ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ނެރުނު މިދިޔަ އަހަރުގެ "ކޯޕަރޭޓް ގަވަނަންސް ރިވިއު"ގައި، ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން އެންމެ މަތީ ދަރަޖައަކަށް ހިންގުމުގެ އުސޫލުތަކަށް ތަބާވެފައިވާ ކުންފުންޏަކަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ހޮވިއްޖެއެވެ.
މި އެސެސްމަންޓުގައި އެސްޓީއޯއިން ވަނީ ކޯޕަރޭޓް ގަވަރނަންސް ކޯޑަށް 97.5 އިންސައްތަ އަމަލުކޮށްގެން އެއްވަނަ ހޯދާފައެވެ. ސީއެމްޑީއޭއިން ބެލި ލިސްޓެޑް އަށް ކުންފުނީގެ ޖުމްލަ އެވްރެޖަކީ 92.9 އިންސައްތައެވެ. މި ރިޕޯޓަކީ ކުންފުނިތަކުގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ރިޕޯޓެކެވެ.
އެސްޓީއޯއިން މި ކާމިޔާބީ ހޯދާފައިވަނީ ޑިރެކްޓަރުން ތަމްރީނުކުރުމާއި، އެތެރޭގެ އޮޑިޓް ނިޒާމު ހަރުދަނާކުރުމުގެ އިތުރުން އޮޑިޓް ޕާޓްނަރުން ބަދަލުކުރުމުގެ މައުލޫމާތު ހާމަކުރުމުގައި ހޯދި ކުރިއެރުންތަކާ ގުޅިގެންނެވެ. އެގޮތުން، ވޭތުވެދިޔަ އަހަރު ޑިރެކްޓަރުންގެ ތަމްރީނަށް 1.03 މިލިއަން ރުފިޔާ ޚަރަދުކޮށް، އަށް ޕްރޮގްރާމެއް ފުރިހަމަކޮށްފައިވާކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. މީގެއިތުރުން، އޮޑިޓްގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެސްޓީއޯގެ ޗީފް އޮޑިޓް އެގްޒެކެޓިވް މަސައްކަތުގެ ގޮތުން އޮޑިޓް އެންޑް ރިސްކް ކޮމިޓީގެ ޗެއަރޕާސަނަށް އަދި އިދާރީ ގޮތުން ޗީފް އެގްޒެކެޓިވަށް ރިޕޯޓްކުރާ ގޮތަށް އޮންނަ އޮނިގަނޑު ސީއެމްޑީއޭއިން ވަނީ ފާހަގަކޮށްފައެވެ.
ހަމައެއާއެކު، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ދެމެހެއްޓެނިވި ތަރައްޤީގެ މައުލޫމާތުތައް (ސަސްޓެއިނަބިލިޓީ ޑިސްކްލޯޝާސް) ހާމަކުރި ދެ ކުންފުނީގެ ތެރޭގައި އެސްޓީއޯ ހިމެނިފައިވާއިރު، މިއީ 2026 ވަނަ އަހަރުން ފެށިގެން އަމަލުކުރަން ހަމަޖެހިފައިވާ ރާއްޖޭގެ ސަސްޓެއިނަބިލިޓީ ރިޕޯޓިން ފްރޭމްވޯކަށް ތައްޔާރުވުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެކެވެ.
މުޅި ބާޒާރަށް ބަލާއިރު، ކުންފުނިތަކުގެ ޖުމްލަ ކޮމްޕްލަޔަންސް ރޭޓު ވަނީ 2023 ގެ 86 އިންސައްތައާއި 2024 ގެ 88 އިންސައްތައާ އަޅާބަލާއިރު 92.9 އިންސައްތައަށް ކުރިއަރާފައެވެ. ނަމަވެސް، އެސެސްކުރި ކުންފުނިތަކުގެ އަދަދު މަދުވެފައިވާތީ އަހަރުތަކުގެ އަޅާކިޔުންތަކަށް ސަމާލުވާންޖެހޭ ކަމަށް ސީއެމްޑީއޭއިން ބުނެފައިވެއެވެ.
އެސްޓީއޯއިން ބޮޑު ކުރިއެރުމެއް ހޯދި ނަމަވެސް، ރަނގަޅުކުރަންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެ ކުންފުނީގެ އޮޑިޓް ކޮމިޓީގައި އެކައުންޓިންގ ނުވަތަ މާލީ ދާއިރާގެ ތަޖުރިބާކާރު މަދުވެގެން ދެ މެންބަރުން ތިބެންޖެހޭނެ ކަމަށް ކޯޑުގައި ބަޔާންކުރާ ޝަރުތު ހަމަނުވުމެވެ. މުޅި މާކެޓަށް ބަލާއިރު ވެސް އެންމެ ދަށްކޮށް ކޮމްޕްލައި ކުރެވިފައިވަނީ އޮޑިޓާއި އެތެރޭގެ ކޮންޓްރޯލްތަކުގެ ދާއިރާއިންނެވެ. އެއީ 86.8 އިންސައްތައެވެ.
ސީއެމްޑީއޭއިން ހާމަކުރި ގޮތުގައި މި ރިވިއުގެ މައިގަނޑު މަގްސަދަކީ ކުންފުނިތަކުގެ ހިންގުން ހާމަކަން ބޮޑު، ޒިންމާދާރު އަދި އިންވެސްޓަރުންގެ އިތުބާރު ބޮޑު ނިޒާމަކަށް ހެދުމަށް ބާރުއެޅުމެވެ.
