ވިޔަފާރިކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި ސާފުކޮށް އެނގޭނެހެން އަގު ޖަހާފައި ނުހުންނަނަމަ، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު އިކޮނޮމިކް މިނިސްޓްރީން މިއަދު ދީފިއެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ބަޔާންކޮށްފައިވަނީ، ފިހާރަތަކާއި ވިޔަފާރިކުރާ އެކި ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ ގިނަ އަދަދެއްގެ މުދަލުގައި، މުދާ ގަންނަ މީހުންނަށް ސާފުކޮށް އެނގޭނެހެން އަގު ޖަހާފައި ނުހުންނަކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމާބެހޭ ގާނޫނުގެ 16 ވަނަ މާއްދާގައި ވާގޮތުން، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް އެނގޭގޮތަށް މެނުވީ އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާކަމެކެވެ. އަދި އަގު ސާފުކޮށް އެނގޭގޮތަށް ހުރިކަމަށް ބެލެވޭނީ ސީދާ އެ މުދަލެއްގައި ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި ހުރުމުންނެވެ. ނުވަތަ އެ މުދަލެއް ބަހައްޓާފައި ހުރި ތަނެއްގައި އަގު ލިޔެ ނުވަތަ ހަރުކޮށްފައި ބެހެއްޓުމުންނެވެ.
އެހެންކަމުން، ގާނޫނުގައިވާ ގޮތަށް މުދަލުގެ އަގު ސާފުކޮށް ފެންނަން ހުންނާނޭހެން ބެހެއްޓުމަށް މިނިސްޓްރީން ވަނީ ވިޔަފާރިވެރިންނަށް އިލްތިމާސްކޮށްފައެވެ.
ހުޅުމާލޭގެ ފިހާރަތަކެއް: ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި އަގު ނުޖަހާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މިކޮނޮމިކް މިނިސްޓްރީން ވަނީ ދީފައި --- ފޮޓޯ/ އެޗްޑީސީ
އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، ގާނޫނުގައި ބަޔާންކުރާ މި މިންގަނޑުތަކަށް ވިޔަފާރިތަކުން އަމަލުކުރޭތޯ ބެލުމަށްޓަކައި ގާނޫނުގެ ދަށުން އިންސްޕެކްޓްކޮށް މޮނިޓާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. އަދި ގަވާއިދާ ޚިލާފަށް އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
މި ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން މުދާ ވިއްކާ ފަރާތްތައް ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް މޮނިޓަކުރުމުގައި، މި ގާނޫނުން މަނާކޮށްފައިވާ ކަމެއް ކޮށްފައިވާ ފަރާތެއް ނުވަތަ މި ގާނޫނާ ޚިލާފުވެފައިވާ ފަރާތެއް ޖޫރިމަނާކުރުން ނުވަތަ އެހެން ފިޔަވަޅުތައް އެޅުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ގާނޫނާ ޚިލާފުވާ ފުރަތަމަ ފަހަރު -/1,000 ރުފިޔާއާއި -/100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެކަމެއް ރަނގަޅުކުރުމަށް މުއްދަތެއް ދެވެއެވެ. އެ ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު -/1,500 ރުފިޔާއާއި -/250,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެކަމެއް ރަނގަޅުކުރުމަށް މުއްދަތެއް ދެވޭނެއެވެ.
އޭގެ ފަހުން ވެސް ރަނގަޅު ނުކޮށްފި ނަމަ، -/5,000 ރުފިޔާއާއި -/250,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެ ތަނެއް ހަ މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ބަންދުކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް އޮންނާނެއެވެ.
