ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ރޭ، ރެއާލް މެޑްރިޑާއި ރޯމާ ބައްދަލުކުރި މެޗު، ފަހަތުން އަރައި 3-4 ގެ ނަތީޖާއިން ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.
މެޗުގެ ކުރީކޮޅު، ރޯމާއިން ވަނީ ރެއާލްގެ ގޯލަށް ހުއްޓުމެއްނެތި ނުރައްކާކޮށްފައެވެ. ނަމަވެސް އޭގެން ގިނަ ހަމަލާތަކެއް ދިފާއުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ ރެއާލްގެ ކީޕަރު، ތިބޯ ކޯޓޮއާއެވެ. އޭނާ ވަނީ ރޯމާގެ ނުރައްކާތެރި ހަތަރު ހަމަލާއެއް މި މެޗުގައި ހުއްޓުވާފައެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ވެސް ރޯމާއިންނެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއާއެކު މެޗުގެ 20 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދީފައި ވަނީ މާޓެން ޑެ ރޫންއެވެ. ނަމަވެސް އޭގެ ފަސް މިނެޓު ފަހުން ކިލިއަން އެމްބާޕޭ ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ފުރަތަމަ ހާފް ނިމުނީ މި ލަނޑާއެކު ދެ ޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ގިނައިރުތަކެއް ނުވެ، ރޯމާގެ ޑޮންޔެލް މަލެން ވަނީ 51 އަދި 57 ވަނަ މިނެޓުގައި ލަނޑު ޖަހައި، އެ ޓީމަށް ރަނގަޅު ލީޑެއް ނަގައިދީފައެވެ.
މެޗުގެ އޮއިވަރު ބަދަލުވާންފެށީ ރެއާލްގެ ޒުވާން ތަރިން ކަމަށްވާ އެންޑްރިކް، އާރްދާ ގޫލާ އަދި ކާލޯސް އެސްޕީ ކުޅެން ނުކުތުމާއެކުއެވެ. ރެއާލް މޮޅުވުމުގައި ވަކިން ހާއްސަކޮށް އާރްދާ ގޫލާގެ ދައުރު ވަރަށް ބޮޑެވެ.
ރެއާލް މެޑްރިޑާއި ރޯމާ ބައްދަލުކުރި މެޗަށްފަހު އެންޑްރިކް، މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު -- ފޮޓޯ: ރެއާލް މެޑްރިޑް
ރެއާލްގެ ފަހު ތިން ލަނޑުވެސް ފެނިގެންދިޔައީ އާރްދާ ގޫލާ ނަގައިދިން ކޯނަރުތަކުންނެވެ. އެގޮތުން ރެއާލް މެޑްރިޑްގެ ދެވަނަ ލަނޑު، ގޫލާ ނަގައިދިން ކޯނަރު އެންޑްރިކް ބޮލުން ޖައްސައި، ތަނަވަސްކޮށްދިން ފުރުސަތުން މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށް ދިނީ ކާލޯސް އެސްޕީއެވެ. އަދި 85 ވަނަ މިނެޓުގައި އެންޑްރިކް ތިންވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، 90 ވަނަ މިނެޓުގައި ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރުޑިގާއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ވެސް އެންޑްރިކްއެވެ.
ރެއާލް މެޑްރިޑަކީ، ޚާއްސަކޮށް ޗެމްޕިއަންސް ލީގުގައި މިގޮތަށް ފަހު ވަގުތު ގިނަ ލަނޑުތަކެއް ޖަހައިގެން ފަހަތުން އަރައި މޮޅުވުމަށް މަޝްހޫރު ޓީމެކެވެ. އެގޮތުން 2014 ވަނަ އަހަރު ލިޒްބަންގައި ކުޅުނު ފައިނަލް މެޗު، އޭގެ ތެރެއިން އެންމެ ޚާއްސަ އެއް މެޗަށް ވާނެއެވެ.
