވަގުތު އެ މީހުންގެ އަތުގައި އިންޑިއާގެ ގައުމީ ދިދަ ވެސް އޮތެވެ. ސީޖޭޕީގެ ބާނީ އަބިޖީތު ދިޕްކޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މުޒާހަރާކުރުމުގެ ހައްގު ނިގުޅައިނުގަނެވޭނެ ކަމަށާއި، ހައްޔަރުކުރި ނަމަވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.
މި ލީޑަރުން ހައްޔަރުކޮށްފައިވަނީ، ޖަންތަރު މަންތަރަކީ މުޒާހަރާކުރާ ސަރަހައްދެއް ނޫން ކަމަށް ކަނޑައަޅައި، އިންޑިއާގެ ހޯމް މިނިސްޓްރީން އެތަން ބަންދުކޮށްފައި ވަނިކޮށެވެ. އޭގެ ބަދަލުގައި މުޒާހަރާކުރުމަށް އެހެން ތިން ސަރަހައްދެއް ކަނޑައަޅާފައިވާ ކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ. ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މުޒާހަރާތަކާ ގުޅިގެން ދިއްލީގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އަދި ދަތުރުފަތުރުގެ ނިޒާމަށް ބުރޫއަރައި، ބައެއް މެޓްރޯ ސްޓޭޝަންތައް ވެސް ވަނީ ބަންދުކޮށްފައެވެ.
ފާއިތުވި ހަފުތާބަންދުގައި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށް، އެތައް ހާސް ބަޔަކު ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި ބައެއް ނޫސްވެރިން ވެސް ހިމެނޭ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން، އިދިކޮޅު ޕާޓީތަކުން ވަނީ ދިއްލީގެ ކޮނޯޓް ޕްލޭސްއިން ފެށިގެން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ވެސް ބާއްވާފައެވެ.
މަނާކޮށްފައިވާ ސަރަހައްދަށް ވަން "ކުރަފި ޕާޓީގެ" ލީޑަރުން ވަނީ ހައްޔަރުކޮށްފައި --
މި މުޒާހަރާތައް ފެށުނީ އިންޑިއާގެ ވޯޓުލާ މީހުންގެ ލިސްޓު މުރާޖަޢާކުރުމަށް އިލެކްޝަން ކޮމިޝަނުން ފެށި މަސައްކަތާ ގުޅިގެންނެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި، މި މަސައްކަތުގެ ދަށުން 130 މިލިއަން މީހުންގެ ނަން ލިސްޓުން އުނިކޮށްފައިވާއިރު، މިއީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕާޓީއަށް ފައިދާ ހޯދައިދިނުމަށް ކުރާ ކަމެކެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.
މި މައްސަލައިގައި އިންޑިއާގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ކޮންގްރެސްއިން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅާފައެވެ. ކޮންގްރެސްއިން ތުހުމަތުކުރާ ގޮތުގައި، ޗީފް އިލެކްޝަން ކޮމިޝަނަރު ގެނޭޝް ކުމާރު ވަނީ އެހެން ކޮމިޝަނަރުންގެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި އަމިއްލައަށް ގޮތް ނިންމަވާފައެވެ. އިންޑިއަން އެކްސްޕްރެސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ ގުޅިގެން އަނެއް ދެ ކޮމިޝަނަރުން ވަނީ 14 ފަހަރެއްގެ މަތިން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ސީޖޭޕީއަކީ މިއަހަރުގެ މެއި މަހު އިންޑިއާގެ އުއްތަމަ ފަނޑިޔާރު ސޫރްޔާ ކާންތު، ވަޒީފާ ނެތް ޒުވާނުންނަށް ނިސްބަތްކުރައްވައި "ކޮކްރޯޗް" ނުވަތަ ކުރަފީގެ ނަމުން މުޚާތަބުކުރެއްވުމާ ގުޅިގެން، ފާޑުކިޔުމުގެ ގޮތުން އުފެދުނު ހަރަކާތެކެވެ. އެ ޕާޓީގެ ބާނީ އަބިޖީތު ދިޕްކޭ އިސްވެ ހުރެ ފެށި މި ހަރަކާތް ފަހުން ވަނީ ޒުވާނުންގެ ހައްގުތަކަށް ވަކާލާތުކުރާ ބޮޑު ޕްރެޝަރު ގްރޫޕަކަށް ބަދަލުވެފައެވެ. މީގެ ކުރިން އިމްތިހާނުތަކުން ފެންމަތިވި މައްސަލަތަކާ ގުޅިގެން މި ޕާޓީން އިސްވެ ކުރި މުޒާހަރާތަކުގެ ނަތީޖާއެއްގެ ގޮތުން، އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން ވަނީ ޖުލައި މަހު އިސްތިއުފާ ދެއްވާފައެވެ. އެހެންކަމުން، މިހާރު ކުރިއަށްދާ މުޒާހަރާތަކުގައި ވެސް ގިނަ އަދަދެއްގެ ޒުވާނުންނާއި ދަރިވަރުން އަންނަނީ ބައިވެރިވަމުންނެވެ.
މިހާރު ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން ހައްޔަރުކުރި ލީޑަރުން ދޫކޮށްލާނެ ވަގުތަކާ ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ކޮންގްރެސްއިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ހުރި ބައެއް އިދާރީ މައްސަލަތައް ހައްލުކުރުމަށް ކޯޓުގެ ރަޖިސްޓްރީން އަންގާފައިވާއިރު، އެ މައްސަލައިގެ އަޑުއެހުންތައް ފަށާނެ ތާރީޚެއް ވެސް ކޯޓުން އަދި ތާވަލުކޮށްފައެއް ނުވެއެވެ.
