ބޭންކް އޮފް މޯލްޑިވްސް (ބީއެލްއެލް) އިން މި އަހަރުގެ ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި މި ޕްރޮގްރާމުގެ ދަށުން ހޮވޭ ދެ ފަރާތަކުން ކުރެ ކޮންމެ ފަރާތަކަށް، ވިޔަފާރި އަލަށް ފެށުމަށް ނުވަތަ އިތުރަށް ފުޅާކުރުމަށްޓަކައި 500،000 (ފަސް ލައްކަ) ރުފިޔާގެ މާލީ އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ބޭންކުގެ ޚާއްސަ ރިލޭޝަންޝިޕް މެނޭޖަރެއްގެ އިރުޝާދާއެކު އެއް އަހަރު ދުވަހުގެ މެންޓާޝިޕް ސަޕޯޓް ވެސް ބީއެމްއެލްއިން ފޯރުކޮށްދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ. އަދި އާންމު ފަރުދުންނާއި އަލަށް ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށް ވެސް މި ގްރާންޓަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
މި ގްރާންޓަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ ދިވެހި ރައްޔިތަކަށް ވުމާއެކު، އީޖާދީ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބުކަމާއެކު ހިންގިދާނެ ފަދަ ވިޔަފާރި ޕްލޭނެއް އޮތުން ހިމެނެއެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި ސްޓާޓަޕް ގްރާންޓަށް އެދި އަންނަ މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 2:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅަން ޖެހޭނެއެވެ.
ރާއްޖޭގައި ވިޔަފާރިއެއް ފެށުމަށް ނުވަތަ ފުޅާކުރުމަށް ފަންޑު ހޯދުމަށް މަގުފަހިކޮށްދިނުމަށް އަމާޒުކޮށްގެން ބީއެމްއެލް ސްޓާޓަޕް ގްރާންޓް އެންމެ ފުރަތަމަ ތައާރަފްކުރީ 2022 ވަނަ އަހަރުގައެވެ.
