ޗައިނާގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް 880 ސޯލާ މަގު ބައްތި މިއަދު ހަދިޔާކޮށްފިއެވެ.
އެ ކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ކަމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވީ، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާއެވެ.
ހައުސިން މިނިސްޓްރީން ބުނީ، މިއީ ސާފު ހަކަތަ ބޭނުންކުރުމަށާއި ރަށްތަކުގެ ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމަށް ކުރާ މަސައްކަތަށް ލިބުނު މުހިންމު ބާރެއް ކަމަށެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ --- ފޮޓޯ/ ހައުސިން މިނިސްޓްރީ
އެ ރަސްމިއްޔާތުގައި ޗައިނާ ސަފީރު ވިދާޅުވީ، އުއްމީދަކީ އެ ގައުމުން ހަދިޔާކުރި މަގުބައްތިތަކާއިއެކު ދިވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައުން ކަމަށެވެ.
މީގެކުރިން ޗައިނާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ސޯލާ މަގުބައްތިތައް ތިން ރަށެއްގައި ހަރުކުރެވިފައިވާކަން ފާހަގަކުރައްވަމުން ސަފީރު ވަނީ، މިފަހަރު ހަދިޔާކުރާ މަގުބައްތިތަކާއިއެކު އިތުރު ރަށްރަށުގައި މަގުބައްތިތައް ހަރުކުރެވި އިއާދަކުރަނިވި ހަކަތައަށް ރާއްޖެ ބަދަލުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ކާމިޔާބީ ލިބޭނެ ކަމަށް ވިދާޅުވެފައެވެ.
ފާހަގަކުރެވޭ ގޮތުގައި، މި ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރާ ހަމައަށް ދާއިރު، ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމެވެ.
