ޑިޖިޓަލް ޕްލެޓްފޯމްތައް ތައާރަފްވުމާ އެކު ވަކި ފަންތިއަކަށް ނުބަލައި ހުނަރުހުރި ކޮންމެ ފަންނާނަކަށް ވެސް ގިނަ ފުރުސަތުތަކެއް އެ ޕްލެޓްފޯމްތައް މެދުވެރިވެގެން ހޯދައިދެމުން އަންނަ ކަމަށް ކުރީގެ މަޝްހޫރު ބަތަލާ ސޮނާލީ ބެންޑްރޭ ބުނެފިއެވެ.
ޕީޓީއައިއަށް ދިން އިންޓަވިއުއެއްގައި ސޮނާލީ ފާހަގަކުރިގޮތުގައި ސްޓްރީމިންގް ޕްލެޓްފޯމްތަކާއި މަލްޓިޕްލެކްސްތައް ތައާރަފުވުމާއެކު، މުޖުތަމައުގެ ހުރިހާ ފަންތިއަކަށް ކަމުދާގޮތަށް އެއް ފަރުމާއަކަށް ފިލްމު އުފެއްދުމުގެ މަޖުބޫރުކަން މިހާރު ވަނީ ކުޑަވެފައެވެ.
އޭގެ ބަދަލުގައި، ވަކި ޚާއްޞަ ބެލުންތެރިންތަކަކަށް އަމާޒުކޮށްގެން ތަފާތު ވާހަކަތައް ކިޔައިދިނުމުގެ ފުރުޞަތު ފުޅާވެފައިވާ ކަމަށާއި، މިއީ އެކްޓަރުންނަށް ތަފާތު ކެރެކްޓާތައް ކުޅުމަށް ލިބިގެންދާ ރަނުގެ ފުރުޞަތެއް ކަމަށް އޭނާ ބުންޏެވެ.
ނުވަދިހައިގެ އަހަރުތަކުގައި 'ދިލްޖަލޭ'، 'ޒަޚަމް'، 'ޑުޕްލިކޭޓް'، 'ހަމް ސާތު ސާތު ހޭ' އަދި 'ސަރްފަރޯޝް' ފަދަ ކާމިޔާބު ފިލްމުތަކުން ފެނިގެންދިޔަ ސޮނާލީ ވަނީ، އެންމެ ފަހުން އެމެޒޯން ޕްރައިމް ވީޑިއޯގެ ސީރީޒް 'ރާޚް'ގައި ހިތާމަވެރި މައެއްގެ ރޯލުން ފެނިފެވެ. މި ސީރީޒްއަށްފަހު، ކަލަސް ޓީވީ އަދި ޖިއޯ ހޮޓްސްޓާ އިން ގެނެސްދޭ 'ޕަތީ ޕަތުނީ އޯރް ޕަންގާ' ނަމަކަށް ކިޔާ ރިއަލިޓީ ޝޯއެއްގެ ހޯސްޓެއްގެ ގޮތުގައި ސޮނާލީ އަންނަނީ މިހާރު މަސައްކަތް ކުރަމުންނެވެ.
ސޮނާލީ ފިރިމީހާ، ގޯލްޑީ ބެލް އަދި ދަރިފުޅާ އެކު--ފޮޓޯ/އެންޑީޓީވީ
މި ޝޯއާ ގުޅޭގޮތުން ސޮނާލީ ބުނީ، "ރާޚް" ފަދަ ފުން ހިތާމަވެރި ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފެއްދި ވެބް ސީރީޒްއަކަށްފަހު މުޅިން ތަފާތު ޖޯންރާއެއްގެ ޝޯއަކުން ފުރުސަތު ލިބުނުކަމީ، އޭނާގެ އަމިއްލަ ނަފްސަށް ވަރަށް ބޮޑު އުފާވެރިކަމަކާއި ހިނިތުންވުމެއް ގެނުވައިދިން ކަމެއް ކަމަށެވެ.
އުމުރުން 51 އަހަރުގެ ބަތަލާ ބުނީ މިހާރު އޭނާ މަސައްކަތްކުރާ ޕްރޮޖެކްޓްތަކަށް ވަގުތު ހޭދަކުރުމުގައި މާ ބޮޑަށް ވިސްނައި ފިކުރުކުރާ ކަމަށެވެ. ޒުވާން ދުވަސްވަރު މަސައްކަތް ކުރިގޮތަށް މިހާރު ލިބޭ ކޮންމެ ފިލްމަކަށް ނުވަތަ ޝޯއަކަށް އެއްބަސް ނުވާކަމަށާއި، އުމުރުން ދުވަސްވަމުންދާ ވަރަކަށް ބާކީ އޮތް ވަގުތު މުހިންމު ކަންކަމުގައި ހޭދަކުރުމަށް އިސްކަންދޭ ކަމަށް ސޮނާލީ ވަނީ ބުނެފައެވެ.
ސޮނާލީ އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ 2013 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ ދޮބާރާ"އިންނެވެ. ބޮޑު ސްކްރީނަށް އަންނަން އަދިވެސް ބޭނުންވާ ކަމަށާއި ނަމަވެސް އެއީ ހައިބަތު ބޮޑު މަސައްކަތެއް ކަމުން ރަނގަޅު ފިލްމަކުން ފުރުސަތު ލިބިއްޖެނަމަ އެކަމަށްވެސް ތައްޔާރަށްހުރި ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
