ދެކުނު ކޮރެއާގެ އިންޗިއޮން ސިޓީގައި ހުންނަ ވިޔަފާރި މަރުކަޒެއްގައި މިއަދު މީހަކު ވަޅިން ހަމަލާދީ އަށް މީހަކު ޒަޚަމްކޮށްލައިފިއެވެ.
މި ހަމަލާއާ ގުޅިގެން އުމުރުން 59 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ޒަޚަމްވި މީހުންގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށް ދެކުނު ކޮރެއާގެ ޔޮންހަޕް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވެއެވެ.
މަންޒަރު ދުށް މީހުންނާ ހަވާލާދީ ޔޮންހަޕް އިން ބުނި ގޮތުގައި، ހަމަލާދިން މީހާ ހުރީ އޭނާގެ ދެ އަތުގައި ވަޅި ބަނދެގެންނެވެ. އަދި އޭނާ ވަނީ އެ އިމާރާތުގެ އެސްކެލޭޓަރެއްގައި މައްޗަށް ދަމުން އެކި ފަންގިފިލާތަކުގައި ތިބި މީހުންނަށް ހަމަލާދީފައެވެ. އޭނާ ހުއްޓުވައި ފުލުހުންނާ ހަވާލުކުރީ އެތާނގައި ތިބި އާންމުންނެވެ. މި ހަމަލާގައި ޒަޚަމްވި މީހުންގެ ތެރޭގައި ހަ އަންހެނުންނާއި ދެ ފިރިހެނުން ހިމެނޭއިރު، އުމުރުން 20 އަހަރުގެ އަންހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ހޮސްޕިޓަލުގައި ވަނީ އޮޕަރޭޝަނެއް ކޮށްފައެވެ.
ދެކުނު ކޮރެއާގެ ޖަސްޓިސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހައްޔަރުކުރި މީހާއަކީ މީހަކު މަރާލަން އުޅުމުގެ ކުށުގައި މީގެ ކުރިން ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާ މީހެކެވެ. އަދި 2019 ވަނަ އަހަރު އޭނާ ޖަލުން މިނިވަންވުމަށްފަހު، އޭނާގެ ފައިގައި އިލެކްޓްރޯނިކް މޮނިޓަރިންގް ބްރޭސްލެޓެއް އަޅުވާފައިވާ ކަމަށާއި، އޭނާއަކީ ނަފްސާނީ މައްސަލަތަކަށާއި ރާބުއިމަށް އެޑިކްޓްވެފައިވާތީ ފަރުވާ ހޯދަމުންދާ މީހެއް ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ. މި އިލެކްޓްރޯނިކް މޮނިޓަރިންގް ނިޒާމަކީ، ނުރައްކާތެރި ކުށްވެރިން ޖަލުން މިނިވަންވުމަށްފަހު ޖީޕީއެސް މެދުވެރިކޮށް ވަގުތުން ވަގުތަށް އެމީހުންގެ ހަރަކާތްތައް ބެލެހެއްޓުމަށް ބޭނުންކުރާ ނިޒާމެކެވެ.
މި ހާދިސާއާ ގުޅިގެން ދެކުނު ކޮރެއާގެ ރައީސް ލީ ޖޭ މިޔަންގް ވަނީ އިންޗިއޮން މެޓްރޮޕޮލިޓަން ޕޮލިސް އެޖެންސީއަށް ޒިޔާރަތްކުރައްވައި، މައްސަލައިގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ. ރައީސް އޮފީހުން ބުނި ގޮތުގައި، މި މައްސަލަ އަވަސް އަދި ފުރިހަމަ ތަހުގީގަކުން ބެލުމަށް ރައީސް ވަނީ އަންގަވާފައެވެ. އަދި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ލީ ވިދާޅުވީ، “މިއަދު ދިން ވަޅީގެ ހަމަލާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދެން” ކަމަށެވެ. މީގެ އިތުރުން، ކުށްވެރިން މޮނިޓަރކުރުމަށް ބޭނުންކުރާ އިލެކްޓްރޯނިކް ނިޒާމު ފުރިހަމައަށް މުރާޖަޢާކޮށް ތަހުގީގުކުރާނެ ކަމަށް ޖަސްޓިސް މިނިސްޓްރީން ވަނީ ބުނެފައެވެ. ވެރިރަށް ސޯލްގެ ހުޅަނގުން އޮންނަ އިންޗިއޮން ސިޓީއަކީ ދެކުނު ކޮރެއާގެ މައި އެއަރޕޯޓުވެސް ހިމެނޭ ސަރަހައްދެވެ.
މި ހަމަލާ ދީފައިވާއިރު، 2023 ވަނަ އަހަރުވެސް ދެކުނު ކޮރެއާގައި ވަނީ މިފަދަ ގިނަ ހަމަލާތަކެއް ދީފައެވެ. އެގޮތުން އެ އަހަރު ދިން ހަމަލާތަކުގައި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވެއެވެ. އަދި އެންމެ ފަހުން މިދިޔަ މެއި މަހު ގްވަންޖޫ ސިޓީގައި އުމުރުން 20 އަހަރުގެ ފިރިހެނަކު ދިން ވަޅީގެ ހަމަލާއެއްގައި 17 އަހަރުގެ އަންހެން ކުއްޖަކު މަރުވެ، އިތުރު ކުއްޖަކަށް އަނިޔާވެފައިވެއެވެ. މި މައްސަލައިގައި ހަމަލާދިން މީހާގެ މައްޗަށް ކޯޓުން ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
