ވިލުންތެރި ގައުމެއް ބިނާކުރުމުގެ އިތުރުން ދެމެހެއްޓެނިވި އިގުތިސޯދަކަށް، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެންމެންނަށް ރައްކާތެރި، ސިއްހީގޮތުން ފައިދާހުރި އަދި ހެޔޮއަގުގައި ކާބޯތަކެތި ލިބޭނެކަން ކަށަވަރުކޮށްދޭ އީޖާދީ ދެމެހެއްޓެނިވި އަދި ވިލުންތެރި ކާބޯތަކެތީގެ ނިޒާމުތަކެއް ބިނާކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ މިއަހަރުގެ ކާބޯތަކެތީގެ ދުވަހުގެ ޝިއާރަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މިދުވަސް ހަނދާންކޮށްދެނީ ނިންމާ ނިންމުންތަކާއި ކުރާ ވުނަތަކަކީ މުސްތަގުބަލުގެ ޖީލުތަކުގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަންކަން ކަމަށެވެ. އަދި އީޖާދުކުރުމަށް ވުނަކުރުމަކީ، ޤައުމީ ފެންވަރުގައި ކާބޯތަކެތީގެ އުފެއްދުންތެރިކަން ފުޅާކޮށް، ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ ތެރެއިން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނަށް ދުޅަހެޔޮ، ދެމެހެއްޓެނިވި މުސްތަގުބަލެއް ކަށަވަރުކޮށްދެވޭނެ ކަމެއް ކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ދިވެހިރާއްޖެއަކީ ޖަޒީރާ ގައުމަކަށްވުމުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ގައުމީ ވިލުންތެރިކަމަށާއި އިގުތިސޯދީ ދެމެހެއްޓެނިވިކަމަށް އަސާސީ ގޮތުން ފުރިހަމަވާން ޖެހޭކަމެކެވެ. މީގެ އިތުރުން އައު ޓެކްނޮލޮޖީތައް ބަލައިގަނެ، ދަނޑުވެރިންނާއި މަސްވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އެތެރޭގެ އުފެއްދުންތެރިކަން އިތުރުކޮށް އަޅުގަނޑުމެންގެ ދިރިއުޅުމާއި މުޖުތަމައުތައް ދަމަހައްޓައިދޭ ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކުރަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
https://x.com/MMuizzu/status/2110940955151044715
ސަރުކާރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ނިޒާމުތައް ހިމަޔާތްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ވެސް ރައީސްގެ ޕޯސްޓުގައި އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން، މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކުރުމަށް ބާނާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ލިބޭނެކަން ކަށަވަރުކޮށް މަސްރައްކާ ކުރުމާއި ޕްރޮސެސްކުރުމުގެ ވަސީލަތްތައް ގާއިމުކޮށް، މުޅި ސިނާއަތުގެ ކުރިއެރުމަށް ފިޔަވަޅުތަކެއް ސަރުކާރުން އަޅާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ދަނޑުވެރިކަން ތަރައްގީކުރުމަށްޓަކައި ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން އެކި ރަށްތަކުގައި ދަނޑުވެރިކަމުގެ މަޝްރޫތައް ކުރިއަށްގެންދެވޭކަން ރައީސް ފާހަގަކުރެއްވިއެވެ. ރަށްތަކުގެ ބިންތައް ހެޔޮގޮތުގައި ބޭނުންކުރުމަށް ރަށްތަކަށް ބާރުއަޅައި، އުފެއްދުންތެރިކަން އިތުރުކުރުމުގެ ތެރެއިން ތާޒާ މޭވާ ލިބުން ފަސޭހަކޮށް، ދަނޑުވެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
ފައިނުގައި މީހަކު ދަނޑެއްގައި މަސައްކަތް ކުރަނީ-- ފޮޓޯ: ފައިނު ކައުންސިލް
ދިވެހިރާއްޖޭގެ އެތެރޭގެ ސަޕްލައި ޗެއިންތައް ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ދަނޑުވެރިންނާއި މަސްވެރިންނަށް ބާޒާރުތައް ފަހިކޮށްދީ، ދަނޑުވެރިކަމަށް އިތުރު ވުނަތަކަށް މަގުފަހިކޮށްދެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އީޖާދުތަކާއި މަސައްކަތުގެ ޢިލްމާއި ތަޖުރިބާ ބޭނުންކޮށްގެން އުފެއްދުންތެރިކަން އިތުރުކޮށް އިމްޕޯޓަށް ބަރޯސާވުން ކުޑަކުރުމުގެ މަސައްކަތް ކުރެވޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަޕްލައި ނިޒާމުތަކުގެ ވިލުންތެރިކަމާއި ދެމެހެއްޓެނިވިކަމަށް މަސައްކަތް ކުރަމުންދާ އެމަނިކުފާނު ވިދަޅުވިއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އިޖްތިމާޢީ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެންމެން އެކުގައި މިކަމަށް މަސައްކަތް ކުރުމުގެ ތެރެއިން ނިޒާމުތައް ހަރުދަނާކޮށް ދިވެހިންނަށް ހެޔޮ އަގުގައި ސިއްހަތަށް ފައިދާހުރި ކާނާ ލިބޭނެކަން ކަށަވަރުކުރެވޭނެކަމަށް ވިދާޅުވެ، ހުރިހާ އެންމެން އެކުގައި މަސައްކަތްކޮށް ދަނޑުވެރިންނާއި މަސްވެރިންނާއި އެމީހުންގެ އާއިލާތައް ބާރުވެރިކޮށް އެތެރޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ކޮންމެ ގޭބީސީއަކީ ސިއްޙަތަށް ފައިދާހުރި ކާނާ ހެޔޮއަގުގައި ލިބޭ ގޭބީސީއެއްކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.
