ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު އަށް ފަހަރު ހޯދާފައިވާ އާޖެންޓީނާގެ ލެޖެންޑް ލިއޮނަލް މެސީގެ ޝަރަފުގައި، ދެކުނު އެމެރިކާއިން އަލަށް ހޯދި ގަހުގެ ބާވަތަކަށް އޭނާގެ ނަމުން ނަން ދީފިއެވެ.
ސައިންސްވެރިން މި ގަހަށް ރަސްމީކޮށް ދީފައިވާ ނަމަކީ "ސަލްވިއާ މެސީ" އެވެ.
ޕެރޫގެ އެންޑީސް ފަރުބަދަމަތީގެ ސަރަހައްދުތަކުން ފެނުނު މި ގަހަކީ މިންޓް އާއިލާއަށް ނިސްބަތްވާ ބާވަތެކެވެ. ދިރާސާވެރިން ފާހަގަކުރި ގޮތުގައި، މި ގަހުގައި އަޅަނީ މަޑު ނޫކުލައާއި ހުދުކުލައިގެ މާތަކެކެވެ.
މިއީ އާޖެންޓީނާގެ ގައުމީ ޖާޒީގެ ކުލަތަކާ ނުހަނު އެއްގޮތް ކުލަތަކެކެވެ. ބޮޓެނިކަލް ގަވާއިދުތަކާ އެއްގޮތަށް މެސީގެ ނަމުގެ ފަހަތަށް 'އައި' އިތުރުކޮށް މި ގަހަށް ނަންދީފައިވަނީ އޭނާ ދުނިޔޭގެ ކުޅިވަރަށް ކޮށްދީފައިވާ އަގުހުރި ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
ކަނޑުގެ ސަތަހައިން 2،000 އާއި 2،400 މީޓަރުގެ އުސްމިނުގައި، ހިލަގިނަ ހިކިފަސް ސަރަހައްދުތަކުގައި ހެދޭ މި ގަސް ގާތްގަނޑަކަށް 1.5 މީޓަރަށް އުސްވެއެވެ.
އުނދަގޫ މާހައުލުތަކުގައި ދިރިހުރުމުގެ ހާއްސަ ކުޅަދާނަކަމެއް މި ގަހަށް ލިބިފައިވާއިރު، ސައިންސްވެރިން ބުނަނީ މިއީ ކުޅިވަރުގެ މައިދާނުގައި މެސީ ދައްކުވައިދޭ ހިތްވަރާއި ސާބިތުކަމާ ވަރަށް ބޮޑަށް ގުޅޭ ސިފައެއް ކަމަށެވެ.
ސިއްހީ ގޮތުން ފައިދާހުރި މާއްދާތައް އެކުލެވޭ ކަމަށް ބެލެވޭ މި ގަހަކީ މިހާރު ވެސް ނެތިދިއުމުގެ ބިރު ހީވެފައިވާ ބާވަތެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
