ތެލާއި އަސާސީ އެހެނިހެން ތަކެތީގެ އަގުތައް މައްޗަށް ގޮސް ސަބްސިޑީއަށް ކުރި ހޭދަ ދެގުނަވެ، ދައުލަތުގެ ބަޖެޓުން ބޭރުން 1.37 ބިލިއަން ރުފިޔާ ސަބްސިޑީއަށް ޚަރަދުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާއްމުކުރާ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް' އިން އެނގޭ ގޮތުގައި އަހަރުގެ މިހާތަނަށް ސަބްސިޑީގެ ގޮތުގައި 4.26 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއީ މިއަހަރު ސަބްސިޑީއަށް ބަޖެޓުކުރި 2.89 ބިލިއަން ރުފިޔާއާ އަޅާ ބަލާއިރު ދެގުނަ އަދަދެކެވެ.
މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވެސް މިއަހަރު ސަބްސިޑީއަށް މިވަނީ ދެގުނަ ޚަރަދުކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ވަނީ 2.48 ބިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ޚަރަދުކޮށްފައެވެ.
އެހެންކަމުން މިއަހަރުގެ މިހާތަނަށް ބަޖެޓުގެ ބޭރުން ސަބްސިޑީއަށް 1.37 ބިލިއަން ރުފިޔާ މިވަނީ ޚަރަދުކޮށްފައެވެ.
ސަބްސިޑީ ނިޒާމުގެ ދަށުން، ކާޑުގެ ބާވަތްތަކާއި ފެނާއި ކަރަންޓާއި ނަރުދަމާގެ ހޭދައިން ރައްޔިތުންނަށް ލުއިތައް ދިނުމަށް، ސަރުކާރު ކުންފުނިތަކަށް ބަޖެޓުން ފައިސާ ދޫކުރެއެވެ.
ބެލެވޭ ގޮތުގައި ސަބްސިޑީއަށް ދައުލަތުގެ ބަޖެޓުން މިހާ ބޮޑު ޚަރަދެއް ކުރަން ޖެހިފައި މިވަނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލަށް ކުރަން ޖެހުނު ޚަރަދު އިތުރަށް ބޮޑުވުމެވެ. ސަރުކާރުން ވަނީ ތެލަށް ކުރަންޖެހޭ ޚަރަދު ބޮޑުވި ނަމަވެސް ރައްޔިތުންނަށް އަތްފޯރާ އަގެއްގައި ތެޔޮ ލިބޭނެކަން ކަށަވަރު ކުރާނެ ކަމަށް މީގެ ކުރިން ބުނެފައެވެ.
ސަބްސިޑީއަށް ކުރާ ޚަރަދު ކޮންމެ އަހަރަކު އިތުރުވެ، ބަޖެޓުން ބޭރުން ހޭދަކުރަން ޖެހެއެވެ. އެގޮތުން މިދިޔަ އަހަރު ސަބްސިޑީއަށް ބަޖެޓުގައި ޖެހީ 1.86 ބިލިއަން ރުފިޔާ ނަމަވެސް، އަހަރު ނިމުނުއިރު ޚަރަދު ވަނީ 3.45 ބިލިއަން ރުފިޔާއަށް އަރައިފައެވެ.
ރާއްޖޭގެ ސަބްސިޑީއާއި އާސަންދަ ނިޒާމު ހިންގަނީ ދެމެހެއްޓެނިވި ގޮތެއްގައި ނޫންކަން އޮޑިޓުންް ދައްކައިފައިވާއިރު، ބޭރުގެ އިދާރާތަކުން ވެސް އެކަން ފާހަގަކުރެއެވެ. އަދި އާސަންދައާއި ސަބްސިޑީ ނިޒާމު ހަރުދަނާކޮށް، އެފަދަ އެހީ އެންމެ ހައްގު މީހުންނަށް 'ޓާގެޓެޑް' ގޮތެއްގައި ދިނުމަށް ލަފާދީފައިވެއެވެ.
ދައުލަތުގެ ޚަރަދު ކުޑަކުރުމަށް މިދިޔަ އަހަރުގެ ބަޖެޓުގައި ހިމެނި ފިޔަވަޅުތަކުގެ ތެރޭގައި، ކަރަންޓާއި ކާބޯތަކެތި އަގުހެޔޮ ކުރުމަށް އެންމެނަށް ދޭ ސަބްސިޑީ، އެހީ ބޭނުންވާ މީހުންނަށް ދިނުން ހިމަނައިފައެވެ. އެހެންނަމަވެސް، މިދިޔަ އަހަރުގެ ވަކި ހިސާބަކުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އިސްލާހުތައް ތަންފީޒު ނުކުރުމަށް ނިންމަވައިފައެވެ. އެއީ، ރައްޔިތުންނަށް ދެމުން އައި އެއްޗެއް އުނިނުކުރުމުގެ ގޮތުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ އެ ނިންމެވުމަށް އިގުތިސާދީ މާހިރުންގެ ފާޑުކިޔުންތައް އަމާޒުވިއެވެ.
ހަމައެއާއެކު ސަރުކާރު ކުންފުނިތަކާއި ސަބްސިޑީ ސްކީމްތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން ލަސްވާތީ ގައުމުގެ އިގުތިސާދަށް އޮތް ނުރައްކާ ބޮޑު ކަމަށް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ން ވަނީ މި ފަހުން ވެސް ލަފާ ދީފައެވެ.
މިދިޔަ ފެބްރުވަރީ މަހުގެ 28ގައި މެދުއިރުމަތީގައި ފެށި ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ތެލުގެ އިތުރުން އަސާސީ އެހެނިހެން ތަކެތީގެ އަގު އުފުލި، އަހަރުގެ ބާކީ އޮތް މުއްދަތުގައި ވެސް އަގުތައް އުފުލޭނެ ކަމަށް ބޭރުގެ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ.
