ސީދާ ތިން ސެޓުން ލަޔަންސް ރެކްރިއޭޝަން ކުލަބް ބަލިކޮށް، ލީގުގެ ހަތަރުވަނަ ޓީމުގެ ގޮތުގައި ކުލަބް އެމްޓީސީސީ، ގައުމީ ވޮލީބޯޅަ ޗެމްޕިއަންޝިޕަށް ކޮލިފައިވެއްޖެއެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުޅުނު މި މެޗުގެ ސެޓުތައް އިން ގެންގޮސްފައިވަނީ 19-25، 23-25 އަދި 20-25 އިންނެވެ.
މި މެޗަކީ ގައުމީ ވޮލީ ޗެމްޕިއަންޝިޕަށް ދިއުމަށް ޓަކައި ދެ ޓީމަށް ވެސް މޮޅުވުން މަޖުބޫރު މެޗެއް ކަމުން، ފުރަތަމަ ސެޓުގެ ކުރީކޮޅު އެކަން ވަރަށް ރަނގަޅަށް ފެނުނެވެ. ސެޓުގެ މެދެއްހައި ހިސާބުން އެމްޓީސީސީ ރަނގަޅު ލީޑެއް ނަގައި، ލީޑު ދަމަހައްޓަމުންދިޔަ ނަމަވެސް ލަޔަންސްގެ ފަރާތުން ވެސް ފެނިގެންދިޔައީ ހިތްވަރު އެލުވައިނުލާ، ރަނގަޅު ފައިޓެއް ދެމުން އައި ތަނެވެ. ނަމަވެސް އެމްޓީސީސީން މި ސެޓު ގެންގޮސްފައިވަނީ ރަނގަޅު ލީޑެއްގައި އޮވެގެންނެވެ.
ގައުމީ ވޮލީ ލީގުގައި ކުލަބް އެމްޓީސީސީ އާއި ލަޔަންސް ރެކްރިއޭޝަން ކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާން
އެއާ ހިލާފަށް ދެވަނަ ސެޓު އެއްކޮށް ވެސް ފެނިގެންދިޔައީ ލަޔަންސްއިން އެ ޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް، އެންމެ ފަހު ޕޮއިންޓާ ހަމައަށް ވެސް ވާދަވެރިކަން ހިފެހެއްޓި ތަނެވެ. މި ވާދަވެރިކަން ތިންވަނަ ސެޓަށް ވެސް ދެމިގެންދިޔަ ނަމަވެސް ސެޓުގެ ފަހުކޮޅު ލަޔަންސްއިން ނެގި ޓައިމްއައުޓަކަށްފަހު ފެނުނީ އެމްޓީސީސީން މެޗު ނިންމާލަން ހިފާލައި، އެ ކަން ކާމިޔާބުކުރި ތަނެވެ.
މި ނަތީޖާއާއެކު ލީގުގެ ހަތަރުވަނަ ޓީމުގެ ގޮތުގައި ގައުީ ވޮލީބޯޅަ ޗެމްޕިއަންޝިޕަށް ކޮލިފައިވެފައިވަނީ އެމްޓީސީސީއެވެ. ލަޔަންސުން މުބާރާތާ ވަކިވެފައިވަނީ އެންމެ މެޗަކުން ވެސް މޮޅުނުވެވިއެވެ.
ދެން އޮތީ ކުލަބް އެޗްޑީސީ އާއި ދިވެހި ސިފައިންގެ ކުލަބު ބައްދަލުކުރާ މެޗެވެ.
މުބާރާތުގެ ހުރިހާ މެޗެއްވެސް ސަން ޕްލޭ އެޕް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެއެވެ. މެޗުގެ ޓިކެޓުގެ އަގަކީ ސޯޝަލް ސެންޓަރަށް ދުރުވާނަމަ 30 ރުފިޔާ އަދި އޮންލައިންކޮށް، ސަން ޕްލޭ އެޕް މެދުވެރިކޮށް ބައްލަވާނަމަ 25 ރުފިޔާއެވެ.
