އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގެ 52 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، އިރާޤުގެ ވެރިރަށް ބަޣުދާދަށް ވަޑައިގެންފިއެވެ.
މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުން މާދަމާގެ ނިޔަލަށެވެ.
މި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު އިރުތިޝާމަށް އެއާޕޯޓުން މަރުޙަބާ ދެންނެވީ އިރާޤުގެ ޕޮލިޓިކަލް ޕްލޭނިންއާ ބެހޭ އަންޑަ ސެކްރެޓަރީ، ސަފީރު އަޙްމަދު ނާއިފެވެ.
އޯއައިސީގެ މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި، ވަފުދުތަކުގެ ވެރިން އަދި މަންދޫބުން ބައިވެރިވެވަޑައިގަންނަވާ މި މުހިންމު ސަމިޓުގައި، އިސްލާމީ އުންމަތާ ގުޅުންހުރި މުހިންމު މައްސަލަތަކާއި، ގައުމުތަކުގެ މެދުގައި އޮތް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
