ބޮޑެތި އަދަދުތަކުން ކުރާ ޖޫރިމަނާއިން އެކަނި ނުރައްކާތެރި އެކްސިޑެންޓްތައް ނުހުއްޓުވޭނެކަން ސަންގެ ޕޯލުން ދައްކައިފިއެވެ.
އިއްޔެގެ ނިޔަލަށް އެއް ހަފުތާގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ޕޯލްގައި އާންމުންގެ ހިޔާލު ހޯދާފައިވަނީ، ބޮޑެތި އަދަދުތަކުން ކުރާ ޖޫރިމަނާއިން ނުރައްކާތެރި އެކްސިޑެންޓްތައް ހުއްޓުވިދާނެތޯ ކުރި ސުވާލަށެވެ.
ސަން ޕޯލްގެ ނަތީޖާއަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ތާއީދުކޮށްފައިވަނީ ޖޫރިމަނާއާއެކު ޖަލު އަދަބު ދިނުމަށެވެ. އެގޮތުން 67.4 ޕަސެންޓް މީހުން ބުނެފައިވަނީ ޖޫރިމަނާއާއެކު ޖަލު އަދަބު ދޭން ޖެހޭ ކަމަށެވެ. ޖޫރިމަނާއިން އެކަނި ނުވާނެ ކަމަށް 19.2 ޕަސެންޓް މީހުން ވޯޓު ދީފައިވާއިރު، ޖަލު އަދަބު ދިނުން މުހިންމު ކަމަށް 9.7 ޕަސެންޓް މީހުން ވަނީ ބުނެފައެވެ. އަދި ޖޫރިމަނާއިން ހައްލުވާނެ ކަމަށް ވޯޓު ދީފައިވަނީ އެންމެ 3.6 ޕަސެންޓް މީހުންނެވެ.

މި ޕޯލް ކުރިއަށް ގެންގޮސްފައިވަނީ ޓްރެފިކް އުސޫލުތަކާ ހިލާފުވާ މީހުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ އާ ގާނޫނަށް އަމަލު ކުރަން ފެށި ދަނޑިވަޅެއްގައެވެ. ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓްރީން ބުނި ގޮތުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގުސަދުގައި އެކުލަވާލި އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ މި މަހުން ފެށިގެންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި މި ގާނޫނުގެ ދަށުން ކުރީގެ ގާނޫނު އުވާލައި، ޓްރެފިކް ކުށްތަކަށް ބޮޑެތި ޖޫރިމަނާތައް ކަނޑައެޅުމުގެ އިތުރުން، ޕެނަލްޓީ ޕޮއިންޓް ސިސްޓަމެއް ތައާރަފުކުރުމާއި ލައިސަންސް ނިޒާމަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ މަގުމަތީގެ އެކްސިޑެންޓްތަކުގެ ހާލަތަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މާލެއާއި ސިނަމާލެ ބްރިޖު އަދި ހައިވޭގައި 1،355 އެކްސިޑެންޓް ވަނީ ހިނގާފައެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7.49 އެކްސިޑެންޓެވެ. ގިނަ އެކްސިޑެންޓްތަކުގައި އެތައް ބަޔަކަށް އަނިޔާވެފައިވާއިރު ބައެއް މީހުންގެ ފުރާނަ ވެސް ގެއްލިފައިވެއެވެ.
މީގެ އިތުރުން، ފުލުހުންނަށް އިތުރު ބާރުތަކެއް ދީފައިވާ އާ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި 35 އެކްސިޑެންޓް ހިނގާފައިވާއިރު، ގަވާއިދާ ހިލާފުވި 653 މީހަކާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
