ދުބާއީން ފުރައިގެން އިޒްރޭލަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓެއް ހައިޖެކްކޮށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި، ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ އައުމުން ސުވާލުކުރާނެކަން ފުލުހުން މިއަދު ހާމަކޮށްފިއެވެ.
މިޑްލް އީސްޓް މޮނިޓާއިން، އިސްރާއީލުގެ ނޫހެއް ކަމަށްވާ "ކީޕާ" އާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ ޕައިލެޓުން ހައްޔަރުކުރި ފަހުން އެތައް ދުވަހެއް ވަންދެން އެ މީހުންގެ އެއްވެސް ޚަބަރެއް ނުވެގެން އާއިލާތަކުން އުޅެނިކޮށް، އެމީހުން ބަންދުގައި ތިބިކަން އާއިލާތަކަށް އެނގުނީ ދިވެހި އެމްބަސީން އެންގުމުންނެވެ.
'ސަން'އަށް މައުލޫމާތުދެއްވަމުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް ވިދާޅުވީ، މިއަދު މެދުންދުރު ފަހުގެ ވަގުތެއްގައި އެ ދެ ޕައިލެޓުން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި، އެ މީހުންނާ ސުވާލުކޮށް، މައުލޫމާތު ސާފުކުރުމުގެ ކަންކަން ކުރާނެ ކަމަށާއި އެމީހުންނާ މެދު އިތުރު ފިޔަވަޅެއް އަޅާ ނަމަ އެ ކަން އަންގާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ސަތޭކަ ހަތް ދިހަ އަށް ވުރެ ގިނަ ފަސިންޖަރުންނާއެކު ދަތުރުކުރި ފްލައިދުބާއީ ބޯޓުގެ ކެޕްޓަނަށް ކޯޕައިލެޓް ހަމަލާދިނީ ކޯރާޑިއަކުންނެވެ. ޔޫއޭއީގެ ޕްރޮސެކިއުޓާ ޖެނެރަލް ހަމަދު ސައިފް އައްޝާމިސީ ވިދާޅުވި ގޮތުގައި، ދަތުރު ފެށިތާ ދެ ގަޑިއިރާއި ބައި ފަހުން ދިން މި ހަމަލާއާ ގުޅިގެން ބޯޓު ވަނީ 17،000 ފޫޓު (5،200 މީޓަރު) ތިރިއަށް ވެއްޓިފައެވެ. ނަމަވެސް ފަސިންޖަރުން ވަނީ ކޯޕައިލެޓް ހުއްޓުވައި، ބޯޓުގެ ކޮންޓްރޯލް ހޯދާފައެވެ.
އެއަށްފަހު ބޯޓުގައި ތިބި އިތުރު ދެ ޕައިލެޓުން ވަނީ ސައުދީ އަރަބިއްޔާއަށް ބޯޓު ސަލާމަތްތެރިކަމާއެކު ޖައްސާފައެވެ. އަނިޔާވި ކެޕްޓަން ސްމިތު މަޗްހަރަކީ އިންޑިއާގެ ރައްޔިތެކެވެ. އޭނާއަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާދިނުމަށްފަހު، މިހާރު ވަނީ އަބޫދާބީއަށް ގެންގޮސްފައެވެ. އޭނާގެ ހާލު ސްޓޭބަލް ކަމަށް ރިޕޯޓުތައް ބުނެއެވެ.
