ބޮޑު ތިލަދުންމަތި ފިޔަވައި އެހެން ހުރިހާ ސަރަހައްދަކަށް ނެރުނު ހުދު ސަމާލު މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ދަންމާލައިފިއެވެ.
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ށ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރުނީ، 08:10ގައެވެ. އެ ސަމާލު އޭރު ނެރެފައި އޮތީ، 14:00އާ ހަމައަށެވެ.
އޭގެފަހުން، މެޓުން ވަނީ އެ ސަމާލު މިރޭ 20:00އާ ހަމައަށް ދަންމާލާފައެވެ.
https://x.com/MetMaldives/status/2111012229651017972
މިއަދު 18:00އާ ހަމައަށް މެޓުން މޫސުން ލަފާކޮށް ނެރެފައިވާ މައުލޫމާތުގައި ވަނީ، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް ބުނެފައެވެ.
މީގެއިތުރުން، ހުރިހާ ސަރަހައްދަކަށް ވައި ޖެހޭނީ، ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި 35 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
ބޯކޮށް ވާރޭ ވެހުނަސް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ. އެކަމަކު، ވިލާގަނޑުގައި ކަނޑުތައް ގަދަވާއިރު، ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާ ފަސް ފޫޓާ ދެމެދުގައެވެ.
މެޓުގެ ރެކޯޑުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރު ތެރޭ އެންމެ ގިނައިން ވާރޭ ވެހުނީ ބ. ދަރަވަންދުއަށެވެ. އެ ރަށަށް 81 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، ފ. ނިލަންދުއަށް 51.8 މިލިމީޓަރުގެ ވާރޭ ވެހުނެވެ.
