ރާއްޖެއަކީ ދަރަނިވެރި ވާނެ ގައުމެއް ކަމަށް މީހުން ގަބޫލު ނުކުރާ ކަމަށާއި އެއަށް ވުރެ ދިވެހީންގެ ވިސްނުންތެރިކަން އެބަ ހުރި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެ ފަދައިން ވިދާޅުވީ، ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިން އެޖެންސީ "މޫޑީޒް" އިން ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން މަތިކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ، އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދުވަހުން ދުވަހަށް ކަމާ ބެހޭ މިނިސްޓްރީތަކާ އެއްކޮށް ކުރެއްވި މަސައްކަތުގެ ނަތީޖާ ކަމަށެވެ.
މިގޮތުން، ސިޔާސީ ވާދަވެރި ޕާޓީތަކުން އިންތިޒާރުކޮށްގެން ތިބީ ރާއްޖެ ބަނގުރޫޓު ވާނެ ދުވަހަކަށްކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ، ރޭޓިން މައްޗަށް ދިޔުމަކީ ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކާއި ބޭންކުތަށް ލިބުނު ފައިދާއެއް ކަމަށެވެ.
އިކޮނޮމިކް މިނިސްޓަރު ސައީދާއި ރައީސް މުއިއްޒު ސަލާންކުރައްވަނީ---- ފޮޓޯ/ ރައީސް އޮފީސް
"ރާއްޖެއަކީ މިހާރު މީހުން ގަބޫލުކުރާ ގޮތުގައި، ދަރާނެ ގައުމެއް ނޫން. އެއަށް ވުރެ ދިވެހީންގެ ހިތްވަރު އެބަހުރި. ވިސްނުންތެރިކަން އެބަ،" މިނިސްޓަރު ވިދާޅުވިއެވެ.
ސައީދު ވިދާޅުވި ގޮތުގައި، ރާއްޖެ ކުޑަ ނަމަވެސް، ބައިނަލްއަގުވާމީ އިގުތިޞާދުގައި ފައި ހަމަ ކުރެވޭނެ ވަރުގަދަ ގައުމެއް ކަމަށް ބޭރު ދުނިޔެއިން ގަބޫލުކުރެއެވެ.
މިނިސްޓަރު އެ ފަދައިން ވިދާޅުވިއިރު، ކްރެޑިޓް ރޭޓިން 'ސީއޭއޭ1' އަށް މަތިކުރީ، ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ބޮޑެތި ދަރަނިތައް ދައްކައި، ކުރިއަށް އޮތް ތަނުގައި ދަރަނި ނުދެއްކިދާނެ ކަމުގެ ނުރައްކާ ބޮޑުތަނުން ކުޑަކުރެވިފައިވާތީ ކަމަށް މޫޑީޒްއިން ބުނެއެވެ.
މޫޑީޒްއިން ފާހަގަކުރި ގޮތުގައި، މި އަހަރުގެ އޭޕްރީލް މަހު ދައްކަންޖެހުނު 500 މިލިއަން ޑޮލަރުގެ ބޮޑު ސުކޫކު ސަރުކާރުން ވަނީ ކާމިޔާބުކަމާއެކު އަދާކޮށްފައެވެ. މީގެއިތުރުން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދެ ޓްރެޝަރީ ބިލާއި، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީ ވެސް ވަނީ ދައްކައި ޚަލާސްކޮށްފައެވެ. އަދި އަބޫދާބީ ފަންޑަށް ދައްކަންޖެހޭ 100 މިލިއަން ޑޮލަރު އަނބުރާ ދެއްކުމުގެ މުއްދަތު 2031 ވަނަ އަހަރާ ހަމައަށް ވަނީ އިތުރުކުރެވިފައެވެ.
މި ދަރަނިތައް ދެއްކުމާ ގުޅިގެން، މިދިޔަ އަހަރުގެ ނިޔަލަށް 2.8 ބިލިއަން ޑޮލަރުގައި (ޖީޑީޕީގެ 35 އިންސައްތަ) ހުރި ބޭރުގެ ދަރަނި ވަނީ މި އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް އައިއިރު 2.4 ބިލިއަން ޑޮލަރަށް (ޖީޑީޕީގެ 30 އިންސައްތަ) ދަށްކުރެވިފައެވެ.
