ކޮންމެ ދުވަހަކު ކެއްކުމަށް ތައްޔާރުވާއިރު، ތަރުކާރީ އާއި މަސް ކޮށުމަށް އެންމެ އާންމުކޮށް ގިނަ ބަދިގެތަކުގައި ބޭނުންކުރަނީ ލުއި، އަގުހެޔޮ އަދި ދޮންނަން ފަސޭހަ ކަމަށް ބެލެވޭ ޕްލާސްޓިކް ކަޓިންގް ބޯޑެވެ.
ނަމަވެސް، ކޮންމެ ދުވަހަކު ތިމާގެ އާއިލާއަށް ތައްޔާރުކުރާ ކާނާއަށް، މި ބޯޑުތަކުގެ ސަބަބުން ކުދިކުދި ވިހަ މާއްދާތައް އެކުލެވިގެންދާކަން އެނގޭ ހެއްޔެވެ؟ ފަހުގެ ސައިންޓިފިކް ދިރާސާތަކުން ދައްކާ ގޮތުގައި، ޕްލާސްޓިކް ބޯޑުތަކުގައި ވަޅި ޖައްސައި ކޮށާ ކޮންމެ ފަހަރަކު، އެތައް މިލިއަން މައިކްރޯޕްލާސްޓިކް އަދި ނެނޯޕްލާސްޓިކް އެތިކޮޅުތައް އުފެދި، ކާނާއާ އެކުވެ އަޅުގަނޑުމެންގެ ހަށިގަނޑަށް އެތެރެވަމުންދެއެވެ.
އެމެރިކާގެ ކެމިކަލް ސޮސައިޓީ (އޭސީއެސް)އިން ޝާއިއުކޮށްފައިވާ ދިރާސާއަކުން ހާމަވާ ގޮތުގައި، އާންމު ޕްލާސްޓިކް ބޯޑެއް ބޭނުންކޮށްގެން ކެއްކުމަށް ބޭނުންކުރާ ބާވަތްތައް ކޮށާ މީހެއްގެ ހަށިގަނޑަށް އަހަރަކު އެވްރެޖްކޮށް ގާތްގަނޑަކަށް ބައި މިލިއަނަށް ވުރެ ގިނަ މައިކްރޯޕްލާސްޓިކް އެތިކޮޅު އެތެރެވުމުގެ ފުރުސަތު އޮވެއެވެ. ވަޅީގެ ތޫނު މިޔައިން ބޯޑުގައި އަޅާ ރޮނގުތަކަކީ ހަމައެކަނި ޕްލާސްޓިކް ވަކިވެގެންދާ ތަންތަނެއް ނޫނެވެ. އެއީ ދޮވެ ސާފުކުރި ނަމަވެސް، ކާނާއިން އުފެދޭ ޖަރާސީމާއި އީ-ކޮލައި އަދި ސަލްމޮނެއްލާ ފަދަ ނުރައްކާތެރި ބެކްޓީރިއާ ފަސޭހައިން އަށަގަނެ، ގިނަވެގެންދާ ހާލިތަކެކެވެ.
ސާފު ކާނާ އާއި ދެމެހެއްޓެނިވި ދިރިއުޅުމަކަށް ޕްލާސްޓިކްގެ ބަދަލުގައި ތިމާވެއްޓާއި ރަޙްމަތްތެރި އުފެއްދުންތައް ބޭނުންކުރުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވާ--ފޮޓޯ/ޕިންޓްރެސްޓް
މި މައްސަލައިގެ ސީރިއަސްކަމާ ގުޅޭގޮތުން، އެމެރިކާގެ ނޯތު ޑަކޯޓާ ސްޓޭޓް ޔުނިވަސިޓީގެ އެސޯސިއޭޓް ޕްރޮފެސަރު އަދި ތިމާވެށީގެ އިންޖިނިއަރިންގްގެ ދާއިރާގެ ދިރާސާވެރިޔާ ޑރ. ސިމޮން ޕްރަދާން ފާހަގަކުރެއްވި ގޮތުގައި، ޕްލާސްޓިކް ކަޓިންގް ބޯޑަކީ ކާނާއަށް މައިކްރޯޕްލާސްޓިކްސް ވާސިލުވާ އެންމެ ބޮޑު އެއް މަގު ކަމުގައި މިހާރު ވަނީ ސާބިތުވެފައެވެ.
ޑރ. ޕްރަދާން ވިދާޅުވީ، ޕްލާސްޓިކް ބޯޑުގައި ތަކެތި ކޮށާ ކޮންމެ ފަހަރަކު ލޮލަށް ނުފެންނަ ވަރުގެ އެތައް ހާސް ކުދިކުދި ޕްލާސްޓިކް އެތިކޮޅު ވަކިވެ، ކޮށަމުންދާ ތަރުކާރީ ނުވަތަ މަހުގެ ތެރެއަށް ވަންނަ ކަމަށެވެ. މީގެ އިތުރުން، އެމެރިކާގެ ނިއުޔޯކް ޔުނިވަސިޓީ (އެންވައިޔޫ)ގެ ޕީޑިއެޓްރިކްސް އަދި އެންވަޔަރަންމަންޓަލް މެޑިސިންގް ޕްރޮފެސަރު ޑރ. ލިއޮނާޑޯ ޓްރަސަންޑޭ ފާހަގަކުރައްވާ ގޮތުގައި، މިފަދަ ޕްލާސްޓިކްތަކުގައި އެކުލެވޭ އެންޑޯކްރިން-ޑިސްރަޕްޓިންގް ކެމިކަލްތަކަކީ އިންސާނާގެ ހޯމޯންގެ ނިޒާމަށް ބުރޫއަރުވާ، މެޓަބޮލިޒަމް ހަލާކުކޮށްލާ އަދި ދިގުމުއްދަތުގައި ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިކުރުވާ އެއްޗެހިތަކެކެވެ.
ޕްލާސްޓިކް ބޯޑުން ސިއްހަތަށް ލިބޭ ގެއްލުމުގެ އިތުރުން، އެއީ ތިމާވެށްޓަށް ވެސް ނުހަނު ބޮޑު ބުރައެކެވެ. ވަޅީގެ ރޮނގުތައް ގިނަވެ، ބާވުމުން އުކާލާ ޕްލާސްޓިކް ބޯޑުތަކަކީ އެތައް ސަތޭކަ އަހަރެއް ވަންދެން ނެތިނުގޮސް ގުދުރަތީ ވެށި ހަލާކުކުރާ ކުނީގެ ބާވަތެކެވެ.
މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި، ކޮންމެ މީހަކަށް ވެސް މިއަދު އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ ސިއްހަތަށާއި ތިމާވެށްޓަށް ފައިދާހުރި، ދެމެހެއްޓެނިވި ޤުދުރަތީ ބާވަތްތަކަށް ބަދަލުވުމެވެ. މިގޮތުން އެންމެ ރައްކާތެރި އެއް ބާވަތަކީ ގަދަ ލަކުޑިން ހަދާފައިވާ ބޯޑުތަކެވެ. މޭޕަލް، ވޯލްނަޓް ނުވަތަ ކުއްޅަވައް ފަދަ ހަރު ލަކުޑީގެ ބޯޑުތަކަކީ ޖަރާސީމު ނައްތާލުމުގެ ޤުދުރަތީ ބާރު އެކުލެވިގެންވާ، ދިގު މުއްދަތަކަށް ބޭނުންކުރެވޭ އެއްޗެއްސެވެ.
މީގެ އިތުރުން، ބެމްބޫ ނުވަތަ އޮނުން ތައްޔާރުކޮށްފައިވާ ބޯޑުތަކަކީ ވެސް ފެން ދަމައިގަތުން ކުޑަ، ވަރަށް އަވަހަށް ހެދޭ ގަހަކުން އުފައްދާފައިވާ ތިމާވެށްޓާ ރައްޓެހި މޮޅު އިޚުތިޔާރެކެވެ. ކާނާއަށް އެއްވެސް ކަހަލަ ކެމިކަލެއް ނުވަތަ މާއްދާއެއް ވާސިލުނުވާނެ ގޮތެއް ބޭނުންނަމަ، ހަރު ބިއްލޫރި ނުވަތަ ޓެމްޕަރޑް ގްލާސް ބޯޑަކީ ވެސް ސާފުކުރަން ފަސޭހަ، ސިއްހީ ގޮތުން އެންމެ ފުރިހަމަ އެއް ވަސީލަތެވެ.
