ފިކުރު ބޮޑުވުން ފަދަ މައްސަލަތައް އެންމެ ބޮޑަށް ދިމާވަނީ، ގްރޭޑް 10 އަކާއި 12 އާ ދެމެދުގައިކިޔަވާ ދަރިވަރުންގެ މެދުގައި ކަމަށް މިދިޔަ އަހަރު ހެދި ދިރާސާއެއްގައި ބުނެފިއެވެ.
މިދިޔަ އަހަރުގެ ޖަނަވަރީ އެކަކުން ފެށިގެން މިދިޔަ ޑިސެމްބަރު 27ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ދިރާސާގައި ވަނީ، މާލެ ސަރަހައްދު ހިމެނޭހެން ރާއްޖޭގެ ނުވަ ސަރަހައްދުން 418 ދަރިވަރުންގެ މައުލޫމާތު އެއްކޮށްފައެވެ.
މި މައުލޫމާތުތައް ދިރާސާކޮށްފައިވަނީ ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަން ހުރި ގޮތް ދެނެގަތުމަށެވެ.
މިގޮތުން، ދިރާސާގެ ނަތީޖާތަކުން ދައްކާގޮތުގައި، ހާސްކަމާއި މެދުނުކެނޑި ފިކުރުބޮޑުވުމާއި ނިދުމުގެ މައްސަލަތައް ދަރިވަރުންގެ މެދުގައި ވަރަށް ބޮޑަށް އެބަހުއްޓެވެ.
ދަރިވަރުންތަކެއް -- ސަން ފޮޓޯ/ މުހައްމަދު އަފްވާން
މި މައްސަލަތައް އެންމެ ބޮޑަށް ފާހަގަކުރެވެނީ 10 އިން 12އާ ދެމެދުގެ ގްރޭޑުތަކުގައި ކިޔަވާ ދަރިވަރުންގެ މެދުގައި ކަމަށް ދިރާސާގައި ބުންޏެވެ.
ދިރާސާގެ ހޯދުންތަކުން އެނގޭ ގޮތުގައި މި ކަމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، މަލާމާތްކުރުމާއި ފުރައްސާރަކުރުމާއި އެކަހެރިވުން އަދި އާއިލީ މައްސަލަތައް ހިމެނެއެވެ.
މީގެ އިތުރުން، ކިޔެވުމުގެ ފިއްތުންތަކާއި، ނަފްސާނީ ބަލިތަކަށް މުޖުތަމައު ދެކޭ ގޮތުގެ ސަބަބުން، ބޭނުންވާ އެހީތެރިކަން ހޯދުމަށް އާއިލާތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާ ކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.
ނަތީޖާއާ ހަވާލާދީ، ދިރާސާގައި ބުނީ، ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަކީ ސްކޫލުގެ މާހައުލާއި ގޭތެރޭގެ ހާލަތާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށެވެ.
އެހެންވެ، ކަމާބެހޭ ފަރާތްތަކުން ސްކޫލްތަކުގެ މުވައްޒަފުންގެ ފެންވަރު އެއް މިންގަނޑަކަށް ގެނައުމާއި، ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަން ގަވާއިދުން ބެލޭނެ ނިޒާމެއް ގާއިމުކުރުމާއި، އަދި ނަފްސާނީ ބަލިތަކާމެދު މުޖުތަމައު ހޭލުންތެރިކުރުވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މުހިންމު ކަމެއް ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.
