މޯލްޑިވްސް އެކްސްޕޯ 2026ގެ އޮފިޝަލް ބޭންކިން ޕާޓްނަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.
ބީއެމްއެލްއިން ވަނީ ރާއްޖޭގެ ވިޔަފާރިތަކާއި، އުފެއްދުންތެރިކަމުގެ އިތުރުން އީޖާދީ މަސައްކަތްތައް ކުރިއެރުވުމަށް އެ ބޭންކުން ދެމުންގެންދާ އެއްބާރުލުމާއި އަހައްމިއްޔަތުކަން ހާމަކޮށްދީފައެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން އިންތިޒާމުކުރާ މޯލްޑިވްސް އެކްސްޕޯ ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން، ނޮވެންބަރު މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ދިވެހި އުފެއްދުންތެރިކަމާއި ފަންނުވެރިކަމުގެ ހުނަރުތައް ދައްކާލުމަށް ބާއްވާ އެ ހަރަކާތަކީ، ވިޔަފާރިވެރިންނާއި އަމިއްލަ އުފެއްދުންތެރިންގެ މަސައްކަތްތައް އިޝްތިހާރުކޮށް، ފަހި މާކެޓުތަކަކަށް ވާސިލުވުމަށް ލިބިގެންދާނެ އަގުހުރި ފުރުސަތެއް ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ގައުމީ ބޭންކުގެ ދައުރާ އެއްގޮތަށް، ދިވެހި ވިޔަފާރިތައް ބާރުވެރިކުރުވައި، އީޖާދީ ވިސްނުންތަކަށް ހިތްވަރުދީ، ރާއްޖޭގެ އިގްތިސޯދީ ދުވެލި ހަލުވިކުރުމަށް މަގުފަހިކޮށްދޭ ކޮންމެ ހަރަކާތަކަށް އެއްބާރުލުން ދިނުމުގައި ބީއެމްއެލް އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
މޯލްޑިވްސް އެކްސްޕޯ 2025 ގެ މެއިން ސްޕޮންސަރަކީ ވެސް ބީއެމްއެލްއެވެ.
