ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މިލްކުވެރިކަމުގެ ދަށުގައި އޮތް ހުޅުމާލޭގެ ބޮޑު ބިމެއް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން 94.5 މިލިއަން ރުފިޔާއަށް ގަނެފިއެވެ.
މި މުއާމަލާތަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ޞައްޙަ މުއާމަލާތެއް ކަމަށް ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނުން މިހާރު ވަނީ ކަނޑައަޅައި ހުކުމްކޮށްފައެވެ.
ފިނޭންސް މިނިސްޓްރީން ބަލައިގެންފައި ވަނީ ހުޅުމާލޭގެ ލޮޓް ނަންބަރު 11516ގެ ގޮތުގައި ފާހަގަކޮށްފައިވާ 25,011.43 އަކަފޫޓުގެ ބިމެކެވެ. މި ބިން ގަތުމަށް ދައުލަތުގެ ބަޖެޓުން 94,543,205.40 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
މި މައްސަލައަކީ ބިމުގެ މިލްކުވެރިކަން ރަސްމީކޮށް ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލުކުރުމަށްޓަކައި، "ބިމާއި އިމާރާތް ވިއްކުމުގެ މައްސަލަ"އެއްގެ ގޮތުގައި އެޗްޑީސީގެ ފަރާތުން ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ މައްސަލައެކެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ހުޅުމާލޭގެ ބިންތައް ތަރައްގީކޮށް ބެލެހެއްޓުމުގެ ގާނޫނީ ބާރު ލިބިފައިވާ އެޗްޑީސީން އެ ބިން ފިނޭންސް މިނިސްޓްރީއަށް ވިއްކުމަށް ދެފަރާތުގެ މެދުގައި އެއްބަސްވުން އެކުލަވާލައި، މުއާމަލާތް ވަނީ ފުރިހަމަކޮށްފައެވެ.
މީގެއިތުރުން، ބިމުގެ އަގަށްވާ 94.5 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން ވަނީ އެއްކޮށް އެޗްޑީސީއަށް ދައްކައި ޚަލާޞްކޮށްފައެވެ. ކޯޓުން ފާހަގަކުރި ގޮތުގައި އިސްލާމީ ޝަރީއަތުގައި ވިޔަފާރިއެއް ފުރިހަމަވުމަށް ބޭނުންވާ މައިގަނޑު ރުކުންތައް ކަމަށްވާ ޢަޤުދުވުމާއި، އިޖާބައާއި ޤަބޫލު ފުރިހަމަވެ، އަދި އެއްބަސްވި އަގު އެއްކޮށް އަދާކޮށްފައިވާކަން ލިޔެކިޔުންތަކުން ސާބިތުވެއެވެ.
މި މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ގާޒީ ކުރެއްވި ހުކުމުގައި ވަނީ، އެޗްޑީސީގެ ނަމުގައިވާ މި ބިން 94,543,205.40 ރުފިޔާއަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އަށް ވިއްކުމަށް ހިންގާފައިވާ މުއާމަލާތަކީ ސައްހަ މުއާމަލާތެއް ކަމަށެވެ. އަދި މުއާމަލާތް ފުރިހަމަވެ، ފައިސާ ދައްކައި ނިމިފައިވާތީ، ހުޅުމާލޭގެ އެ ބިމުގެ މިލްކުވެރިކަން ދިވެހި ދައުލަތުގެ ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލުކުރުމަށްޓަކައި ޝަރުޢީ އަދި ޤާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް ކޯޓުގެ ހުކުމުގައި ވަނީ ކަނޑައަޅުއްވާފައެވެ.
