މިހާރު ކުރަމުން މި އަންނަ ވިއްސާރައިގައި ހުޅުމާލެއިން އެހީތެރިކަން ބޭނުންވާ ފަރާތެއް ނަމަ 1516 އަށް ގުޅުމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީއިން) އިން މިރޭ އެދިއްޖެއެވެ.
މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާއިރު މާލެ ސަރަހައްދަށް މިރޭ ވަނީ އޮރެންޖު ސަމާލުވެސް ނެރެފައެވެ.
އެޗްޑީސީއިން ވަނީ މިހާރު ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން އާންމުންނަށް އެހީތެރިކަން ފޯރުކޮށްދޭން އެޗްޑީސީގެ އިންސްޕެކްޝަން ޓީމުތަކުން މިހާރު ހުޅުމާލޭގައި ހަރަކާތްތެރިވަމުންދާ ކަމަަށް ބުނެފައެވެ.
އެހެންކަމުން އެހީތެރިކަން ބޭނުންވާ ފަރާތްތަކުން 1516އަށް ގުޅުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
https://x.com/HDCMediamv/status/2112954088996704557
ބޯކޮށް ވާރޭވެހި މާލޭގެ ގިނަ މަގުތަކެއްގައި މިހާރު ވަނީ ފެންބޮޑުވެފައެވެ. ވާރޭ ވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާ މަންޒަރު އާންމުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުތަކުން ވެސް ފެނެއެވެ.
އެެއާއެކު އެމްއެންޑީއެފުން ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާއިރު، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ، ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ.
