ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް ހިންގާ އަސްކަރީ ކެމްޕޭނުގައި އިޒްރޭލު ބައިވެރިކުރުމުގެ ހުއްދައަކަށް، އެމެރިކާ މެދުވެރިކޮށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސަޢޫދީ ޢަރަބިއްޔާގައި އެދެމުންދާ ކަމަށް ޚަބަރު ފެތުރިއްޖެއެވެ.
އިޒްރޭލުގެ އެންމެ ދުވަސްވީ ނޫސް ކަމަށްވާ "ހާރެޓްޒް" އަށް ޑިޕްލޮމެޓިކް މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި، އިޒްރޭލުގެ މި ހުށަހެޅުމާ މެދު ސައުދީ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން ވަނީ ދެކޮޅުހައްދަވާފައެވެ. ސައުދީން މިކަމާ ދެކޮޅު ހަދަނީ އިޒްރޭލުގެ އަސްކަރިއްޔާ މި ކަމުގައި ބައިވެރިވެއްޖެނަމަ، ސައުދީ ރައްޔިތުންނާއި އާންމުންގެ ބޮޑު ނުރުހުމަކާއި ނަފްރަތެއް އަމާޒުވެދާނެތީއެވެ.
މި މައްސަލައާ ގުޅޭގޮތުން މައުލޫމާތު އެނގޭ އެހެން މަސްދަރަކުން ހާމަކުރިކަމަށް އެ ނޫހުގައިވާ ގޮތުގައި، ނަތަންޔާހޫގެ އަސްލު ބޭނުމަކީ ރިޔާޟާއެކު ގުޅުން ބަދަހިކޮށް، ކުރިމަގުގައި ސައުދީއާއެކު ސިޔާސީ ގުޅުން ގާއިމުކުރުމަށް ނޯމަލައިޒޭޝަން އެއްބަސްވުމަކަށް މަގުފަހިކުރުމެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ގެންދަވަނީ "އަބްރަހަމް އެކޯޑްސް" ގެ ދަށުން ސައުދީ އާއި އިޒްރޭލާ ދެމެދު ގުޅުން ގާއިމުކުރުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވަމުންނެވެ. އަދި ޓްރަމްޕާއި ނަތަންޔާހޫއާ ގާތްގުޅުމެއް އޮތް އެމެރިކާގެ ކުރީގެ ސެނެޓަރު ލިންޑްސީ ގްރަހަމް، އޭނާގެ ހަޔާތުގެ ފަހު ދުވަސްވަރު މަސައްކަތް ކުރެއްވީ އީރާނާ ދެކޮޅަށް ކުރެވޭ ހަނގުރާމައަށް ފަހު، މެދުއިރުމަތީގެ އާ ސިޔާސީ އޮނިގަނޑުގެ މައިގަނޑު ބަހާއަކަށް މި އެއްބަސްވުން ހެދުމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި 2023 ވަނަ އަހަރުގެ ފަހުކޮޅު ސައުދީއާއެކު މިފަދަ އެއްބަސްވުމަކަށް ދިއުމަށް ވަރަށް ބޮޑަށް މަގުފަހިވިއެވެ. އަދި އެ އަހަރުގެ އޮކްޓޯބަރު ހަތެއްގެ ކުރިން ޙަމާސްއާ ދެކޮޅަށް ކުރިމަތިލުންތައް ވަރުގަދަ ނުކޮށް މަޑުޖައްސާލަން ނަތަންޔާހޫ މަސައްކަތްކުރި މައިގަނޑު އެއް ސަބަބަކީ ވެސް އެއީއެވެ. އެހެންނަމަވެސް، ސައުދީ އަރަބިއްޔާގެ ރަސްމީ ސިޔާސަތަކީ މިނިވަން ފަލަސްޠީނު ދައުލަތެއް ގާއިމުކުރުމަށް ހަގީގީ ކުރިއެރުންތަކެއް ނުލިބެނީސް، އިޒްރޭލާއެކު އެއްވެސް ގުޅުމެއް ގާއިމުނުކުރުމެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ޙޫޘީން ވަނީ ރަތްކަނޑުގެ އައްސޭރިފަށުގައި ބާރުގަދަކޮށް، މުހިންމު ބަނދަރު ސިޓީއެއް ކަމަށްވާ މޯޚާ އާއި ބައެއް ރަށްތައް ހިފާފައެވެ. މި ސަރަޙައްދަކީ ދުނިޔޭގެ ވިޔަފާރީގެ 12 އިންސައްތަ ދަތުރުކުރާ ބާބުލް މަންދަބު ކަނޑުއޮޅީގެ ކޮންޓްރޯލް ލިބޭ މުހިންމު ސަރަޙައްދެކެވެ. ނަމަވެސް، ސައުދީ ކޯލިޝަނުގެ ވައިގެ ޙަމަލާތަކުގެ އެހީތެރިކަމާއެކު، ޔަމަނުގެ ސަރުކާރުގެ ފައުޖުތަކުން ވަރުގަދަ ރައްދު ޙަމަލާތަކެއް ދީ މިހާރު ވަނީ މޯޚާ އަލުން އަތުލާފައެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ޙޫޘީން ދަނީ ފަހަކަށް އައިސް ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ގިނަ ޙަމަލާތަކެއް ދެމުންނެވެ. އެގޮތުން ރިޔާޟުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް އަމާޒުކޮށް ހޮނިހިރު ދުވަހު ދިން ބެލިސްޓިކް މިސައިލް ޙަމަލާއެއްގައި 12 މީހުން މަރުވެ، 309 މީހުން ޒަޚަމްވިއެވެ. އަދި އާދީއްތަ ދުވަހު ދިން ޙަމަލާއެއްގައި ވެސް އެކަކު މަރުވެ، 11 މީހުން ވަނީ ޒަޚަމްވެފައެވެ.
މި ޙަމަލާއާ ގުޅިގެން ނަތަންޔާހޫ ވަނީ ސައުދީއަށް ތަޢުޒިޔާ ފޮނުވައި، އެކްސްގައި ބަޔާނެއް ނެރެފައެވެ. އޭނާގެ ބަޔާނުގައި ރިޔާޟުގެ އެއާޕޯޓަށް ދިން ޙަމަލާ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، މަރުވި މީހުންގެ އާއިލާތަކަށް އިޒްރޭލު ރައްޔިތުންގެ ނަމުގައި ހަމްދަރުދީ ފޮނުވާފައިވެއެވެ. ނަމަވެސް، މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި މިއީ ސައުދީގެ ހިތްއަތުލައި، އެ ގައުމުގެ އެތެރޭގެ ހަނގުރާމައިގެ ތެރެއަށް ވަނުމަށް އިޒްރޭލުން އަޅަމުންދާ ސިޔާސީ ފިޔަވަޅެކެވެ.
