ރާއްޖޭގެ ރިސޯޓުތަކުގެ މެދުގައި ކުރިއަށްދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓު ލީގުގެ ހަ ޒޯނުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ރިސޯޓު ސުޕަ ލީގުގައި ކުޅުނު ދެ ލެގު ކާމިޔާބުކޮށް ސަން ސިޔާމް އޮޅުވެލިން ފައިނަލާ ގާތަށް ޖެހިލައިފިއެވެ.
ރިސޯޓު ސުޕަ ލީގުގައި ކުޅޭ ހަ ޓީމަކީ ސައުތު މާލޭ ޒޯނުގެ ޗެމްޕިއަން ސަން ސިޔާމް އޮޅުވެއްޔާއި ނޯތު މާލޭ ޒޯނުގެ ޗެމްޕިއަން ބަރޮސް މޯލްޑިވްސްގެ އިތުރުން ނޫނު ޒޯނުގެ ޗެމްޕިއަން ވެލާ ޕްރައިވެޓް އައިލެންޑާއި ބާ ޒޯނުގެ ޗެމްޕިއަން ފިނޮޅު މޯލްޑިވްސް އަދި އަރި ޒޯނުގެ ޗެމްޕިއަން ކޮންރެޑް މޯލްޑިވްސްއާއި ދާލު ޒޯނުގެ ޗެމްޕިއަން ސެއިންޓް ރީޖަސް ވޮއްމުއްޔެވެ.
ރިސޯޓު ސުޕަ ލީގު 2026 ގައި ސަން ސިޔާމް އޮޅުވެލިން ބަރޮހާ ދެކޮޅަށް ކުޅުނު ދެވަނަ ލެގުގައި އޮޅުވެލިން ލަނޑު ޖެހުމަށްފަހު-- ފޮޓޯ: ރިސޯޓު ލީގު
ސުޕަ ލީގުގައި އެންމެ ފުރަތަމަ ކުޅުނީ މާލޭ އަތޮޅުގެ ދެ ޒޯނުގެ ޗެމްޕިއަނުންނެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުޅުނު މި ދެ މެޗާއެކު ސަން ސިޔާމް އޮޅުވެލިން ވަނީ ކުޅުނު ދެ ލެގާއެކު 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. އެގޮތުން ސަން ސިޔާމް އޮޅުވެލީގައި ކުޅުނު ފުރަތަމަ ލެގު 2-1 އިން ސަން ސިޔާމް އޮޅުވެލި ކާމިޔާބުކުރި އިރު ކުރުނބާ މޯލްޑިވްސްގައި ކުޅުނު ދެވަނަ ލެގު ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ.
މުބާރާތުގެ ފޯމެޓު ރޭވިފައިވާ ގޮތުން ސުޕަ ލީގުގެ ތިން މެޗުގެ ތެރެއިން އެންމެ ގިނަ ގޯލު ޖަހައިގެން ފައިދާ ގޯލުގެ ތަފާތުން އެންމެ ކުރި ލިބޭ ޓީމަކަށް މުބާރާތުގެ ފައިނަލުގެ ސީދާ ޖާގައެއް ލިބެއެވެ. އަަނެއް ދެ މެޗުން މޮޅުވާ ޓީމެއް ކުޅޭނީ ސެމީ ފައިނަލް މެޗެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމެކެވެ.
ރިސޯޓު ސުޕަ ލީގު 2026 ގެ ޝެޑިއުލް--
ރިސޯޓު ސުޕަ ލީގުގެ ދެެން ކުޅޭނީ ބާ ޒޯނުގެ ޗެމްޕިއަން ފިނޮޅާއި ނޫނު ޒޯނުގެ ޗެމްޕިއަން ވެލާ ޕްރައިވެޓް އައިލެންޑް ބައްދަލުކުރާ މެޗެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ މި ދެ މެޗުގެ ތެރެއިން ފުރަތަމަ ލެގު 17 އޮކްޓޯބަރުގެ ހަވީރު 16:00 ގައި ކުޅޭނީ ވެލާގައެވެ. ދެވަނަ ލެގު 19 އޮކްޓޯބަރުގެ ހަވީރު 16:00 ގައި ކުޅޭނީ އަވާނީ ފަރެސްގައެވެ.
އެއަށްފަހު ސުޕަ ލީގުގެ ދެން ބައްދަލުކުރާނެ ދެ ޓީމަކީ އަރި ޒޯނުގެ ޗެމްޕިއަން ކޮންރެޑާާއި ދާލު ޒޯނުގެ ޗެމްޕިއަން ވޮއްމުއްޔެވެ. މި ދެ ޓީމުގެ ކުރިމަތިލުމުގެ ތެރެއިން ފުރަތަމަ ލެގު ކޮންރެޑުގައި ކުޅޭނީ 21 އޮކްޓޯބަރުގައެވެ. އަދި ދެވަނަ ލެގު ނުވަތަ ވޮއްމުލީގެ ހޯމް މެޗު ކުޅޭނީ އަންގްސާނާ ވެލާވަރުގައެވެ. މި މެޗު ކުޅޭނީ 23 އޮކްޓޯބަރުގައެވެ.
