ހދ. ކުޅުދުއްފުށި ސިޓީގައި ހުކުރު ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން 20 އަހަރުގެ ފިރިހެން މީހާ އިތުރު ފަރުވާއަށް މާލެ ފޮނުވާލައިފައިވާއިރު، އަނިޔާވި ކުޑަކުއްޖާ ފަރުވާއަށް ފަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި މި އެކްސިޑެންޓް ހިނގާފައިވަނީ ހުކުރު ދުވަހުގެ މެންދުރު 14:09 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓުގައި، ދެ ސައިކަލުގައި ތިބި ދެ މީހަކަށް އަނިޔާވި ކަމަށާއި އެއީ އަންހެނަކާއި ފިރިހެން ކަމަށް އޭރު ފުލުހުން ބުންޏެވެ. އަދި އެކްސިޑެންޓުވި ވަގުތު ވިއްސައިގެން ދިޔަ ތަކެތި، އެ ސަރަހައްދުން ބައިސްކަލެއްގައި ދިޔަ ކުއްޖެއްގެ ގައިގައި ޖެހި އެ ކުއްޖާއަށް ވެސް އަނިޔާވި ކަމަށް އޭރު ފުލުހުން މައުލޫމާތު ދިނެވެ.
އެ އެންމެން ފަރުވާއަށް ގެންދިޔައީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވި ގޮތުގައި، އެކްސިޑެންޓުގައި އަނިޔާވީ 17 އަހަރުގެ ކުއްޖަކަށެވެ. އެ ކުއްޖާއަށް މާ ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާތީ، ހުކުރު ދުވަހުގެ ރޭ ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އެ އެކްސިޑެންޓުގައި ބޮލަށް އަނިޔާވި 20 އަހަރުގެ ފިރިހެން މީހާ އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ފޮނުވާލާފައެވެ. އަދި އަނިޔާވި އަންހެން މީހާގެ ފައި ފަލަމަސްގަނޑާ ހިސާބުން ބިނދިފައިވާތީ، އޭނާއަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އެ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން މިހާރު ދަނީ އިތުރު ތަހުގީގެއް ހިންގަމުންނެވެ.
ފުލުހުންގެ އެންމެ ފަހުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އެކްސިޑެންޓުތަކެވެ. އެގޮތުން، މި އަހަރު 2,387 އެކްސިޑެންޓެއްގެ މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
