ޢުމުރުން ހަގު އަންހެނުންގެ އުރަމަތީގައި އުފެދޭ ގިނަ ގަނޑުތަކަކީ ނުރައްކާތެރި އެއްޗަކަށް ނުވި ނަމަވެސް، ހަމައެކަނި ޢުމުރަށް ބަލައި އެއީ ކެންސަރު ނޫން ކަމަށް ނިންމައި ފަރުވާކުޑަކޮށްލައިގެން ނުވާނެ ކަމަށް، އިންޑިއާގެ ގުރޫގްރާމްގައި ހުންނަ އާރްޓެމިސް ހޮސްޕިޓަލުގެ ސާޖިކަލް އޮންކޮލޮޖިސްޓް ޑރ. ވަރްތިކާ ވިޝްވާނީ ވިދާޅުވެއްޖެއެވެ.
މި މައުޟޫއަށް ސަމާލުކަން ލިބިގެންދިޔައީ އުމުރުން އެންމެ 26 އަހަރުގެ އަންހެނެއް ކަމަށްވާ، "އިންޑިއާސް ގޮޓް ލޭޓަންޓް" ސީޒަން 2ގެ ބައިވެރިއެއް ކަމުގައިވާ ކާތިކާ ޖަލާނީއަށް އުރަމަތީގެ ކެންސަރު ޖެހުނު ހިތާމަވެރި ތަޖުރިބާ އާއްމުންނާ ހިއްސާކުރުމާ ގުޅިގެންނެވެ.
ކާތިކާ ކިޔައިދިން ގޮތުގައި، އޭނާގެ އުރަމަތިން ފެނުނު ކުޑަ އަދި އެއްވެސް ވަރަކަށް ތަދުނުވާ ގަނޑަކާ މެދު ސުވާލުކުރުމުން، ޑޮކްޓަރު ފުރަތަމަ ދިން ޖަވާބަކީ ޢުމުރު ހަގުވުމުން ކެންސަރު ޖެހުމުގެ ފުރުސަތެއް ނެތް ކަމަށާއި ކަންބޮޑުނުވެ ގެއަށް ދިއުމަށެވެ. ނަމަވެސް، ފަހުން އެނގުނު ގޮތުގައި އެއީ ކެންސަރެވެ.
މި ހާދިސާއާ ގުޅިގެން ޑރ. ވިޝްވާނީ ފާހަގަކުރެއްވި ގޮތުގައި، ޒުވާން ޢުމުރުގެ މީހުންނަށް ކެންސަރު ނުޖެހޭނެ ކަމަށް ދެކޭ ދެކުމަކީ ބޮޑު ކުށްހީއެކެވެ. ދުނިޔޭގެ ޞިއްޙީ ދިރާސާތަކުން ދައްކާ ގޮތުގައި 1990 އިން 2019އާ ދެމެދު، އުމުރުން 50 އަހަރުން ދަށުގެ މީހުންނަށް ކެންސަރު ޖެހޭ ނިސްބަތް ވަނީ %79އަށް އިތުރުވެފައެވެ. މިގޮތަށް ބަލި އިތުރުވުމަށް ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ގިނަ ކަންތައްތަކެއް ބާރުއަޅައެވެ. އޭގެ ތެރޭގައި ކުޑައިރުއްސުރެ ފަލަވުމާއި، ހެލިފެލިވެ ނޫޅުމާއި، ޕްރޮސެސްކޮށްފައި ހުންނަ ކާނާ ބޭނުންކުރުމުގެ އިތުރުން ލައިފްސްޓައިލްއަށް ގެނެވޭ ނޭދެވޭ އާދަތައް ހިމެނެއެވެ.
ޒުވާނުންނަށް ވެސް އުރަމަތީގެ ކެންސަރުގެ ނުރައްކާ ބޮޑު ކަމަށް ސިއްހީ މާހިރުން ވަނީ އިންޒާރު ދެއްވާފައި--ފޮޓޯ/އެންޑީޓީވީ
އެހެންކަމުން، އުރަމަތީގައި އާދަޔާ ޚިލާފު ގަނޑެއް ނުވަތަ ބަދަލެއް ފާހަގަކުރެވިއްޖެނަމަ ހާސްނުވެ، ލަސްނުކޮށް ޞިއްޙީ މާހިރެއްގެ ލަފާ ހޯދުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ޒުވާން އަންހެނުންގެ މެދުގައި މިފަދަ ކަންކަން ދެނެގަތުމަށް އަލްޓްރާސައުންޑް ސްކޭން އަދި ބޭނުންވެއްޖެ ހާލަތެއްގައި ބަޔޮޕްސީ ހަދަންޖެހެއެވެ.
ޑރ. ވިޝްވާނީ އިތުރަށް ވިދާޅުވީ، "އުމުރުން މާ ހަގޭ" ބުނެ ނިންމާލާ ނިންމުމަކީ ފަރުވާއެއް ނޫން ކަމަށެވެ. ޒުވާން ޢުމުރަކީ ކެންސަރުން ދިފާޢުކޮށްދޭ އައްޑަނައެއް ނޫން ކަމަށް ދެކި، ކޮންމެ މީހަކުވެސް އަމިއްލަ ސިއްހަތަށް އަބަދުވެސް ސަމާލުވެ، ހޭލުންތެރިވުމަކީ މިއަދު ކޮންމެހެން ބޭނުންވާ ކަމެއް ކަމަށް އޭނާ އިރުޝާދު ދެއްވައެވެ.
އުރަމަތީގެ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ޒުވާނުން ރައްކާތެރިވުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެނައުން މުހިންމެވެ. އޭގެ ތެރޭގައި ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމާއި، ކަސްރަތު ކުރުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން އަދި މަސްތުވާތަކެއްޗާއި ބަނގުރާ ފަދަ ސިއްޙަތަށް ގެއްލުންހުރި ތަކެތިން ދުރުހެލިވުން ހިމެނެއެވެ.
އަދި ބައްޔަކަށް ހުށަހެޅިއްޖެ ނަމަ، އެކަމަށް ބޭނުންވާ ފުރިހަމަ ސިއްޙީ ފަރުވާ ހޯދުމާއެކު، ނަފުސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. ބައްޔެއްގެ ވާހަކަ އެނގުމުން ކުރިމަތިވާ ނަފުސާނީ ބިރުވެރިކަމާއި މާޔޫސްކަމުން އަރައިގަތުމަށް ޢާއިލާ، ރަޙްމަތްތެރިން އަދި ކައުންސެލިންގެ އެހީ ހޯދުމަކީ ހިތްވަރާއެކު ބައްޔާ ދެކޮޅަށް ހަނގުރާމަކުރުމަށް ލިބޭ ބޮޑު ބާރެކެވެ.
