އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ސެލީނާ ގޯމޭޒް ގިނަ ދުވަސްތަކެއް ވަންދެން ނިކޮޓިން ވޭޕްކުރުމުގެ ސަބަބުން އޭނާގެ އަޑަށް ދާއިމީ ބަދަލުތަކެއް އައިސްފައިވާކަން ހާމަކޮށްފިއެވެ.
"ރެއާ ބިއުޓީ" ކުންފުނީގެ ބާނީގެ ގޮތުގައި ވެސް ހަރަކާތްތެރިވާ ސެލީނާ ވަނީ އޭނާގެ ސިއްހީ ހާލަތާ ގުޅޭގޮތުން މީގެ ކުރިން ވެސް އާންމުންނާ މައުލޫމާތު ހިއްސާކޮށްފައެވެ. އޭނާ އެންމެ ފަހުން މައުލޫމާތު ހިއްސާކޮށްފައިވަނީ އާދީއްތަ ދުވަހު އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް އާންމުކުރި ވީޑިއޯއެއްގައެވެ.
އުމުރުން 34 އަހަރުގެ ސެލީނާ ވަނީ އޭނާ ވަރަށް ގިނައިން ވޭޕްކޮށްފައިވާ ކަމަށް ބުނެ، އޭގެ ސަބަބުން އޭނާގެ އަޑަށް އައިސްފައިވާ ބަދަލުތައް ދެން ރަނގަޅު ނުކުރެވޭނެ ކަމަށް ބުނެފައެވެ. އަދި ވޭޕްކުރަން މަސައްކަތްކުރާ މީހުންނަށް އެކަމާ ދެކޮޅަށް އިލްތިމާސްކުރަމުން ސެލީނާ ބުނީ، އެއީ އެއްވެސް ފައިދާއެއް އޮތް ކަމެއް ނޫން ކަމަށާއި، އެއީ ވަރަށް ތާކުންތާކު ނުޖެހޭ ކަމެއް ކަމަށެވެ.
މީގެ އިތުރުން، ވޭޕްކުރުން މިހާރު ހުއްޓާލާފައިވާތީ އެކަމާ އުފާކުރާ ކަމަށާއި، ނަމަވެސް ނިކޮޓިންއާ ދުރުގައި ހުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ. ސެލީނާ ބުނި ގޮތުގައި އޭނާގެ އަޑަށް އައިސްފައިވާ ބަދަލާ ގުޅިގެން މީހުން އޭނާގެ ވާހަކަ އަޑުއަހަން ބޭނުން ނުވި ނަމަވެސް އެއީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ. އަދި މިފަދަ އާދަތަކުން ދުރުވުމަށް މަސައްކަތްކުރާ އެހެން މީހުންނަށް ވެސް އެކަން ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ސެލީނާ ވަނީ ދީފައެވެ.
ސެލީނާ އެ ވާހަކަތައް ހިއްސާކޮށްފައިވަނީ، ފާއިތުވި އަހަރުތަކުގައި އޭނާގެ އަޑު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގައެވެ.
ސެލީނާއަކީ ލޫޕަސް ބަލި ތަހައްމަލުކުރަމުންދާ މީހަކަށް ވާއިރު، އޭނާގެ އަޑަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން މިދިޔަ އަހަރުގެ ޑިސެންބަރު މަހު އޭނާ ބުނެފައިވަނީ، ބައެއް ފަހަރު އޭނާގެ ކަރުތެރެ ދުޅަވާ ކަމަށެވެ. ނަމަވެސް އޭރު އޭނާގެ އަޑަށް އައި ބަދަލަކީ ވޭޕްކުރުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށް ބުނެފައެއް ނުވެއެވެ.
ސިއްހީ މާހިރުންނާ ހަވާލާދީ ލޮސް އެންޖެލިސް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީ-ސިނގިރޭޓާއި ވޭޕްކުރުމަކީ ފުއްޕާމޭގެ ކެންސަރާއި އަނގައިގެ ކެންސަރަށް މަގުފަހިކުރުވާ ކަމެކެވެ. އަދި މީގެ ސަބަބުން ފުއްޕާމޭގެ ޓިޝޫތައް ދުޅަވުމާއި، ސިކުނޑި ތަރައްގީވުމަށް ހުރަސްއެޅުމުގެ އިތުރުން، އަޑަށް ގެއްލުން ލިބޭކަން ވެސް ދިރާސާތަކުން ދައްކައެވެ.
އެމެރިކާގެ ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ވެސް ވަނީ ވޭޕްކުރާ މީހުން އެ އާދަ ހުއްޓާލުމަށް އިރުޝާދުދީފައެވެ.
