ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގުމަށް ހަމަޖެހިފައިވާ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ކުއްޔަށް ދިނުމުގެ އެއްވެސް މުއާމަލާތެއްގައި، ކުލީގެ މުއްދަތު އޮޓޮމެޓިކުން އައުވާނެ (ރިނިއު ވާނެ) ގޮތަކަށް އެއްބަސްވެފައި ނުވާނެ ކަމަށާއި އަދި ބޭރުގެ އެއްވެސް ފަރާތަކަށް ބިން މިލްކުކުރަން ނުދެވޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ސަރުކާރުން މިކަން ހާމަކޮށްފައިވަނީ، ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓަށް ފޮނުއްވި ސިޓީއަކާ ގުޅިގެން ދެއްވި މިނިސްޓްރީން ދިން ރަސްމީ ޖަވާބުގައެވެ.
މިނިސްޓްރީން ދިން ޖަވާބުގައި ބަޔާންކޮށްފައިވަނީ، ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ރިއަލް އެސްޓޭޓް މަޝްރޫއެއް ހިންގުމަށް އެކުވެރި އަރަބި އިމާރާތުގެ އީގަލް ހިލްސް އިންޓަނޭޝަނަލް ޕްރޮޕަޓީސްއާއެކު މިހާރު ވެވިފައިވަނީ ކޮންޓްރެކްޓް ނެގޯޝިއޭޓުކޮށް ފައިނަލް ކުރުމަށް ބޭނުންވާ ފްރޭމްވޯކް ހިމެނޭ "ކޮމާޝަލް ޓާމްސް" އެއްބަސްވުމެއް ކަމަށެވެ.
އަދި ބިން ކުއްޔަށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށްދާނީ ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފައެވެ.
"އެއްވެސް ތަނެއް އޮޓޮމެޓިކުން ކުލީގެ މުއްދަތު އާވާނެގޮތަކަށް އެއްބަސްވެފައިނުވާނެއެވެ. މި މަޝްރޫއުން އެއްވެސް ތަނެއް ބޭރުގެ އެއްވެސް ފަރާތަކަށް މިލްކު ކުރުމަށް އެއްބަސްވެފައިނުވާނެއެވެ. އަދި އެއްވެސް ތަނެއް ކުއްޔަށް ދޭނީ ރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންނެވެ." ސަރުކާރުގެ ޖަވާބުގައި ވެއެވެ.
މީގެއިތުރުން، އެކި ބޭނުންތަކަށް ދައުލަތުގެ ބިމާއި ފަޅު ކުއްޔަށް ދިނުމަކީ ރާއްޖޭގައި ޒަމާނުއްސުރެ ގާނޫނާއި ގަވާއިދުގެ ތެރެއިން ހިނގަމުން އަންނަ އާންމު އުސޫލެއްކަން ފާހަގަކުރަމުން ސަރުކާރުން ބުނީ، މައިގަނޑު އެއްބަސްވުމުގައި ސޮއިކުރާނީ ވެސް ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
އަދި މި މަޝްރޫއު ހިންގަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހުށަހަޅާ މަޝްރޫއުތަކާ ގުޅޭ އުސޫލު (ޕީއެސްއައިޕީ އުސޫލު) ގެ ދަށުން، ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ދެފުށް ފެންނަ ގޮތެއްގައި ކަމަށް ވެސް މިނިސްޓްރީގެ ޖަވާބުގައިވެއެވެ.
މި އެއްބަސްވުމުގެ ދަށުން މާލީ ގޮތުން ދައުލަތަށް ބޮޑެތި މަންފާތަކެއް ލިބޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން، ބިމުގެ ޕްރީމިއަމްގެ ގޮތުގައި ޑިވެލޮޕަރުގެ ޖުމްލަ އާމްދަނީން ދައުލަތަށް 10 އިންސައްތަ (ގާތްގަނޑަކަށް 3.1 ބިލިއަން އެމެރިކާ ޑޮލަރު) ލިބޭނެ ކަމަށް އަންދާޒާކުރެވޭއިރު، އޭގެ ތެރެއިން 500 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުގެ ހައުސިން މަޝްރޫއުތަކަށް އެޑްވާންސްކޮށް ޚަރަދުކުރުމަށް ވަނީ އެއްބަސްވެވިފައެވެ. އަދި މީގެ އިތުރުން ރަސްމާލެއިން ވިއްކާ ޔުނިޓުތަކުގެ މާކެޓު އަގުގެ ހަތަރު އިންސައްތަ ކޮންމެ މުޢާމަލާތަކުން ސަރުކާރަށް ލިބިގެންދާނެއެވެ.
ހަމައެއާއެކު، ފަތުރުވެރިކަމުގެ ސިނާއަތާ ޚިލާފަށް މި މަޝްރޫއަށް އެއްވެސް އިމްޕޯޓް ޑިއުޓީއެއް މައާފު ނުކުރާނެ ކަމަށާއި، ހުރިހާ މާލީ މުޢާމަލާތްތަކެއް ހިންގާނީ ރާއްޖޭގައި ޤާއިމްވެފައިވާ ބޭންކުތައް މެދުވެރިކޮށް ކަމަށްވާތީ ބޭރު ފައިސާ ރާއްޖޭގެ އިޤްތިޞާދުގައި ހިފެހެއްޓިގެންދާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބަޔާންކޮށްފައެވެ.
