ދިހަ އަހަރަށްވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށްފަހު، ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި މަހުގެ ފަހުކޮޅު އެ ގައުމަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
ޕާކިސްތާނުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަދި "ސަން" އަށް ވެސް ކަށަވަރުވެފައިވާ ގޮތުގައި، ރައީސް ޑރ. މުޢިއްޒު ޕާކިސްތާނަށް ވަޑައިގަންނަވާނީ މި މަހުގެ 20 އިން 22 ގެ ނިޔަލަށެވެ. މިއީ 2015 ވަނަ އަހަރުގެ މެއި މަހު އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅަށްފަހު، ރާއްޖޭގެ ރައީސަކު އެ ގައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ ވަޒީރުން ހިމެނިވަޑައިގަންނަވާ މަތީ ފަންތީގެ ވަފުދެއް ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
އިސްލާމްއާބާދުގައި ކުރިއަށްދާ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އެ ގައުމުގެ ރައީސް އާޞިފް އަލީ ޒަރުދާރީއާ ރައީސް ޑރ. މުޢިއްޒު ވަކިވަކިން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި ރަސްމީ ފެންވަރުގެ މަޝްވަރާތައް ވެސް ކުރިއަށްދާނެއެވެ.
މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ސަރަޙައްދީ މަސްލަޙަތުތަކުގެ އިތުރުން ސާކް ޖަމިއްޔާ އަލުން ހަރަކާތްތެރި ކުރުވުމާ ގުޅޭގޮތުންނެވެ. މީގެއިތުރުން، އދ. އަދި އިސްލާމީ ޤައުމުތަކުގެ އިއްތިހާދު (އޯއައިސީ) ފަދަ ބައިނަލްއަޤްވާމީ މައިދާންތަކުގައި ގުޅިގެން މަސައްކަތްކުރުމާއި، އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާނެއެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ބާރަ ވަރަކަށް އެއްބަސްވުމާއި ފަހުމުނާމާގައި ސޮއިކުރުމަށް ވަނީ ތައްޔާރުވެފައެވެ. އޭގެ ތެރޭގައި:
- ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމުގެ އެއްބަސްވުން
- ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ފަހުމުނާމާ
- މަތީ ތަޢުލީމާއި ދިރާސާގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުން
- ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުން
މީގެ އިތުރުން ވެސް މާލީ ދާއިރާ، ޓެކްނޮލޮޖީ، މަޖިލިސްތަކުގެ މެދުގައި އޮންނަ ގުޅުން، ފަތުރުވެރިކަން، މޫސުމަށް އަންނަ ބަދަލުތައް އަދި މީޑިއާގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ގިނަ އެއްބަސްވުންތަކެއް ހިމެނޭނެ ކަމަށް ޚަބަރުތައް ބުނެއެވެ.
