ވޮޝިންޓަން (12 އޮކްޓޯބަރު 2026) : އީރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ތެލުގެ އަގު ބޮޑުވުމާ އަދި އެމެރިކާގައި ޑީސެލްގެ އަގު އިންތިހާއަށް ބޮޑުވެ އެކަމުގެ ނޭދެވޭ އަސަރު އެމެރިކާގެ މިޑްޓާމް އިންތިޚާބުގެ ކޭންޕެއިންގައި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ފޯރަމުންދާތީ ރަޝިއާގެ ތެލުގެ ސިނާއަތަށް ޔުކްރެއިން ދެމުންގެންދާ ހަމަލާތައް ހުއްޓުވުމަށް ޓަކައި ޓްރަމްްޕް، ޔުކްރެއިންގެ ރައީސަށް އިންޒާރު ދެމުންގެންދާކަން ހާމަވެއްޖެއެވެ.
ޔޫރަޕްގެ މަސްދަރުތައް ހާމަކުރާގޮތުގައި ރަޝިއާގެ ތެލުގެ ސިނާއަތަށް ޔުކްރެއިން ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށާއި މިކަން ހުއްޓައިނުލާނަމަ ޔުކްރެއިންއަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލާނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ ޒެލެންސްކީއަށް ދެއްވައިފައެވެ. މިކަމާ ގުޅޭގޮތުން ވައިޓް ހައުސްއިން ވަކި އެއްޗެއް ބުނަން ފަސްޖެހިފައިވާއިރު މިއީ ޓްރަމްޕާ ގުޅޭ އިންތިޚާބީ މައްސަލައަކަށް ޔުކްރެއިންގެ މަސްލަހަތާއި ޔޫރަޕްގެެ މަސްލަހަތު ގުރުބާން ކޮށްލުންކަމަށް ޔޫރަޕްގެ ލީޑަރުންވަނީ ދެކެން ފަށައިފައެވެ.
ޔޫރަޕްގެ މަސްދަރުތައް ބުނާގޮތުން ޓްރަމްޕްވަނީ ހަތިޔާރުގެ އިތުރުން ޔުކްރެއިންއަށް ޖާސޫސީ މައުލޫމާތު ދިނުންވެސް ހުއްޓާލަން ޖެހިދާނެކަމުގެ އިންޒާރު ޒެލެންސްކީއަށް ދެއްވައިފައެވެ. މި މަސްދަރުތަކުގެ އިތުރުން ނަންހާމަކުރަން ނޭދޭ ޔޫރަޕްގެ އިސް ބައެއް މަސްއޫލުވެރިންވެސް ވަނީ މިކަން މިގޮތަށް ހިނގައިފިކަން ޔޫރަޕްގެ ބައެއް މީޑިއާތަކަށް ކަށަވަރުކޮށް ދެއްވައިފައެވެ.
ޑީސެލްގެ އަގު އެމެރިކާގައިވަނީ ދެގުނައަށް ވުރެވެސް ބޮޑުވެފައެވެ. އެމެރިކާގެ ދަނޑުވެރިންނަކީ ޓްރަމްޕްގެ ޕާޓީއަށް އެންމެ ގިނައިން ވޯޓުދޭނެ ފަރާތްތައްކަމަށް ބެލެވިފައިވާއިރު ޑީސެލް ގެ އަގު ބޮޑުވުމުން އެންމެ ބޮޑަށް ރުޅިއައިސްފައިވަނީ ދަނޑުވެރިންނެވެ. އެއީ އެމީހުން ގެންގުޅޭ ޓްރެކްޓަރާއި ހާވެސްޓް އާލާތްތައް ފަދަ ދަނޑުވެރި އާލާތްތައް ހިންގުމަށް އެންމެ ބޮޑަށް ބޭނުންވަނީ ޑީސެލް ކަމަށްވާތީއެވެ. މިމައްސަލާގައި ދަނޑުވެރިންގެ ގިނަބައެއްގެ ތާއީދު ޓްރަމްޕަށް ގެއްލިފައިކަން ޚިޔާލު ހޯދުމުގެ ސާވޭތަކުން އެނގެއެވެ.
އެމެރިކާގައި ޑީސެލް އަގު ހެޔޮކުރުމަށްޓަކައި ޓްރަމްޕް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. މީގެތެރޭގައި ޔޫރަޕްގެ ލީޑަރުންނަށް ޕްރެޝަރުކޮށްގެން ޔޫރަޕްގެ ރިޒާވް ތެލުން ސާފުނުކުރާ ތެލާއި ޑީސެލް ހިމެނޭގޮތަށް 4 މަސްތެރޭގައި 100 މިލިޔަން ފީފާގެ ތެޔޮ ދުނިޔޭގެ ބާޒާރަށް ނެރުމާއި ރަޝިއާގެ ޑީސެލް އާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި ރަޝިއާގެ ޑީސެލް އެމެރިކައަށް އެކްސްޕޯޓް ކުރެވޭގޮތް ހެދުމާއި ހުރުމުޒު ކަނޑުއޮޅިން އީރާނަށް ވަގަށް ރޭގަނޑުގެ ވަގުތުތަކުގައި ސިސްޓަމްތައް ނިއްވާލައިގެން ސިއްރުން ތެޔޮ ބޭރުކުރުންފަދަ ކަންކަން ހިމެނެއެވެ. މިހުރިހާ ފިޔަވަޅުތަކާއެކުވެސް ޑީސެލްގެ އަގު އަދި ދަށަކަށް ނުދެއެވެ.
އީރާނަށް ވަގަށް ރޭގަނޑުގެ ވަގުތުތަކުގައި ސިސްޓަމްތައް ނިއްވާލައިގެން ސިއްރުން ތެޔޮ ބޭރުކުރުންފަދަ ކަންކަން އެމެރިކާ ކުރަމުންގެންދާތީ އީރާންވަނީ މިއީ ޣައިރުގާނޫނީ ކަމެއްކަމަށް ބުނެ އީރާނުގެ ހުއްދައަކާ ނުލައި ހުރަސްކުރާ ތެޔޮ ޓޭންކަރުތަކަށް ހަމަލާތައް ދޭން ފަށައިފައެވެ. މިގޮތުން ފާއިތުވި ހަފްތާތެރޭގައި އީރާނުން 8 ޓޭންކަރަކަށް ހަމަލާދީފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މިއާއެކު ހުރުމުޒުން ބޭރުކުރާ ތެލުގެ މިންވަރުވަނީ ބޮޑުތަނުން ދަށަށްގޮސްފައެވެ. މިއާއެކު ތެލުގެ އަގުވަނީ އިތުރަށް އުފުލިފައެވެ.
ޑީސެލްގެ އަގު ދަށަށްނުދާ އެއްސަބަބަކީ މިއީ ކަމަށްވެއެވެ. އަނެއް ސަބަބަކީ ކުރިމަތީގައި އޮތީ ފިނިމޫސުންކަމަށްވުމެވެ. ތިންވަނަ ސަބަބަކީ އީރާނާއި އެމެރިކާއާ ދެމެދު އަލުން ހަމަލާތައް ފެށިދާނެކަމުގެ ބިރު ހީވެފައި އޮތުމެވެ.
ރަޝިއާގެ ޑީސެލް އާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ފިޔަވަޅުތައް އުވާލައި ރަޝިއާގެ ޑީސެލް އެެމެރިކާއިން އަލުން ގަތުމަށް ޓްރަމްޕް ނިންމުމުން ޔޫޕަރްގެ ލީޑަރުން ހިތްހަމަ ނުޖެހިފައިވާ މިދަނޑިވަޅުގައި ރަޝިއާގެ ތެލުގެ ވަސީލަތްތަކަށް ހަމަލާ ނުދިނުމަށް ޓްރަމްޕް ޔުކްރެއިންގެ ރައީސަށް އިންޒާރު ދެއްވުމުން ޔޫރަޕްގެ ލީޑަރުން އިތުރަށް ކޯފާވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ.
