އިންސާނުންގެ ނަމުގައި އެކި ކަންކަމުގައި ވާހަކަދައްކައި މުއާމަލާތްތައް (ނެގޯޝިއޭޝަން) ހިންގޭނެ އޭއައި އޭޖެންޓުން ތައްޔާރުކުރުމަށްޓަކައި، ކަންކަން ކުރިއަށްގެންދާނެ އުސޫލުތަކާއި ގާނޫނީ އިންތަކާ ބެހޭގޮތުން އެންތުރޯޕިކް ކުންފުނިން ގާނޫނީ ވަކީލުންގެ ލަފާ ހޯދަން ފަށައިފިއެވެ.
ފައިނޭންޝަލް ޓައިމްސް (އެފްޓީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެންތުރޯޕިކުން މަސައްކަތް ކުރަމުންދަނީ ބޭނުންކުރާ ފަރާތްތަކަށް އެންމެ ފައިދާހުރި ނަތީޖާ ހޯދައިދިނުމަށްޓަކައި އޭއައި އޭޖެންޓުން މުއާމަލާތްކުރާނެ ޞަރީހަ އުސޫލުތަކެއް ކަނޑައެޅުމަށެވެ.
މިފަދަ އޭއައި އޭޖެންޓުން ބޭނުންކުރުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައި ކަސްޓަމަރުންގެ މައްސަލަތައް ހައްލުކުރުމާއި، މުސާރައިގެ އިނާޔަތްތައް މަތިކުރުމަށް ވަކާލާތުކުރުމުގެ އިތުރުން ތަކެތީގެ އަގުުހެޔޮކުރުމަށް ވާހަކަދެއްކުން ހިމެނެއެވެ.
މި މުއާމަލާތްތައް ހިންގުމުގައި ރިއާޔަތްކުރާނެ މުހިންމު ކަންތައްތަކެއްގެ މަޝްވަރާ މިހާރު ދަނީ ކުރެވެމުންނެވެ. އޭގެ ތެރޭގައި އިދިކޮޅު މަގުސަދުތަކެއް ހުރި ފަރާތްތަކާ ކުރިމަތިލާއިރު ބޭނުންކުރާ ފަރާތުގެ މަސްލަހަތު ހިމާޔަތްކުރުމަށް އޭޖެންޓުން ކިހާ ވަރަކަށް ބާރުއަޅަންޖެހޭނެކަމާއި، ބޭނުންކުރާ ފަރާތުގެ އިރުޝާދު ހޯދުމަށް އޭޖެންޓު މަސައްކަތް މެދުކަނޑާލަންޖެހޭނީ ކިހިނެއްކަން ކަނޑައެޅުން ހިމެނެއެވެ. އަދި އޭޖެންޓަށް އަމިއްލައަށް ނިންމުން ނިންމުމުގެ ކިހާ މިނިވަންކަމެއް ދޭނެކަމާމެދުވެސް ދަނީ މަޝްވަރާކުރެވެމުންނެވެ.
މީގެ އިތުރުން، އެހެން އޭޖެންޓުންނާމެދު އިންތިހާއަށް ޝައްކު ނުކޮށް، މަކަރުވެރި އުކުޅުތައް ދެނެގަންނާނެ ގޮތްތަކާއި، އޭޖެންޓުގެ ބާރުތަކާއި އިންތައް ބަޔާންކޮށް ބޭނުންކުރާ ފަރާތުން ސޮއިކޮށްފައިވާ އިރުޝާދުތަކެއް ދޭންޖެހޭނެތޯވެސް ދަނީ ބަލަމުންނެވެ.
އެންތުރޯޕިކުން ވަނީ މި ޚިޔާލުތައް އަމަލީ ގޮތުން ޓެސްޓްވެސް ކޮށްފައެވެ. އެގޮތުން، އެކުންފުނީގެ އެތެރޭގައި ހިންގި ތަޖުރިބާއެއްގައި، ބައެއް ފަހަރު އަމިއްލައަށް ރޭވުމުން ބޭރުން ކަންކަން ކުރާ ކްލޯޑް އޭޖެންޓުން ބޭނުންކޮށްގެން މުވައްޒަފުން ވަނީ ވާޗުއަލް ޓްރޭޑިން ފްލޯއެއްގައި ފޮތް ގަނެ ވިއްކާފައެވެ. މި ތަޖުރިބާގައި ކޮންމެ އޭޖެންޓަކަށްވެސް ދީފައިވަނީ އިސްކަންދޭ ތަރުތީބު ކުރެވިފައިވާ ލިސްޓެކެވެ.
މި ޓެސްޓުތަކުން ދެއްކި ގޮތުގައި "ރޫތުލެސް" ނުވަތަ ހަރުކަށިކޮށް މުއާމަލާތްކުރަން އިރުޝާދު ދިން އޭޖެންޓުންނަށް ކުޑަކޮށް ރަނގަޅު ނަތީޖާއެއް ލިބުނުއިރު، އެއްބާރުލުންދޭ އޭޖެންޓުން ވަނީ ކޮންމެ ބައިވެރިއަކަށްވެސް އެއްޗެއް ލިބޭނެ ގޮތް ހެދުމުގެ ގޮތުން މަދު އިސްކަމެއް ދީފައިވާ ފޮތްތައްވެސް ގަބޫލުކޮށްފައެވެ. ނަމަވެސް، މި ޓްރަޔަލްތަކުން ކަންބޮޑުވުމެއްވެސް ތިލަވިއެވެ. އެއީ ވަރުގަދަ މޮޑެލްތައް ބޭނުންކުރުމުގެ ފުރުސަތު އޮންނަ ފަރާތްތަކަށް، އޭޖެންޓުންގެ މެދުގައި ކުރެވޭ މުއާމަލާތްތަކުގައި ނާޖާއިޒު ބޮޑު ފައިދާއެއް ލިބިގެންދާނެ ކަމުގެ ބިރު އޮތުމެވެ.
އެންތުރޯޕިކަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ރައްކާތެރިކަމާއެކު ތަރައްގީކުރުމަށް މަސައްކަތްކުރާ އެމެރިކާގެ މަޝްހޫރު ކުންފުންޏެކެވެ. އެ ކުންފުނިން އުފައްދާފައިވާ "ކްލޯޑް" އޭއައި މޮޑެލްއަކީ ދުނިޔޭގައި މިހާރު ބޭނުންކުރާ އެންމެ ކުރިއަރާފައިވާ އެއް އޭއައި ނިޒާމެވެ.
ފަހަކަށް އައިސް އޭއައި ވަސީލަތްތައް ހަމައެކަނި ސުވާލުތަކަށް ޖަވާބުދޭ ޗެޓްބޮޓްތަކުގެ ގޮތުގައި ބޭނުންކުރުމުގެ ބަދަލުގައި، އިންސާނުންގެ އިރުޝާދާއެކު އަމިއްލައަށް ނިންމުންތައް ނިންމައިގެން މަސައްކަތްކުރާ "އޭއައި އޭޖެންޓުން" އުފެއްދުމުގެ ވާދަވެރިކަން ޓެކްނޮލޮޖީ ކުންފުނިތަކުގެ މެދުގައި ވަނީ ބޮޑުވެފައެވެ. މިފަދަ އޭޖެންޓުން އިންސާނުންގެ ދިރިއުޅުމުގެ އެކި މުއާމަލާތްތަކުގައި ބައިވެރިވާން ފެށުމުން ދިމާވެދާނެ ގާނޫނީ އަދި އަޚްލާގީ މައްސަލަތަކަށް ހައްލު ހޯދުމަކީ މި ދާއިރާގައި މިހާރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
